ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑރ އެޑްވަރޑް އަޑާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ކުޑަކުދިންގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔުނިސެފުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަފުޅުގައި ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުން ފާހަގަކުރައްވައި އަދި އެކަމަނާގެ ހިންގުންތެރިކަމަށް ތަޢުރީފު ކުރެއްވިއެވެ. މީގެ އިތުރުން ޔުނިސެފްގެ ނިއުޓްރިޝަން ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައި، އިޖުތިމާޢީ ޚިދުމަތްތަކަށާއި އިޤްޠިޞާދީ އިޞްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ތަޢުރީފު ކުރެއްވިއެވެ.
މިދިޔަ 20023 ވަނަ އަހަރުގެ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި “ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން”ގައި ރައީސްގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކުރައްވައި އެ މުބާރާތުގެ ޑިޖިޓަލް ކޮޕީއެއް މި ބައްދަލުކުރެއްވުމުގެ ތެރެއިން އެކަމަނާއަށް އެރުވިއެވެ.
ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމައި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްޤީއާ ގުޅޭ އިޖުތިމާޢީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނެވެ.
އެ ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ވަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

