ހއ މޮޅަދޫއޭ ބުނީމާ މީގެ ކުރިން ހިތަށް ސިފަ ވެގެން ދަނީ ފަސޭހައިން ވެލާބިސް ލިބޭ ރަށެއް ކަމުގެ ތަސައްވުރެވެ. އެހެންނަަމަވެސް މިހާރު މޮޅަދޫ އޭ ބުނީމަ ފުރަތަމަ ވެސް ތަސައްވުރު ކުރެވެނީ އެރަށުގެ މޫނުމަތިން ފެންނަ ހިތްގައިމު މަންޒަރެވެ. ގުދުރަތުގެ ފުރިހަމަކަން ދައްކުވައިދޭ ނުހަނު އަސަރު ކުރުވާފަދަ މަންޒަރެކެވެ.
ރާއްޖޭގެ އެތައް ރަށަކަށް ދިއުމުގެ ފުރުސަތު ލިބިފައިވާއިރު ރަށްރަށުގެ މޫނުމަތިން، ރަށްރަށަށް އަރާއިރު ބަނދަރު މަތިން މަރުހަބާ ކިޔާ، އެރަށަކަށް ހާއްސަކޮށް ހަދާފައި ހުންނަ މޮނިއުމަންޓަކީ ކޮންމެ ރަށަކުންވެސް ލިބޭ ފޮނި ހަނދާނެކެވެ. ނަލަ ތަސްވީރެކެވެ.
އެކަަމަކު މޮޅަދޫ މާބޮޑަށްވެސް ތަފާތެވެ. އެރަށުގެ މޫނުމަތިން ފެނުނު މަންޒަރު ހިތަކުން ފިލައިނުދިޔައެވެ.
އެހެން ރަށްރަށުން ފެންނަ މޮނިމަންޓަކީ ހަމައެކަނި ތަސްވީރު ބަލާލުމުން އާކޮށްލާ ހަނދާނަކަށް ވިޔަސް މޮޅަދޫ އިން ފެނުނު އެ މަންޒަރު ތަސްވީރެއްގައި ފޮރުވުމުގެ ބޭނުމެއްވެސް ނުޖެހުނެވެ. އެއަށްވުރެ ބޮޑަށް އޭގެ ތަސްވީރު ހުރީ ހިތާއި ސިކުނޑީގައި ކަނޑައި ނެގިފައެވެ.
"މިއީ 2022 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި ދެކެވުނު ވާހަކައެއް. މި މޮނިއުމަންޓުގެ ހިޔާލަކީ ހއ އިހަވަންދޫ ހަސަން މާހިރާއި އަޅުގަނޑު ތިބެގެން ދެއްކި ވާހަކައަކުން އުފަންވި ހިޔާލެއް، މީގެ މަސައްކަތް ކޮށްފައި ވެސް ވަނީ ހަސަން މާހިރު،" މޮޅަދޫ ކައުންސިލުގެ ރައީސް ކިޔައިދެއްވީ، މޮޅަދޫއަށް މަރުހަބާ ކިޔާ ވެލާތަކުގެ ލައިފްސައިކަލް ދައްކުވައިދޭ މޮނިއުމަންޓާ ބެހޭ ގޮތުންނެވެ.

މޮޅަދޫ ގެ ހިތްގައިމު ނަލަނަލަ މޮނިއުމަންޓް…. ފޮޓޯ:
ސިނާދު ވިދާޅުވި ގޮތުގައި މިއީ މޮޅަދޫއާ ވަރަށްވެސް ބޮޑަށް ގުޅުން ހުރި ގޮތަކަށް ތައްޔާރުކޮށްފައިވާ މޮނިއުމަމަންޓެކެވެ. އޭގެ ހިޔާލަކީ މުޅި ރަށާ މަޝްވަރާކޮށްގެން ސިފަ ގެނެސްފައިވާ ހިޔާލެކެވެ.
"ކާބަފައިންގެ ޒަމާނުއްސުރެ މި ރަށަކީ ވެލާ އަރާ ރަށެއް، ވަރަށް އާންމުކޮށް ވެލާ ބިސް އަޅާ ރަށެއް، ހަސަން މާހިރަށް އަޅުގަނޑު ނަންގަތީ، މޮޅަދޫއަށް ހާއްސަ ކޮންސެޕްޓަކަށް މޮނިއުމަންޓެއް ހަދަން ބޭނުންވާ ވާހަކަ، މި ހިޔާލު ރަށުގެ ރައްޔިތުންނާ ހިއްސާ ކުރީމަ ރަށުގެ މީހުންނަށްވެސް ވަރަށް ކަމުދިޔަ،" ސިނާދު ވިދާޅުވި ގޮތުގައި މިއީ ރަށާ ގުޅުންހުރި ގޮތަކަށް ބިނާ ކޮށްފައިވާ މޮނިއުމަންޓެކެވެ.
ވެލާ ލައިފްސައިކަލް، މިއީ މަދު ބަޔަކަށް އެނގުނަސް ގިނަ މީހުންނަށް އެނގޭ ކަމެއް ނޫނެވެ. ވެލާ ބިސް އެޅުމާއި ކުދި ވެލާތައް މޫދަށް ފައިބައިގެންދާ މަންޒަރު، މައި ވެލާ ކުދި ވެލާތައް ދޫކޮށްލާފައި އޮންނަ މަންޒަރު، ވެލާގެ ދިރިއުޅުމުގެ އަސްލު ކިތަންމެހާވެސް ރީތިކޮށް ހާމަވެގެންދެއެވެ.

މޮޅަދޫ ގެ ހިތްގައިމު ނަލަނަލަ މޮނިއުމަންޓް…. ފޮޓޯ:
ސޯޝަލްމީޑިޔާގައި ވެސް މޮޮޅަދޫ މޮނިއުމަންޓް ނުހަނު މަޝްހޫރެވެ. އެތައް ބަޔަކު ދަނީ ފޮޓޯތައް ހިއްސާކުރަމުންނެވެ. ސިނާދު ވިދާޅުވީ މި މޮނިއުމަންޓަށް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ. އަދިވެސް މޮނިއުމަންޓްގެ ބައެއްކަހަލަ ކުދިކުދި މަސައްކަތްތައް ނުނިމި ހުރިކަން ފާހަގަކުރައްވައި ސިނާދު ވިދާޅުވީ ރަސްމީކޮށް މޮނިއުމަންޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތެއް ބާއްވަން ގަސްދު ކޮށްފައިވާ ކަމަށެވެ. ވަގުތީ ގޮތުން މީގެ ދެދުވަހެއް ވަރު ކުރިން މޮނިއުމަންޓް ވަގުތީ ގޮތުން ހުޅުވާލި ކަމަށާއި އޭގެ ފަހުން ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށާއި ވަރަށް ގިިނަ ފަރާތްތަކުން މޮޅަދޫގެ މި މޮނިއުމެންޓަކީ ރާއްޖޭގެ އެއްވަނަ ކަމަށް ބުނެފައިވާ ކަމަށްވެސް ސިނާދު ވަނީ ވިދާޅުވެފައެވެ.
މިފަދަ ފުރިހަމަ މަސައްކަތެއް ހަމައެންމެ ހައެއްކަ މަަސްދުވަސް ތެރޭ ކޮށް ނިންމާފައިވާތީ ހަސަންމާހިރަށް ހުވަދޫނޫހުގެ ފަރާތުން އައްސަރިބަހާރި ސާބަސް ދަންނަވަމެވެ.
ސިނާދު ވިދާޅުވީ މިއީ ހއ އަތޮޅު ކައުންސިލާއި މޮޅަދޫ ކައުންސިލު ގުޅިގެން ދެކައުންސިލުގެ އެހީތެރިކަމާއެކު ވުޖޫދަށް ގެނެވުނު މޮނިއުމަންޓެއް ކަމަށެވެ. އަދި އެކަމަށްޓަކައި ފަށްފަށުން ޝުކުރު އަދާ ކުރާ ކަމަށްވެސް ސިނާދު ވިދާޅުވިއެވެ.

މޮޅަދޫ ގެ ހިތްގައިމު ނަލަނަލަ މޮނިއުމަންޓް…. ފޮޓޯ:
"މިފަދަ ފުރުސަތެއް ލިބުނީމަ ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރަން ބޭނުންވޭ. ހއ އަތޮޅު ކައުންސިލް ރައީސަށާއި ކައުންސިލްގެ އެހެންވެސް އިއްޒަތްތެރިނ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން، ހާއްސަކޮށް ހއ އަތޮޅު ކައުންސިލް ރައީސް، މިއަތޮޅުގެ 14 ރަށުގެ ކަންތައްތަކަށް، އިޖުތިމާއީ ހަރަކާތްތަކަށްވެސް ދެއްވާ ފުރިހަމަ އެއްބާރުލުމަށް ހިތުގެ ފުންމިނުން ޝުކުރު އަދާ ކުރަން،" ސިނާދު ވިދާޅުވިއެވެ.
ކޮންމެއަކަސް މިއަދު އަޟުހާ އީދުގެ ހެޔޮއެދުންތަކާއެކު ހުވަދޫނޫހުން މި ގެނެސްދިން ހަދިޔާ ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. ރާއްޖޭގެ ރަށްރަށުގެ މަލަމަތީގެ ހިތްގައިމުކަން، ރަށްރަށުގެ މޫނުމަތިން ފެންނަ ޒީނަތްތެރި މިފަދަ މަންޒަރުތައް ކިޔައިދޭ އެތައް ވާހަކައެއް ހުރެއެވެ. ޔަގީނުންވެސް މޮޅަދޫއަށް އަރައިގެންދާއިރު މަރުހަބާ ކިޔާ މި މޮނިއުމަންޓަކީ ހާހުން ގުނާލެވޭވަރުގެ ފުރިހަމަ މަސައްކަތެކެވެ.
އައްޑޫސިޓީގެ މަރަދޫއަށް އަރައިގެންދާއިރުު ބޮޑު ގަލެއްގައި ރޮނޑެއް ސިފަކޮށްދީފައި ހުރުމުން އެއީ އެރަށުގެ ވާހަކަ ކިޔައިދޭ ހާއްސަ މޮނިއުމަންޓަކަށް ފުދެއެވެ. އެގޮތަށް މޮޅަދޫ މޮނިއުމަންޓް ކިޔައިދެނީ އެރަށާ ވެލައާ އޮތް ގުޅުމުގެ ވާހަކައެވެ. މިފަދަ މަސައްކަތްތަކަކީ ހަގީގަތުގައިވެސް ސާބަސް ހައްގުވާފަދަ މަސައްކަތްތަކެކެވެ.

