މި އަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފުވައްމުލަކުގައި ފެށުމުގެ ގޮތުން ސިޓީ ކައުންސިލުން ތައްޔާރުކުރި އީދު މަޅި ބަޔަކު ވަގަށް ރޯކޮށްލައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް “އީދި އުފާ 1445″ގެ ނަމުގައި ކުޅިވަރުތައް ފެށުމުގެ ގޮތުން ބާއްވަން އުޅުނު ފުރަތަމަ ހަރަކާތަކީ އީދު މަޅި ރޯކުރުމުގެ ހަރަކާތް ކަމަށެވެ. އަދި އީދު މަޅި ރޯކޮށްލުމަށް ތައްޔާރުކޮށްފައިވަނިކޮށް އެ މަޅި ބަޔަކު ވަގަށް ރޯކޮށްފައިވާ ކަމަށެވެ. އެކަމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން ވަނީ މި އަމަލު ކުއްވެރިކޮށްފައެވެ. މީގެ އިތުރުން، ރަށުގެ އިޖުތިމާޢީ ގުޅުމާއި އެކުވެރިކަން އާލާކުރުމަށް ހިންގޭ މިފަދަ ހަރަކާތްތަކަށް ހުރަސް އެޅޭ ގޮތަށް ޢަމަލު ކުރުން ކުއްވެރިކުރާ ކަމުގައި ވެސް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ މިފަދަ ކަންތައްތަަކާއި އެނޫންވެސް ފަރުދަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބިދޭ އަމަލުތައް ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޢީދު ކުޅިވަރުތައް ފެށުމުގެ ގޮތުން ރޯކޮށްލުމަށް ތައްޔާރުކުރި އީދު މަޅި ބަޔަކު ވަގަށް ރޯކޮށްލުމުންވެސް އަލުން އީދު މަޅި ތައްޔާރުކޮށް، ސިޓީ ކައުންސިލުން ވަނީ އެހަރަކާތް ރޭގައި ކުރިޔަށް ގެންގޮސްފައެވެ. ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އެހަރަކާތް ބަލާލުމަށް ރަށުގެ ކުދިބޮޑު ރައްޔިތުން ޖަމާވިއެވެ. ފުވައްމުލަކުގައި ވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރިއަށްގެންގޮށްފައިވާއިރު ނަމާދަށްފަހު އީދު ސައިވެސް އެ ސިޓީގައި އޮތެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު އަޟްހާ އީދު ދަނީ ކުލަގަދަ ކޮށް ފާހަގަ ކުރަމުންނެވެ. ރާއްޖޭގެ 3 ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ހުށަހެޅި ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރުމަށް މިނިސްޓްރީން ނިންމާފައިވަނީ ރ. އުނގޫފާރާއި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިލީގަ އެވެ.

