ހެމޮރޮއިޑްސް ނުވަތަ ޕައިލްސް، އާންމު ނަމުންނަމަ ފުރަގަސްފަރާތު ބައްޔަކީ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލު ކުރާ ކަމެކެވެ. ޕައިލްސް އަކީ ފުރަގަސްފަރާތު ދޮރުކައިރީ ނުވަތަ އެތެރޭގައި ހުންނަ ނާރުތައް ދުޅަވުމެވެ. މިއީ ބައެއް ފަހަރަށް ވޭންދެނިވި އަދި ގިނަ ގުނަ އުނދަގޫތަކާ ކުރިމަތިކުރުވާ ކަމެކެވެ. އެގޮތުން ފުރަގަސްފަރާތު ދޮރު ކައިރީ ނުވަތަ އެތެރެ ދުޅަވެ، ތަދު ވުމުގެ އިތުރުން އެ ސަރަހައްދު ހިރުވުމުގެ އިތުރުން ބޮޑުކަމު ދިއުމުގައި ތަފާތު އެކި އެކި އުނދަގޫތައް ދިމާވުން ހިމެނެއެވެ.
ޕައިލްސް އަކީ ވޭން ހުރި ކަމެއް ނަމަވެސް، ގިނަ ފަހަރަށް ފުރާނައަށް ނުރައްކާކުރާ ކަމެއް ނޫނެވެ. މިކަން އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައި އޮތް ވަރު ބޮޑު ކަމުން ގިނަ ފަހަރަށް ޕައިލްސްގެ އުނދަގުލާ ކުރިމަތިވި ނަމަވެސް، ޑޮކްޓަރަށް ދެއްކުމަށް މާ ބޮޑު ސަމާލުކަމެއް ނުހުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޖެހިފައި ހުރީ ފުރަގަސްފަރާތު ބަލި ކަމަށް ހީކުރި ހީކުރުން ގޯސްވެ އަސްލު ޖެހުނީ ކެންސަރުކަން ތިމާ އަށް އިނގޭއިރު އޮންނަނީ ވަގުތުު ފާއިތުވެފައެވެ.
ފުރަގަސްފަރާތު ބައްޔާއި ގޮހޮރުގެ ކެންސަރުގައި، ދިމާވާ އަލާމާތްތަކުގައި އެއްގޮތް ކަންތަކެއް ހުރެ އެވެ. އެގޮތުން ބޮޑުކަމުދާއިރު ލޭ ހުރުމާއި ބަނޑުގައި ރިއްސުން ހިމެނެ އެވެ. ޕައިލްސް ހުންނަ މީހުން ވެސް ބޮޑުކަމުދާއިރު ބައެއް ފަހަރަށް ލޭ ހުރެ އެވެ. ގޮހޮރުގެ ކެންސަރުގައި ވެސް ކަންމިހެންވާއިރު ބައެއް ފަހަރަށް ޕައިލްސް ކަމަށް ހީކޮށް ފަރުވާކުޑަކޮށްލެވެނީ ހަގީގަތުގައި ނުރައްކާތެރި ކެންސަރަށެވެ.
ގޮހޮރުގެ ކެންސަރަކީ ގޮހޮރުގައި ކެންސަރު ސެލްތައް އުފެދި، ސެލްތައް ޑިވައިޑްވުމެވެ. މިފަދަ ސެލްތައް ގިނަވެ ގިނަ ދުވަސްވުމުން ޓިއުމަރަކަށް ބަދަލުވެއެވެ.
ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ބޮޑުކަމުދާއިރު ލޭ ހުރުމާއި، ބަނޑުގައި ރިއްސުމުގެ އިތުރުން ފާހާނާ އަށް ދިއުމުގެ އާދަ އަށް ކުއްލިއަކަށް ބަދަލު އައުން ހިމެނެއެވެ. މިއަދު ދިޔާކޮށް ބޮޑުކަމުދެވި މާދަމާ ބަނޑު ހިއްކައި ބޮޑުކަމުދިއުމުގައި އުނދަގޫތަކެއް ކުރިމަތިވާނަމަ އެއީ ވިސްނާލަން ޖެހޭ ކަމެކެވެ. ބޮޑުކަމުދިއުމުގައި އެއްވެސް ކަހަލަ ރޫޓިންގް އެއް ނެތި ބޭރަށް ހިންގުމާއި ބަނޑު ހަރުވުން ފަދަ މައްސަލަތައް ކައިރި ކައިރީގައި ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. މީގެ އިތުރުން، ބޮޑުކަމުދާއިރު، ތަކެތި ހިމަކޮށް (ޕެންސިލް ސްޓޫލްސް) އަދި އެތި އެތި ކޮޅުން އަންނަ ނަމަވެސް އެއީ ވެސް ވިސްލާން ޖެހޭ ކަމެކެވެ. މި މައްސަލަ ދިމާވަނީ ކެންސަރު ޓިއުމަރާ ހެދި ބޮޑުކަމުދާ ތަކެތި ގޮހޮރުގެ ތެރެއިން ޕާސް ކުރުމުގައި ބްލޮކުވެ ޝޭޕަށް ބަދަލު އަންނާތީ އެވެ. މީގެ އިތުރުން ވެސް ކުއްލިއަކަށް ޑައިޓަށް ބަދަލު ގެނައުމަކާ ނުލައި ބަރުދަން ލުއިވެ މީހާ ކާހިތް ކެނޑުމަކީ ވެސް ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކެވެ. ކެންސަރުގެ ފަހު ސްޓޭޖްތަކުގައި މޭނުބައިކޮށް، ހޮޑުލެވި އަދި ހޭނެތުން ފަދަ ކަންކަން ދިމާވެއެވެ.
ގޮހޮރުގެ ކެންސަރަކީ ކުރީ ސްޓޭޖްތަކުގައި ދެނެގަނެވިއްޖެނަމަ ފަރުވާދެވި ރަނގަޅު ކުރެވޭ ބައްޔެކެވެ. އެހެނީ ގޮހޮރުގައި އުފެދިފައި އިންނަ ޓިއުމަރުގެ ސެލްތައް ހަށިގަނޑުގެ އެހެން ހިސާބަކަށް ދަތުރު ނުކުރަނީސް ނުވަތަ ލޯކަލް ސްޓޭޖުގައި ބަލި ދެނެގަނެވި ފަރުވާ ދެވިއްޖެނަމަ ބަލިން އެއްކޮށްހެން ފަސޭހަވުމުގެ ފުރުސަތު ބޮޑެވެ.
ކަންމިހެން ހުރުމުން ބޮޑުކަމުދާއިރު ލޭ ހުރެއްޖެނަމަ ފަރުވާކުޑަ ނުކޮށް ވަގުތުން ސިއްޙީ ހިދުމަތްތެރިއެއްގެ ލަފާ ހޯދާށެވެ. އެހެނީ ޕައިލްސް ކަމަށް ހީކޮށް ތަހައްމަލު ކުރަމުންދަނީ ކެންސަރު ކަން އިނގޭއިރު ވަގުތު މާބޮޑަށްވެސް ފާއިތުވެދާނެއެވެ. ބޮޑުކަދުމާއިރު ލޭ ހުރުމާއި، ބަނޑުގައި ރިއްސައި އާއިލާގައި ކެންސަރު ޖެހިފައި ހުރި މީހެއް ހުރިކަމުގައި ވަނީނަމަ ގިނަ ފަހަރަށް ޑޮކްޓަރުން ވަގުތުން ކޮލޮނޯސްކޯޕީ އެއް ހައްދަން އިރުޝާދު ދޭނެ އެވެ. ކޮލޮނޯސްކޯޕީ އަކީ ފުރަގަސްފަރާތު ދޮރުން ކެމެރާ އެއް ވައްދައި ގޮހޮރު ތެރެ ބަލައި ހެދުމަށް ހަދައި އުޅޭ ޕްރޮސީޖާ އެކެވެ. މިއީ ވަރަށްވެސް އެފެކްޓިވް ޕްރޮސީޖާ އެކެވެ. އެހެނީ ބައެއް ފަހަރަށް ކެންސަރު ޖެހިފައި ނެތަސް ކޮލޮނޯސްކޯޕީ ހަދާއިރު ކެންސަރަށް ބަދަލުނުވެ އެހެން އުފެދިފައި ހުންނަ ކުދި ކުދި ޕޮލިޕްސްތައް ޑޮކްޓަރުން މި ޕްރޮސީޖާ ތެރޭ ނަގާލާނެއެވެ. އެހެނީ ބައެއް ފަހަރަށް މިފަދަ ޕޮލިޕްސްތައް ބޮޑުވެ ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮންނާތީ އެވެ.
އެހެންކަމުން، އާއިލާގައި ކެންސަރުގެ، ހާއްސަކޮށް ގޮހޮރުގެ ކެންސަރުގެ ހިސްޓްރީ އޮތް ނަމަ، އުމުރުން 35 އަހަރާއި 40 އަހަރާ ދެމެދު ކޮލޮނޯސްކޯޕީ އެއް ހައްދާލުން ރަނގަޅު ކަމަށް މާހިރުން އިރުޝާދު ދެއެވެ. ވަކިން ހާއްސަކޮށް ބޮޑުކަމުދާއިރު ލޭ އައިސް، ބަނޑުގައި ރިއްސުން ފަދަ މައްސަލަތަައް މެދުނުކެނޑި ކުރިމަތިވަމުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ވެގެންއުޅޭ ގޮތެއް ބަލާށެވެ. ޖުމްލަ ގޮތެއްގައި ފާހާނާކުރާއިރު ލޭ އައުން، ކެއްސާއިރު ލޭ އައުންފަދަ ކަންކަމަކީ ވަގުތުން ސިއްޙީ ހިދުމަތްތެރިއެއްގެ ލަފާ އެކަންކަމަށް ހޯދަންޖެހޭ ކަންތަކެވެ. ބައެއް ބާވަތުގެ ކެންސަރަކީ އަވަހަށް ދެނެގަނެވިއްޖެނަމަ މީހާގެ އުމުރު ދިގުކޮށް އަދި ބައެއް ފަހަރަށް މުޅިންހެން ރަނގަޅު ވެސް ކުރެވޭ ބާވަތުގެ ކެންސަރެވެ. އެހެންކަމުން އަމިއްލަ ސިއްޙަތާމެދު ފަރުވާކުޑަ ނުކޮށް، ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އަވަސްވެގަންނާށެވެ.

