ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އަޟްހާ އީދު ދުވަހުގެ މުނާޞަބަތުގައި ދެއްވި ހާއްސަ ޚިތާބުގައެވެ.
އިތުރަށް ރައީސް ޑރ މުއިއްޒު ވިދާޅުވީ، ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަޟްޙާ ޢީދާއި ބައްދަލުވުމުގެ ނިޢުމަތް މިންވަރުކުރެއްވިކަމަށްޓަކައި ކީރިތިﷲގެ ޙަޟްރަތަށް ޙަމްދު، ޘަނާއާއި ޝުކުރު ދަންނަވާކަމަށެވެ. އަދި މި އުފާވެރި ބޮޑު ޢީދުގެ ތަހްނިޔާއާއި ހެޔޮދުޢާތައް ދިވެހި ލޮބުވެތި ރައްޔިތުންނަށާ، މުޅި އިސްލާމީ އުންމަތަށް އަރިސްކުރާ ކަމަށެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުސްލިމުން ފާހަގަކުރާ ޢީދުގެ މި މުނާސަބާ ރަމްޒުކޮށްދެނީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުގައި ވާފަދައިން، މިއީ އެއްހަށިގަނޑެއް ފަދަ އުންމަތެއްކަމެވެ. ހަށިގަނޑުގެ ގުނަވަނެއްގައި އަޅާ ކޮންމެ ވޭނެއް މުޅި ހަށިގަނޑު ބަރުދާސްކުރާކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަޞްޠީނުގެ އުޚުއްވަތްތެރި މުސްލިމުންނަށްޓަކައި މި ޢީދުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މުސްލިމުންވެސް ކޮށްދެމުންދާ ހެޔޮ ދުޢާތަކާ، ވީވަރަކުން ފޯރުކޮށްދެމުންދާ ދީލަތި އެހީތަކެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ އަޟްޙާ ޢީދުގައި އެމަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުމެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައި ކަމަށެވެ.
ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބަރަކާތްތެރި އަޟްޙާ ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ޙައްޖުގެ މަތިވެރި އަޅުކަމާ، ޢަރަފާތު ދުވަހުގެ އިމެއް މިނެއްނެތް ރުއްސެވުމާ ފުއްސެވުމަށްފަހު ކަމަށާއި ކީރިތި ޤުރުއާނުގައި އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި މާތްﷲ ހުވައިގެ ބަސްފުޅު ވަޙީކުރައްވާފައިވާ ޙައްޖުމަހުގެ ފުރަތަމަ 10 ރޭ ނިމުމާއެކު ކަމަށެވެ.
ބޮޑު ޢީދު ދުވަހުގެ ފަހަށް ތަރުތީބުވަނީ، އުފަލާ، އެކުވެރިކަމާ، ހެޔޮފޯރުވުމާ، ތަކުބީރު ތަހުލީލު ގިނަކުރުމުގައި މުޅި އުންމަތް ބައިވެރިވާ އައްޔާމުއްތަޝްރީޤުގެ 3 ދުވަސް ކަމަށާއި ޙައްޖާއި ބޮޑު ޢީދުގެ އަޅުކަންތަކާ، ޤުރުބާންކުރުންތަކުން ޒިކުރާ އައުކޮށްދެނީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ﷲގެ ޚަލީލް، އަދި މުސްލިމްތަކުންގެ މާތް ބައްޕާފުޅު، ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާ ގުޅިފައިވާ، ޢިބްރަތްތެރި ދަރެސްތަކެއް ކަމަށާއި މިއީ ހެޔޮ ކަންކަމުން ފުރިގެންވާ އިސްލާމީ މުނާސަބާއެއް ކަމަށެވެ.
އެހެންކަމުން، ބޮޑު ޢީދުގެ މި ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުގެ އެންމެ މުހިންމު އިލްތިމާސަކީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާން ކުރެއްވުމެވެ.
ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމަށާއި. އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ.
މިގެ އިތުރުން ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ދަމަހައްޓަމުން އައި ކަމޭހިތުމާ، އިޙްތިރާމާއެކު މުޢާމަލާތުކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުން އެދޭ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ދަރީންނަށް އަޅުގަނޑުމެން ބުނެދޭންވީ، ޢީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމަށާއި މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދޭކަމަށެވެ.
އެމަނިކުފާނުގެ ދުޢާއަކީ، ޢީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާ ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިއުން ކަމަށާއި، މި ލޮބުވެތި ދިވެހި ޤައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ނަޞްރާ ނަސީބާ، ސިލްމާ ސަލާމަތުގައި، ލެހެއްޓެވުން ކަމަށެވެ.

