މިއަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރުމުގެ ގޮތުން މާލެ ސިޓީގެ ތިން މައި ސަރަހައްދުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި މިއަންނަ އީދު ފާހަގަކުރާނީ އެ ކައުންސިލާއި ގިނަ އިދާރާތަކެއް ގުޅިގެން ކަމަށެވެ.
އެގޮތުން، އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ސިޓީ ކައުންސިލު އަދި ޑަބްލިއުޑީސީގެ އިތުރުން ދިރާގު، އެންސީއޭ، އެޗްޑީސީ އަދި ވިލިމާލޭގެ ރައްޔިތުން ގުޅިގެން ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މިރެއިން ފެށިގެން އީދުގެ ހަރަކާތްތަށް ކުރިއަށްދާނެ ކަން ފާހަގަކުރެއްވި އެވެ. އެގޮތުން، ވިލިމާލޭގައި މިރޭ 8:30 ގައި ޢީދު ބަނޑިޔާއާއި ޢީދު ބޮޑުބެރު އޮންނާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިރޭ ހުޅުމާލޭގައި ވެސް ވެދުމާ ދިއުމުގެ ހަރަކާތް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މާލޭގައި ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، އެންސީއޭއިން ވަނީ މާދަމާ ޢީދު ނަމާދަށް ފަހުގައި ޢީދުގެ ކުޅިވަރުތައް ފަށާނެކަމަށް ބުނެފައެވެ.
ރަށްރަށެކޭ އެއްގޮތަށް މާދަމާ ޢީދު ނަމާދަށް ފަހު މާލޭގައި ވެސް ޢީދު ސައި ވެސް އޮންނާނެ ކަމަށް އެންސީއޭއިން ބުންޏެވެ.
އޭގެ އިތުރުން ވެސް އެންސީއޭއިން މާލޭގައި އިންތިޒާމުކޮށްފައިވާ ކުޅިވަރުތަކުގެ ތެރޭގައި:
- ދެލިމާލި
- ކޯޑި ކެނޑުން
- ދަފި ނެގުން
- ލަނގިރި ޖެހުން
- ބޮޑުމަސް ދުއްވުން
މާލޭގައި ފޯރިގަދަކޮށް ޢީދު ފާހަގަކުރި ނަމަވެސް މި ދުވަސްވަރަކީ ބަލިތައް ފެތުރެމުން އަންނަ ދުވަސްވަރަކަށްވުމުން އެ ކަންކަމަށް ސަމާލުވާން ވެސް އެންސީއޭޢާއި މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

