މިއަދަކީ ބަރަކާތްތެރި ހައްޖު މަހުގެ ނުވަވަނަ ދުވަސް އާދެ އަރަފާތު ދުވަހެވެ. މިއީ މި މޫސުމުގެ ފަހު އަދި އެންމެ މުހިންމު ދުވަސްވެސްމެއެވެ. މިއަދުގެ އަޅުކަމަކީ ހައްޖު ފުރިހަމަ ކުރާ އަޅުކަމެވެ.
މިއަދަކީ އަރަފާތު ދުވަހެވެ. ހައްޖުގެ އަޅުކަމަކީ ބަދަނީ އަދި މާލީ އަޅުކަމެކެވެ. އެއީ ރޫޙުތައް މަތިވެރިވެ، ނަފްސުތައް އުޖާލާވާ މޫސުމެކެވެ. ޙައްޖުވެރިން ﷲގެ ޙަޟްރަތާ ކުއްތަންވެފައިވާ މިންވަރުގެ ސަބަބުންނެވެ. ﷲގެ ރިޙާބުގެ ތެރޭގައި، އަލްމަސްޖިދުލް ޙަރާމުގެ ޙަރަމުފުޅުގެ ތެރޭގައި އެމީހުން ތިބޭތީއެވެ. ޙައްޖުވެރިންނަކީ ﷲގެ ވަފްދެވެ. ﷲގެ ޙަޟްރަތަށް ޒިޔާރަތްކުރާ ބަޔަކަށް ﷲ ކަމޭ ހިއްތަވާނެއެވެ. ދީލަތިވެ ވޮޑިގަންނަވާނެއެވެ. އެމީހުން ކަމަކަށް އެދި ދަންނަވައިފިނަމަ އެކަމެއް ފުއްދަވާ ދެއްވަވާނެއެވެ. އެމީހުން ފާފަ ފުއްސަވާ ދެއްވުމަށް ދަންނަވައިފިނަމަ އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. އެމީހުން ދަންނަވާ ދުޢާތައް އިޖާބަ ކުރައްވާނެއެވެ.
1- ޙައްޖުގެ އެންމެ މުހިންމު އަޅުކަމަކީ ޙައްޖުމަހުގެ 9 ވަނަ ދުވަހު ޢަރަފާތު ބިމުގައި މާތް ﷲ އަށް ނިކަމެތިވެ މަޑުމޮޅި ކަމުގައި ތިބޭ ތިބުމެވެ. ޢަރަފާތު ދުވަހަށް ޙައްޖު ދުވަހޭ ކިޔެނީ މިހެން ވެގެންނެވެ. އެ ދުވަހު މާތްﷲ އެކަލާނގެ އަމުރުފުޅަށް ކިޔަމަން ގަނެގެން ޙައްޖަށް ދިޔަ މީހުންނާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ.
ކީރިތި ރަސޫލާ ހަދީސް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިމަން ރަސްކަލާނގެ އަޅުން ތިމަން ރަސްކަލާނގެ އަމުރުފުޅަށް އިޖާބަދީ ދަތުރުފަތުރުކުރުމުގެ ވަރުބަލިކަމާ އެކު، މިތަނަށް އައިސްތިބިގޮތް، ތިޔަބައިމީހުން، ފަހެ، ދެކެ ބަލާށެވެ."

އަރަފާތު ބިމުގައިހައްޖުވެރިން
އެކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރައްވާނެއެވެ. އަދި އެކަލާނގެ އެކަލާނގެ މަލާއިކަތުން ހެކި ކުރައްވާ އެކަލާނގެ އަޅުންނަށް ފާފަ ފުއްސަވާ ދެއްވާނެއެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން އެމީހުންގެ މައިންގެ ބަނޑުން އުފަންވި ދުވަސް ފަދައިން އެއްވެސް ފާފައެއްނެތް ޠާހިރު ބަޔަކަށް ވެގެންދާނެއެވެ. އެހެންކަމުން ޙައްޖަކީ އަލުން އުފަންވުމެކެވެ.
"ފާޙިޝް ޢަމަލެއް އަދި ފާސިޤު ޢަމަލެއް ނުކޮށް ޙައްޖުވި މީހާ، ފަހެ، އޭނާގެ މައިމީހާ ޙައްޖުގެ ތެރޭގައި ފާޙިޝްކަމެއް އަދި ފާސިޤުކަމެއް ނުކޮށް ޙައްޖުވި މީހާ އޭނާގެ މަންމަ އޭނާ ވިހޭދުވަސް ފަދައިން (ޠާހިރުކަމަށް) އެނބުރި ހިނގައްޖެއެވެ."
އަލުން އުފަންވުމަކީ ބާއްޖަވެރި ރަނގަޅުފެށުމެކެވެ.
- ޙައްޖުވެރިޔާ އަލަށް އުފަންވި މީހަކާ އެއްފަދަ ކުރެއްވުމުގެ މާނައަކީ؛
- އޭނާއަކީ ސަލާމަތް ހިތެއްގެ ވެރިއެކެވެ.
- އޭނާއަކީ ސަލާމަތް ހަށިގަނޑެއްގެ ވެރިއެކެވެ.
- އޭނާއަކީ ސަލާމަތް ފިޠުރަތެއްގެ ވެރިއެކެވެ.
- އޭނާއަކީ އާޚިރަތާ ދިމާއަށް ރަނގަޅަށް މިޞްރާބު ހިފާފައިވާ މީހެކެވެ.
އެހެންކަމުން ޙައްޖުގެ މަނާސިކުތައް އަދާކޮށް ހެޔޮ ރަނގަޅު ގޮތުގައި އަލަށް އުފަންވެގެން އައިމީހާ މިދަންނަވާ ކަންތައްތަކުގައި ތެދުމަގަށް އެނބުރި ގަންނަން ޖެހޭނެއެވެ.
1. އޭނާގެ ބަސްތައް: މާތް ވަޙީ ކުރައްވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ﷲއަށް ތަޤްވާވެރިވެ ސީދާވެގެންވާ ބަހަކުން ބަސްބުނާށެވެ." " މިގޮތަށް ޢަމަލުކުރާމީހުންނަށް މާތްﷲ ދެއްވާ ސަވާބާއި ދަރުމަ ބަޔާންކޮށްދެއްވައި ވަޙީކުރައްވަނީ "(އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ.
2. އޭނާގެ ޢަމަލުތައް: މާތް ﷲވަޙީ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އީމާންވެގެންވާ ޙާލު، ޞާލިޙު ޢަމަލުކުރާ މީހާ، އެއީ ފިރިހެނަކަށް ވިޔަސް ނުވަތަ އަންހެނަކަށް ވިޔަސް، ފަހެ ތިމަން ރަސްކަލާނގެ އެމީހަކު ރަނގަޅު ވެގެންވާ ޙަޔާތެއްގައި ދިރުއްވަވާ ހުށީމެވެ."
3- އޭނާގެ ޙާލު އަޙްވާލު: މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަހެ، ކަލޭގެފާނަށް އަމުރު ކުރެއްވުނު ފަދައިން ކަލޭގެފާނުގެ އަރިހުގައި އީމާންވެ، ތަވްބާވެގެންތިބި މީހުންނާ އެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައި މީހުން ޙައްދު ފަހަނަޅާ ނުދާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ތިޔަބައިމީހުން ކުރާ ޢަމަލުތަކަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. "

އަރަފާތު ބިމުގައިހައްޖުވެރިން
އިސްވެ ދެންނެވި ކަންތައްތައް ކުރެވޭނީ މާތްﷲ އަށް ކިޔަމަން ގަތުމާއި މުންކަރާތްތަކާ ދުރުހެލިވުމަށް ދަހިވެތިވެ ގަދައަޅާ މަސައްކަތް ކުރުން މަތީގައި ދެމިހުރެގެންނެވެ.
ޙައްޖަކީވެސް ޖިހާދެކެވެ. އެކަމަކުއެއީ އެކަމުގެ ތެރޭގައި ހަނގުރާމައެއް ނެތް، ކުރިމަތިލުމެއް ނެތް ޖިހާދެކެވެ. އެހެންކަމުން ޙައްޖުން އަވަދިވެގެން ޤައުމަށް އެނބުރި އައިސް ޖިހާދުގެ މަތީގައި ދެމިހުންނަން ވާނެއެވެ. ޙައްޖުގެ މަނާސިކުގެ ތެރޭގައި ޙައްޖުވެރިންގެ އަޅުކަންތަކާއި ތަލްބިޔާއާއި އިޙްރާމު ހެދުމުން ފެނިގެންދަނީ މިއުއްމަތުގެ މަތިވެރިކަމާއި އެއްބައިވަންތަކަމެވެ. ޙައްޖުގެ އަޅުކަންތަކުގެ ތެރޭގައި ޤައުމުތަކުގެ ތަފާތުކަމާއި، ނަސްލުތަކުގެ ތަފާތު ކަމާއި، ބަހުގެ ތަފާތު ކަމާއި ،ކުލައިގެ ތަފާތުކަންވަނީ ނެތިގެން ގޮސްފައެވެ.
އިސްލާމީ އުއްމަތުގެ ކާމިޔާބީތަކާއި މަތިވެރިކަމާއި އައުދާނަކަން އޮތީ މި އެއްބައި ވަންތަކުގެ މަތީގައެވެ. ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ބައިބައިވެގެން ނުދިއުމަށް އަންގައިފައެވެ. މާތް އަންގަވަނީ، "ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ. އޭރުން ތިޔަބައިމީހުން ނާކާމިޔާބު ވެދާނެއެވެ. އަދި ތިޔަބައި މީހުންގެ ބާރު ނެތި ހިނގައިދާނެއެވެ."
ޢަރަފާތުގައި ޙައްޖުވެރިން ހޭދަކުރާ ވަގުތުކޮޅަކީ މިއެއްބައިވަންތަކަމުގެ ޢަމަލީ ތަމްރީނުތައް ލިބިގަންނަ ވަގުތުކޮޅެކެވެ. ޙައްޖުވެރިޔާ ޤައުމަށް އެނބުރި ގޮސް ޙައްޖު މޫސުމުގައި އުޅުނު ރިވެތި އަދި މާތް އަޚްލާޤުގެ މަތީގައި އުޅެވޭތޯ ބަލަން ޖެހޭނެއެވެ. ޙައްޖުގެ އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. އޭނާގެ ހުރިހާ މުޢާމަލާތުތަކާއި ސުލޫކެއްގައި ލެވިފައި ހުންނަން ޖެހޭނީ މިއަޚްލާޤުގެ ދަވާދެވެ.
ކީރިތި ރަސޫލާ ޙަދީސްބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިބާ މީސްތަކުންނާއެކު ރިވެތި އަޚްލާޤުން މުޢާމަލާތުކުރާށެވެ."
ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ ފައިދާބޮޑު މީހާއެވެ."
ޙައްޖަކީ މިކަހަލަ ބޮޑު މަދްރަސާއެކެވެ. މި ކަހަލަ ބޮޑު ތަމްރީނުދޭ މަރްކަޒެކެވެ. އަލުން އުފަންކުރުވާފައި އަލުންޙަޔާތަށް ގެނެސްދޭ އަޅުކަމެކެވެ.

