އާދެ! މިއީ ދައްކާލަން ޖެހޭ ވަރަށް މުހިއްމު ވާހަކައެކެވެ. ވަރަށް ގިނައިން ފެންނަ އަދި ހިނގަމުންދާ ކަމެކެވެ. އަންހެނަކަށްވުރެ ހުރެ އަންހެނުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ އެ ދިރިއުޅުމެއް ހަލާކު ކޮށްލާތަން ފެނެއެވެ. ދިރިއުޅުން އެކަންޏެއް ނޫނެވެ. އޮފީސް މާހައުލުގައިވެސް އަންހެނުން އެކަކު އަނެކަކަށް ހަސަދަވެރިވެއެވެ. ތިމާއަށް ވުރެ ރީތި ހެދުމެއް ލައިގެން ހުންނަ ނަމަ އެކަމާ ހަސަދަވެރިވެއެވެ. ތިމާއަށްވުރެ ރީތި ނަމަވެސް އެކަމާ ހަސަދަވެރިވެއެވެ. މީގެ އިތުރުން، ތިމާއަށްވުރެ ސިފައިގެ ގޮތުން ހުތުރުވީމަ، ނޫނީ ލައި އުޅޭ ހެދުންތައް ކަމުނުދާ ނަމަ އަދި މި ނޫނަސް ތިމާ ހިތްހަމަަނުޖެހޭ ކަމެއް ފެނިއްޖެނަމަ އެ އަންހެނަކާ ޖައްސާލައި، ރައްޓެހިން ކައިރީ އެ އަންހެނެއްގެ ވާހަކަތައް ދައްކައި މަލާމާތްކޮށް ހަދައެވެ.
މި މައްސަލައިގެ ތެރެއިންވެސް އެންމެ އާންމު ކަމަކަށްވެފައި އޮންނަނީ މީސްމީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަނުމެވެ. ހަގީގަތް އިނގޭއިރުވެސް ބައެއް އަންހެނުންގެ އާދައަކަށް މިކަން އޮންނަނީ ވެފައެވެ. މިގޮތަށް މި އޮންނަ އާދަ ދޫކޮށް އަންހެނަކަށް ލިބޭ ހިތާމަ ނޫނީ ދެރަކަމެއް މިއީ ތިމާމެންނަށްވެސް އުފުލަން ޖެހިދާނެ ކަމެއް ކަމަށް ވިސްނާލައިގެން އުޅެމާ ހިނގާށެވެ. އަންހެނަކަށްވެ ހުރެ އެހެން އަންހެނެއްގެ ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ އާދަ ދޫކޮށްލަން ހިނގާށެވެ. ދެރަ ދިނުމުގެ ބަދަލުގައި އަންހެނަކަށް ދެރައެއް ނޫނީ އަނިޔާއެއް ލިބެން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ތިމާ އަށް ފެނިއްޖެ ކަމުގައި ވަނީނަމަ އެކަމާ ދެކޮޅަށް ނޫނީ އެކަމުން އެމީހަކު ސަލާމަތް ކުރަން ނިކުންނަ ބަޔަކަށް ވަމާ ހިނގާށެވެ. އަންހެނުންގެ ދިރިއުޅުމުގައި އުފުލަމުންދާ ބުރައާއި ތަކުލީފު ދަނެ، ތިމާއަށް ވީވަރަކުން އެންމެ ކުޑަ މިނުން ހެޔޮ ބަހެއް ބުނެލަން ކެރޭ ވަރުގެ މީހަކަށް ވާށެވެ.
އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ މި މައްސަލަ ކިތަންމެ އާންމުވެފައިވީ ނަމަވެސް، އަންހެނުންގެ ތެރޭގައި ވަރަށް ރަނގަޅު ހެޔޮ ވިސްނޭ އަންހެނުންތައް އުޅޭކަމެވެ. އެފަދަ އަންހެނުންނަކީ އެހެން އަންހެނުންގެ އިހުސާސްތައް ދަންނަ ރަނގަޅު، ހައްގު ބަސް ބުނަން ކެރޭ ތެދުވެރި ބައެކެވެ. އެފަދަ މީހުން އެއްވެސް އަންހެނަކަށް ދެރައެއް ލިބޭފަދަ ކަމެއް ނުކުރާނެ އެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެންވެސް ބަލަންވީ މިފަދަ ވާދަވެރިކަން ބޮޑު އަދި ދިރިއުޅުމުގެ އެކި އެކި ރޭސްތައް ގިނަ ޒަމާނެއްގައި އަބަދުވެސް އަންހެނުންގެ ދިފާއުގައި ވާހަކަ ދައްކާ، ވަކާލާތު ކުރާ ބަޔަކަށް ވުމަށެވެ.

