ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަދުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ މުޅި ޤައުމަށް އެންމެ ފައިދާ ބޮޑުވާ ގޮތެއް ބެލުމަށް ފަހުގައި ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މި 5 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ބިލްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު މަދުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަވާނެކަން ފާހަގަކުރައްވާ އުޝާމް ވިދާޅުވީ، މިއީ ވަރަށް ބޮޑަށް ރައްޔިތުންގެ ޙައްގުތަކާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން މެމްބަރުން މަދުކުރާނެ ގޮތާއި މެދު ގޮތެއް ނިންމާނީ މަޝްވަރާގެ ރިވެތި އުސޫލުގެ މަތިންކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ މިކަމުގައި ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓީތަކާއެކުވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
“މިކަމަކީ ވަރަށް ބޮޑަށް މަޝްވަރާކުރެވިގެން ވަރަށް ގިނަ ބައެއްގެ ޚިޔާލު ހޯދައިގެން ކުރަންޖެހޭ ކަމެއް. މިއީ ރައްޔިތުންގެ ޙައްގުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. މިކަމާއި ގުޅޭގޮތުން އެހެން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެވިގެން ޤައުމަށް މީގެ އެންމެ ފައިދާ ބޮޑީ ކޮން ގޮތެއްތޯ ބަލައިގެން މިކަން ކުރާނީ.” އުޝާމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ބުނާގޮތުން ކޮންމެ 3000 މީހުންގެ އާބާދީއަކަށް މަޖިލީސް ތަމްސީލު ކުރައްވާ މެމްބަރެއް އިންތިޚާބު ކުރަންޖެހެއެވެ. އެހެންނަމަވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ އާބާދީއާއެކު ރައްޔިތުންގެ މަޖިލީސް ތަމްސީލު ކުރައްވާ މެމްބަރުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.
އައު ޤާނޫނު އަސާސީގެ ދަށުން ވޭތުވެދިޔަ ތަނުގައި އިންތިޚާބުކުރި ކޮންމެ މަޖިލީހެއްގައި އިދާރީ ދާއިރާތައްވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރު 85 މެމްބަރުން އަދި 2019 ވަނަ އަހަރު އޮތް 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިބިއިރު މިހާރު ކުރިއަށްދާ 20 ވަނަ މަޖިލީހުގައި 93 މެމްބަރުންވަނީ އިންތިޚާބުކޮށްފައެވެ.
މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުންގެ ޢަދަދު ހިފެހެއްޓުމަށް މަޖިލީހަށް ބިލްތަކެއް ހުށައަޅާފައިވެއެވެ. އެހެންނަމަވެސް މިކަމުގައި އެދެވޭ ޙައްލެއް އަދި ހޯދިފައެއް ނުވެއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށައެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މަޖިލީސް މެމްބަރުން އިންތިޚާބުކުރާ ގޮތް އާބާދީއާއި ގުޅިފައި އޮތުމުގެ ސަބަބުން ބަޖެޓަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

