އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމެވި 3 ބައި-އިލެކްޝަނެއްގެ ގޮނޑި އިންތިޚާބަކާ ނުލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ޕީއެންސީއަށް ލިބުނު 3 ގޮނޑިއަކީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމާއި، ޅ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެވެ. މި ގޮނޑިތަކަށް ޕީއެންސީން ވާދަކުރި ކެންޑިޑޭޓުން ހޮވިފައިވަނީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވަނީ 10 ބައި-އިލެކްޝަނެއް އަންނަ މަހު 20 ގައި ބޭއްވުމަށެވެ. މީގެ ތެރޭގައި 8 ލޯކަލް ކައުންސިލް ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 2 ބައި-އިލެކްޝަނެއް ހިމެނެއެވެ.
ނަމަވެސް އިންތިޚާބަކައި ނުލައި 3 ބައި-އިލެކްޝަނެއްގެ ގޮނޑި ޕީއެންސީއަށް ލިބުމާއެކު، ޖުލައި 20 ގައި މިހާރު އޮންނާނީ 6 ލޯކަލް ކައުންސިލް ބައި-އިލެކްޝަނެވެ. މީގެ ކުރިން ޖުލައި 20ގައި ފ. ބިލެތްދޫ އަންހެނުންގެ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ވެސް ބައި-އިލެކްޝަނެއް ބޭއްވުމަށް އީސީން ނިންމެވިއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު އެ ބައި-އިލެކްޝަނަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ އެ އިންތިޚާބު އެ ދުވަހު ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަލުން ހުޅުވާލާނެ ކަމަށް ވެސް އެކޮމިޝަނުން ވިދާޅުވެއެވެ.
ޖުލައި 20 ގައި އޮންނަ ބައި-އިލެކްޝަންތައް:
• ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުން
• ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުން
• މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
• މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
• މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
• ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުން
މިއިން ކޮންމެ ބައި-އިލެކްޝަނެއްގައި ވެސް 2 ކެންޑިޑޭޓަކު ވާދަކުރެއެވެ.
މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދާނީ ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. އަދި ރަސްމީ ނަތީޖާ އިޢުލާނު ކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

