މާތް ﷲގެ އިސްމުފުޅު އަދި މާތް ނަބިއްޔާ މާތް ނަބިއްޔާ محمد ﷺ ، ނަންފުޅު ބޭނުން ކޮށްގެން ތިނަދޫ ސިޓީގައި ހިތްގައިމު 2 މޮނިއުމެންޓް ބަހައްޓައިފިއެވެ.
ޙައްޖު ދުވަހާއި އަޟުހާ ޢީދާއި މުނާސަބު ވާހެން ތާވަލު ކޮށް ބެހެއްޓި 2 މޮނިއުމެންޓަކީ ތިނަދޫ ސިޓީ މޭޔަރު ސައުދު ޢަލީގެ ވިސްނުމަށް ސީދާ ކައުންސިލްގެ ބަޖެޓުން ޚަރަދު ކޮށްގެން ތައްޔާރު ކުރި 2 ބިނާ އެވެ. 12 ފޫޓު އުސް އަދި 7 ފޫޓު ފުޅާ މި 2 މޮނިއުމެންޓް ގެ ތެރެއިން އެއް މޮނިއުމެންޓް ގައިވަނީ ﷲ އަދި އަނެއް މޮނިއުމެންޓް ގައި ވަނީ މުހައްމަދު ގެ ނަންފުޅު ލޯގޯ އެއްގެ ގޮތުގައި ހަރުކުރެވިފައެވެ. ވަކިން ލައިޓް އަޅުވާ ދިއްލިފައި ހުންނަ ހެން ބެހެއްޓިފައިވާ 2 މޮނިއުމެންޓް ބަހައްޓާފައި ވަނީ ތިނަދޫ ރަސްމީ ފާލަމުގެ ކުރިމައްޗައް ވާހެން މަގުގެ ދެފަރާތުގައި ކަންމައްޗަށް ވާގޮތަށެވެ.
މި 2 މޮނިއުމެންޓް ޢާންމުންނަށް ފެންނަހެން ހުޅުވާލާފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ކަމަށްޓަކައި ސިޓީ ކައުންސިލުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ތިނަދޫ ކައުނަސިލުން ވަނީ މޮނިއުމެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލުގެ ހުރިހާ މުވައްޒަފުންނަށް އެ ޝަރަފްލުބޭހެން އެންމެން ބައިވެރި ކޮށްފައެވެ.
މާތް ﷲގެ އިސްމުފުޅު އަދި މާތް ނަބިއްޔާ محمد ﷺ ، ނަންފުޅު ބޭނުން ކޮށްގެން ތިނަދޫ ސިޓީގައި ރީތި 2 މޮނިއުމެންޓް ހުޅުވައި ދެއްވުމަށް ފަހު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ސިޓީ މޭޔަރ ސަޢުދު ޢަލީ ވިދާޅުވީ ދުނިޔޭގައިވާ ދިރުން ހުރި ކޮންމެ އެއްޗަކަށްވެސް ފެނަކީ މުހިންމު އެއްޗަކަށް ވާއިރު މި ބިނާގެ ވަކި ވަކި ބައިތަކަށް ނަޒަރު ހިންގާލުމުން ފެންތިއްކެއްގެ ސިފަ ވާނެ ކަމަށާއި އިންސާނާ ދުނިޔެއަށް އަންނަ ހިނދު ކަނުއަދިރިން އަލިކަން ލިބިގަތުމަށް އެދޭފަދައިން އިލްމުގެ ނޫރުން ހިތްތައް އަލި ކޮށް ، ދާންވީ މިސްރާބް ދެނެގަތުމަށް ބޭނުންވާ އަލި ސިފަވާ އުއްބައްތި އެއް ދޭހަ ވާނެ ކަމަށެވެ. ހަމައެއާއެކު އަޚުވަންތަކަމާއި އެއްބައި ވަންތަ ކަމާއެކު ބަދަހި ގުޅުމަކުން މުސްލިމް އުންމަތް ދެމިތިބެމެ ކުރިއަރައި ދާއިރު އަޒުމް ވަރުގަދަ ފަހުލަވާނުން ތަކެއް ކުރި މަތިވެރި ޖިހާދު ރަމްޒު ކޮށްދޭ އައްޑަނަ ތަކެއް ރަމްޒުކޮދޭނެ ކަމަށް މޭޔަރ ސަޢުދު ވިދާޅުވުއެވެ.
މާތްﷲ އަދި މާތް ނަބިއްޔާ މުޙައްމަދުގެ ފާނުގެ، ނަންފުޅު ބޭނުން ކޮށްގެން ތިނަދޫ ސިޓީގައި ބެހެއްޓި 2 ބީނާ އަކީ ރާއްޖޭގެ ރަށެއްގައި ބިނާ ކުރި، އެފަދަ ރަމްޒެއްގެ ފުރަތަމަ މޮނިއުމެންޓެވެ.

