މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް )ގެ ސީއީއީ އެކުންފުންޏަށް ހިޔާނާތްތެރިވެފައިވާ ކަމަށްބުނެ އޮންލައިން ނޫހަކުން ރިޕޯޓް ކޮށްފައިވާ ހަބަރާއި ގުޅިގެން، އެއީ ސިޔާސީ ތުހުމަތެއްކަން ކަށަވަރުވެއްޖެއެވެ.
އެނޫހުުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކުންފުނީގެ ކޭޝް ކާޑު ބޭނުންކޮށްގެން ވަޖީހު ވަނީ ތައިލޭންޑުން ގަވާއިދާއި ހިލާފަށް ވިޔަފާރި ކޮށްފައެވެ. އެހެން ނަމަވެސް ދައުލަތުގެ ކުންފުންޏެއްގެ ވެރިއެއްގެ ބޮލުގައި މިފަދަ ތުހުމަތެއް އެޅުމާއި ގުޅިގެން، މިއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމެއްތޯ ބެލުމަށް " ހުވަދޫ " އިން އެމްޕީއެލްގެ އޮފިޝަލަކާއި ސުވާލު ކުރުމުން އެނގިގެން ދިޔައީ މިއީ ދޮގު ތުހުމަތެއް ކަމަށެވެ.
އެމްޕީއެލްގެ އޮފިޝަލަކު މައުލޫމަތު ދެއްވިގޮތުގައި ކުރީގެ ސީއީއޯ އިން ރާއްޖެެއިން ބޭރުގައި އުޅުއްވާއިރު އަމިއްލަ ބޭނުމަށް ކުންފުނީގެ ކާޑް ބޭނުން ކޮށްފަ އެބަހުއްޓެވެ. އެއީ އެ ކުންފުނީގެ ފައިނޭޝިއަލް ޕޮލިސީއިން ހުއްދަ ކުރާކަމެކެވެ. އަދި ދަތުރު ނިންމާފަ އެ ފައިސާ އަބުރާ ދައްކާގޮތަށެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް
ކުންފުނިތަކުގެ އެމަޖެންސީ ހާލަތްތަކުގައި ފައިސާ ބޭނުންކުރާނެ އުސޫލުތަކެއް ހުރެއެވެ. މިއީ ހަމައެކަނި އެމްޕީއެލްގައި ހަދާފައިވާ އުސޫލެއް ނޫނެވެ.
އޮފިޝަލް ވިދާޅުވީ މީގެ ކުރިން އެކުންފުނީގެ ސީއީއޯ އިން ކުންފުނީގެ އެކައުންޓް ބޭނުންކޮށްގެން ކްރެޑިޓް ކާޑް ހައްދަވާފައިވާކަމަށެވެ. ނަމަވެސް މިހާރުގެ ސީއީއޯ ވަޖީހު މިހާތަނަށް ކާޑް އެގޮތަށް ހަދާފައިނުވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު އެ ޕޮލިސީ ބަދަލު ކުރުމުގެ މަސައްކަތްވެސް ސިއީއޯ ވަޖީހު ކުރައްވަމުން ގެންދަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ ފައިނޭންޝިއަލް ޕޮލިސީއާއި އަދި އެހެނިހެން ގަވާއިދުތަކާއި ހިލާފަށް މިވަރުގެ ކަމެއް ކުރެވިދާނެކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރައްވާ ކަމުގައި އޮފިޝަލް ވިދާޅުވިއެވެ. އަދި މިފަދަ ގޮތަކަށް ހުޅުވާލެވިފައިވާ ކަމެއްވެސް ނޫނެވެ.
ސަރުކާރު ބަދަލުވި ފަހުން ތަފާތު އެކިއެކި ޕްލެޓްފޯމްތަކުގައި އެމްޕީއެލްގެ ދޮގުވާހަކަ ދައްކަމުންދިއުމަކީ އެކުންފުނިން ހޯދަމުންދާ ކާމިޔާބީ ހުއްޓުވުމަށް ބަޔަކު އަޑީގައި ތިބެ ކުރަމުންދާ ކަމެއްކަން އެނގެއެވެ.
މި ސަރުކާރު ބަދަލުވިފަހުން އެމްޕީއެލް ވެގެން ގޮސްފައިވަނީ މި ސަރުކާރުގެ އެންމެ ހިންގުތެރި އެއްކުންފުނީގެ ގޮތުގައެވެ. އަތޮޅު ތެރޭގައި އެމްޕީއެލްގެ ހިދުމަތްތައް ފުޅާކުރުމާއި، އަދި ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި އެމްޕީއެލުން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެކުންފުންޏާއި ވަޖީހު ހަވާލުވިފަހުން ކުންފުންނި ހިންގުމަށް ބަދަލު ގެންސް، މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަން އެކުންފުނީގެ މުވައްޒަފުނާއި ސުވާލުކޮށްލުމުން އެނގިގެން ދިޔައެވެ.

