2023 ވީހުން 2028 އަށް ސަރުކާރުން ކަނޑައަޅާ ލެޖިސްލެޓިވް އެޖެންޑާ ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، “ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028” ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާއަކީ، އެއިރެއްގައި ވެރިކަމަށް އަންނަ ސަރުކާރަކުން، އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަކުރާނެ ކަމަށް ބަޔާންކޮށްފައިވާ ވަޢުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިޞްލާޙީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާކުރުމަށާއި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ތަޢާރުފުކުރަން ނިންމާ ޤާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާއެކެވެ.
ލެޖިސްލެޓިވް އެޖެންޑާގައި 15 މައުޟޫޢުއަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ.
އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލާއި، މިހާރު ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅަން ޤަޞްދުކުރާ 135 ބިލެއް ހިމެނެއެވެ.

