ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ ޢަދަދެއްގެ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، މި ޝިޕްމަންޓަކީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ރާއްޖެ އައި ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓްގައި ޑިކްލެއަރ ކޮށްފައިވަނީ 343 ކަރޓަން ޓިޝޫ ޕޭޕަރ ކަމަށެވެ.
ރާއްޖެ އެތެރެކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި ބަލައި ފާސްކުރުމުގެ ކަންކަން ކަސްޓަމްސް އިން ކުރަނީ ރިސްކް މެނޭޖްމަންޓް ނިޒާމުގެ ތެރެއިން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ކަސްޓަމްސް އަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ހިރާސް އެކުލެވޭ މިންވަރަށް ރިއާޔަތްކޮށް ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާއިރު މި މަހުގެ 13 ވަނަ ދުވަހު ޝިޕްމަންޓް ބަލައި ފާސްކޮށްފައިވަނީ ޝައްކު އުފެދޭ ކަންކަން ހުރިކަމަށް ދުރާލައި ލިބުނު އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅިގެން ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
ކަސްޓަމްސް އިން ވިދާޅުވީ އެ އިދާރާގެ ކަމާގުޅޭ އެކި ސެކްޝަންތައް ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނުގައި ޝިޕްމަންޓުގައި ހިމެނޭ މުދާ ބަލައި ފާސްކުރިއިރު 143 ކަރޓަންގެ ޓިޝޫއާއެކު 200 މާސްޓަރ ކަރޓަންގެ ސިނގިރޭޓުވެސް ފެނިފައިވާ ކަމަށެވެ. އަދި ޖުމްލަ އަތުލައިގަތް ސިނގިރޭޓުގެ އަދަދު 3،199،200 އަށް އަރާ ކަމަށެވެ.
މި ޝިޕްމަންޓުގައި ހިމެނޭ މުދާ ކަސްޓަމަސް އިން ހިފަހައްޓާފައިވާއިރު ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް އެތެރެކުރެވޭ މުދަލާ ގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސް ނުޖެހޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

