ކުރީގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލްތައް ރަޖިސްޓަރީ ކުރުމުގައި ހިންގާފައިވާ ސްކޭމްގައި 2025,2026,2027 މި ތިން އަހަރަށް ވެސް ރަޖިސްޓްރީ ހައްދާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަދި ހަމަ މިމައްސަލައިގައި ހައި ސެކިއުރިޓީ ސަރަހައްދެއްގައި އޮތް ވެހިކަލްއެއް ވަގަށް ނެގި މައްސަލަ ތަހުޤީޤު ކުރަމުންދަަނިކޮށް ގުޅުންހުރި މީހެއްގެ ނަންމަތީގައި ނުޤަވާއިދުން 100 އަށްވުރެ ގިނަ ކާރު ރަޖިސްޓްރީކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހެންބުނީ މީޑިއާާއަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލަ ތަހުޤީޤުކުރަމުންދަނިކޮށް އެކާރާއި އަދި ދުވަސްތަކެއް ކުރިން ގެއްލިގެން ރިޕޯޓްކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ވެހިކަލްއެއް މާލޭގެ ގެއެއްގެ ގަރާޖެއްގެ ތެރެއިން ފެނިފައިވާކަމަށެވެ.
މިމައްސަލާގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ، މ. މޮޑަން ހޯމް އަހުމަދު ނިޒާމް، (43) އާއި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މ. ސީނި އަސުރުމާގެ އަހުމަދު ހައިޝަމް، (42) އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ނިޒާމުގެ ނަންމަތީގައި 100 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، ގަރާޖުގައި ހުރި ގިނަ ކާރުތައް ހުރީ އަސްލު ނޭގޭ ވަރަށް ބަދަލުކުރަން މަސައްކަތްކޮށްފައިކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިގޮތުން ވެހިކަލްތަކުގެ އިންޖީން ނަންބަރާއި ޗެސިސް ނަންބަރު ކަހައި ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަތަކާއި ގުޅިގެން ފުލުހުން ވިދާޅުވީ މި ކުށްތައް ހިންގާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މިވައްޒަފުންގެ އެހީއާއި އެއްބާރުލުން ލިބިގެން ކަމަށާއި މި ސްކޭމުގެ އަޑިއެއް ފުންމިނެއް އަދި ބުނަން ނޭގޭކަމަށެވެ. އަދި މީގެ އިތުރުން އަންނަންހުރި އަހަރުތަކަށްވެސް ކާރުތައް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި 2027 ވަނަ އަހަރާއި 2025 ވަނަ އަހަރަށް ރަޖިސްޓްރީކޮށްފައިވާކަން ފާހަގަވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ މިކަން ހިނގާފައި އޮތީ ނިޒާމްއާއި ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންތަކެއް ގުޅިގެން ވަރަށް ބޮޑަށް ރޭވިގެން ކަމަށް ފުލުހުންގެ ތަހުޤީޤަށް ހާމަވެފައިވާކަމަށެވެ.

