ޙައްޖު ދުވަހުގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުން އެދި ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ޙައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމަށެވެ. އަދި މި ދުވަހަކީ މާތް ﷲ ގެ މަދަދާއި ރުއްސެވުމުން ފުރިގެންވާ ދުވަހެއްކަން ހާމަކުރައްވަމުން ރައީސް ވަނީ މިދުވަހުގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުމަށް އެދިވަޑައިގެންނަވާފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 މީހުން ވަނީ މައްކާއަށް ގޮސްފައެވެ. މީގެތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ 1000 މީހުން މި 5 އަހަރު ދުވަހުގެ ތެރޭގައި ޙައްޖަށް ފޮނުވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފޮނުވި 50 މީހުންވެސް ހިމެނެއެވެ. މިމީހުން ޙައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.
މިއަހަރު ދިވެހި ޙައްޖު ވެރިންގެ އިސްވެރިއެއްގެ ގޮތުން އަމީރުލް ޙައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ. ތަޢުލީމީ ވަޒީރުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމްވެސް ވަނީ މިއަހަރުގެ ދިވެހި ހައްޖު މިޝަންގައި ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރު ދިވެހި ޙައްޖާޖީންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިފައިވާއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ އެދުމުގެ މަތީން ސައުދީ އަރަބިއްޔާއިން ވަނީ އެ ޤައުމުގައި ތަޢުލީމު ހާސިލް ކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިވެހި ޙައްޖާޖީންނަށް އެހީވުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައެވެ.

