ނުވަދިހައިގެ އަހަރުތައް ނިމި ދެހާހުގެ އަހަރުތަކުގައި ރާއްޖެއަށް ތަރައްގީއާއި ފެޝަނުގެ އެކި ވައްތަރުތައް ހަލުވި މިނެއްގައި ފެތުރެމުން ދިޔަ ދުވަސްވަރުވެސް މިއަޑު އިވޭނެއެވެ. އީދު ދުވަހޭ، އައު ހެދުމެއްނެތި ބޭރަށް ދާނީ ކިހިނެއް؟ އަސްތާ އީދު ދުވަހު އައު ހެދުމެއް ނެތިއްޔާ ތަންތަނަށް ނުދެވޭނެ. އީދަށް އައު ހެދުމެއް ނެތެއްނު، ވަރަށް ފޫހިވޭ، މިކަހަލަ ކިތަންމެ އަޑެއް އޭރު އިވޭނެއެވެ. އޭރޭ މިކިޔަނީ މީގެ ދިހަ ބާރަ ވަރަކަށް އަހަރު ކުރީގެ ވާހަކަތަކެވެ. އަދި އެއަށްވރެ ކުރީގެ ވާހަކަތައްވެސް މެއެވެ.
އޭރު އީދު އަންނަކަން އެނގެނީ ގޭތެރޭގައި ހޭލަމޭލަވާ އަންހެންވެރިން ގެންގުޅޭ ކޮތަޅުތަކުންނެވެ. އަންނައުނު ފަހާ ފޮއްޗާއި ފައްސާފައި ހުންނަ އަންނައުނުތަކެވެ. މުޅިންވެސް އައު ތަކެއްޗެވެ، ހެދުމާއި ފައިވާން، ބޫޓު ފަދަ ތަކެތިވެސް އެބައެއްގެ ފެންވަރުން ހަމަ މުޅިން އާ ކޮށްލައެވެ. އީދު ދުވަހުގެ ފަތިހަށް ހާގޮވައި، އީދު ދުވަހުގެ އިރު ފެނުން ތޮޅިލާއިރު ގޭގޭގެ ގަސްގަހުގައި ފޮޅޭ ފިނިފެންމަލާއި، ގުލްހަޒާރުމަލާއި ގުލޭނޫރަންމާތަކާއި ހުވަނދުމާތަކުގެ އިތުރުން ސަނދުބަރަކަ މަލާއި ޗަންޕާޕޫލުމަލުގެ ވަހުން ގޯތިތެރެތައް އެއްވަސް ކުރާނެއެވެ. ދަރު އުނދުންތަކުގެ މަތީ ނާށި އަނގުރުން ފިހެވޭ ކޭކު، ބޯކިބާގެ ވަސް، ނޫނީ އަވަނުން ފިހެވޭ ކޭކާއި ފޮނި އަދި ކުޅި ބޯކިބާގެ ވަސް މި މާމެލާމެލީގެ ވަހުގެ ތެރެއިން އެކުވެގެން އަންނައިރު، ގޭތެރޭގެ އެކިދިމަދިމާލުން ފެންވަރާ ތާޒާވެލައިގެން މުޅިން އައު ހެދުންތަކުގައި އެ ނިކުންނަނީ އެދުވަހުގެ އީދު ނަމާދަށް ދިއުމަށް މުޅި އާއިލާ އެކުގައެވެ.

އީދުކޯޑި، މިއީ ސަގާފީ ކުޅިވަރުތައް އަލުން އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް
ބަދަލުވަމުންދާ ޒަމާނާއެކު، ތަރައްގީގެ ބާރު އޮއިގައި ކުރިއަރަމުންދާ އަޅުގަނޑުމެންގެ ލޮބުވެތި ގައުމުން މިދެންނެވި އާދަކާދަތައް ގެއްލި ނެތެމުންދިއުމަކީ އަޅުގަނޑުމެން ވިސްނާލަން ވެއްޖެ ކަމެއްކަން ގައިމެވެ. މިފަދަ ކަންތައްތަކަކީ އާއިލީ ގުޅުންތައް ހަރުދަނާވެ ގާތްތިމާގެ ގުޅުންތަކާއި އަވަށްޓެރިންނާ އޮންނަ ގުޅުމަށް ދާނދެން އާލާވާފަދަ ކަންތައްތަކެވެ. މިއަދު 1445 ވަނަ އަހަރުގެ އަޟުޙާ އީދު ދުވަސް ފާހަގަކުރަމުންދާއިރު އަަޅުގަނޑުމެންގެ ތެރޭގައި ގިނަ ކަންކަން މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައިކަން ޔަގީނެވެ. އެހެންނަމަވެސް އެއްކަމެއް އަދިވެސް ވަރަށް ފޯރީގައި ކުރަމުންދާކަން ގައިމެވެ.
އީދު ހެދުން، އީދު ހެދުން ގަތުމާއި، އީދަށް ހެދުން ފެއްސުމުގެ އާދަ އަދިވެސް އޮތީ ހަމަ އިހެކޭ އެއްްގޮތަށް އީދުގެ އެންމެ އިސް އެންމެ ހާއްސަ ކަމުގެ ގޮތުގައެވެ. އަދުގެ ތާރީހުގައިވެސް އީދު ހެދުމެއް ނެތިއްޔާ ބޭރަށް ނުކުންނަން ބޭނުން ނުވާ ފަރާާތްތައް ގިނައެވެ. ކުޑަކުދިން ބޮޑާ ހޭކުމާއި އާ ހެދުމެއް ނެތިއްޔާ ބޭރަށް ނުނިކުމެ ތުންދަމާފައި ތިބުމަކީ މާބޮޑުކަމެއް ނޫނެވެ. އެކަމަކު ފިރިމީހާ ދެކެ ތުންދަމާފައި އިންނަ އަނބިމީހާ، މަންމައާއި ބައްޕަ ދެކެ ނުރުހުންވެފައި ތިބޭ ފުރާވަރުގެ ކުދިން ވިސްނާލަން އެބަޖެހެއެވެ.
އެންމެ ހެދުމަކަށްޓަކައި ހާހުންހާހުން ހަރަދުކޮށްލަން އެއްބަސްވާއިރު، އީދުގެ އުފަލުގައި މީރު ކާއެތިކޮޅެއްގެ ނަސީބު ނުލިބިފައި ތިބި އެތައް ފަގީރު މިސްކީނު މުސްލިމުން ދުނިޔޭގެ އެކިދިމަދިމާލުގައި އެބަތިއްބެވެ. އާ ހެދުމެއްގެ ނަސީބު މިއިން އަހަރަކު ނުލިބި ތިބިނިކަމެތި ކުދިން އެބަތިއްބެވެ. އެފަދަ ކުދިންނާއި މީހުންނާމެދު ވިސްނާލުމުން، އެފަރާތްތަކުގެ ފިކުރުކޮށްލުމުން އާ ހެދުމުގެ ހިޔާލު ދުރުކޮށްލެވިދާނެއެވެ.

އީދަކީ އެންމެން އެކުގައި ކުޅޭކުޅިވަރުތަކާއެކު އެއްކޮށްލާ ހަނދާންތަކެކެވެ….
ނިކަން އަލަމާރި ހުޅުވާބަލާލަބަލާށެވެ. ވޭތުވެދިޔަ އަހަރުގެ އެކި މުނާސަބާތަކަށް ގަނެފައިވާ ކިތައް ނަލަނަލަ ހެދުން އެބަހުރިހެއްޔެވެ. އޭގެއިން ނިކަން ގަޔަށް ހެޔޮވަރުގެ ހެދުމެއް ލުމުގެ މައްސަލައެއް އެބައޮތްތޯއެވެ. އީދު ދުވަހު އުފާ ފާޅުކޮށް އެކުވެރިންނާއި އާއިލާ، ގާތްތިމާގެ މީހުންނާއެކު ވަގުތު ހޭދަކޮށްލުމަށް މުހިންމީ އައު ހެދުމެއްތޯ ނޫނީ އުފާވެރި ހިނިތުންވުމަކާއެކު އެމީހުންނާއެކު ވަގުތު ހޭދަކޮށްލުންތޯ ވިސްނާލުން ރަނގަޅެވެ.
ހެދުން އަލަމާރީގައި އެތަކެއް އައު ނަލަނަލަ ހެދުން އެބަހުރި ދޯ! އެ ހެދުންތައް ކޮންމެވެސް ބަޔަކަށް ހަދިޔާ ކޮށްލުމާމެދު ހިޔާލަކީ ކޮބައިތޯއެވެ. އަނެކާގެ މޫނުމަތިން އުފާވެރި ހިނިތުންވުމެއް ފާޅުވާފަދަ ކަމެއް ކޮށްލުމަކީ ތިމާއަށް ލިބޭނެ ކިހާބޮޑު ހިތްހަމަޖެހުމެއްކަން އިހުސާސް ކޮށްލަން މިއީ ހަމަ ރަނުގެ ފުރުސަތެކެވެ. މިއަޟުޙާ އީދު ތަފާތު އީދަކަށް ހަދާލަމާތޯއެވެ. ޔަގީނުންވެސް އޭރުން މިއަހަރުގެ އެންމެ އުފާވެރި އެއް ދުވަހަށް މިއީދު ވެގެންދާނެއެވެ.
އާ ހެދުމެއް ނެތަސް ބޭރަށް ދެވިދާނެއެވެ. ބޭނުންވަނީ ހެދުން އައު ވުމެއް ނޫނެވެ. ބޭނުންވަނީ ތިމާ ހިނިތުންވެ އަނެކުންނާއެކު އުފަލުގައި ބައިވެރިވެލުމެވެ. މިއީ އެހާ ބޮޑުކަމެއް ނޫނެވެ. ހަރަދެއްވެސް ހިނގާ ކަމެއް ނޫނެވެ. އެކަމަކު ޔަގީނުންވެސް ލިބޭ ހިތްހަމަޖެހުން ބޮޑުވާނެއެވެ.

