ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުން ނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވާ ކަމަށާއި، އެ ދުވަހު އެ ޖަމާޢަތުގައި ބައިވެރި ނުވެވޭ މީހުން ވެސް އެ ދުވަހު ގިނަގިނައި ޒިކުރުކުރުމާއި ދުޢާކުރުމާއި ރޯދަހިފުމާއި އެ ނޫން ވެސް ހެޔޮ ޢަމަލު ގިނަކުރުމުގައި ދެމިތިބުމަށް ޙުކުރު ޙުތުބާގައި ގޮވާލައްވައިފިއެވެ.
ޢަރަފާތު ދުވަހަކީ އެ ދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސްވ ކަމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.
އެހެންކަމުން ކޮންމެ އަހަރެއްގައިވެސް އަރަފާތު ދުވަހު، އިސްލާމީ އުންމަތުން ދައްކައިދެނީ، އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރު ކަމަށެވެ. އަދި ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވެ ކުލަ ތަފާތަސް ނަސްލު ތަފާތަސް، ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެއްތާކަށް އެއްކުރުވަނީ އީމާންކަން ވަރުގަދަވުމުން ކަމަށެވެ.
ޙައްޖުވެރީން ޢަރަފާތުގައި ތިބޭ އިރު، މާތް الله ފަޚުވެރިވެވޮޑިގަންނަވާނެ ކަމަށާއި، މަލާއިކަތުން ހެކިކުރައްވައި، އެބައިމީހުންނަށް ފާފަފުއްސެވުމަށް އެދޭނެ ކަމަށެވެ. ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ކަންކަން ހުންނާނެ ކަމަށާއި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުމަށް ގިނަކުރުމަށް ވެސް ވަނީ އަންގަވާފައެވެ.

