މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މައްކާގެ ބިމަށް ދިޔަ މެލޭޝިޔާގެ 56 މީހެއްގެ ހާލު ދެރަވެގެން ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅޭ ގޮތުން މެލޭޝިޔާގެ އިސްލާމިކް މިނިސްޓަރީ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބިނާކޮށް ބޭރުގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި މެލޭޝިޔާއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު މިދިޔަ ހޯމަދުވަހު ނިޔާވެފައިވާ ކަމަށާއި އޭގެ ފަހުން މެލޭޝިޔާއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި މީހުންގެ އަދަދު ފަހަކަށް އިތުރުވެފައިވާ ކަމަށެވެ.
އެންމެ ފަހުން ނިޔާވި 37 އަހަރުގެ އަންހެންމީހާ ނިޔާވީ ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށް މައުލޫމާތު ދީފައިވާއިރު ހައްޖުގެ އަޅުކަމަށް ދިޔަ މެލޭޝިޔާ މީހުންގެ ތެރެއިން 56 މީހެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް މެލޭޝިޔާގެ އިސްލާމިކް މިނިސްޓަރީއުން ވަނީ ހާމަކޮށްފައެވެ. އޭގެތެރެއިން 13 މީހަކަށް ސައުދީ އަރަބިއަން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު 43 މީހަކަށް ޓީއެޗް މެޑިކަލްގައި ފަރުވާދެމުންދާ ކަމަށް ވެސް އެ މިނިސްޓަރީއިން ވަނީ ހާމަކޮށްފައެވެ.
މެލޭޝިޔާގެ މިނިސްޓްރީއިން ބުނި ގޮތުގއި އެނދުމަތި ކޮށްފައިވާ މީހުންނަށް ފަރުވާދެމުން ދަނީ ނޭވާލުމަށް އުނދަގޫވާތީ އާއި ހިތުގެ މައްސަލަތަކާއި ހުޅުހުޅުގައި ރިއްސާތީ ކަމަށެވެ.
މި ދުވަސްވަރަކީ ހޫނު ދުވަސްރަކަށްވުމުން އެކަމަށް ހުރިހާ ހައްޖާޖީއިން ސަމާލުވުމަށާއި ސައުދީއިން ދޭ އިރުޝާދަށް އަމަލު ކުރުމަށް ވެސް މެލޭޝިޔާގެ އިސްލާމިކް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

