މިދިޔަ ދެ ދުވަހު މާލެ ސަރަހައްދުގައި ހިންގި ތިން މާރާމާރީއަކީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙުމަދު ޝިފާން “ސަން” އޮންލައިން ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ މާލެ ސަރަހައްދުގައި ހިނގައިދިޔަ މާރާމާރީތަކުގެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ. އަދި އެ މާރާމާރީތަކަކީ ކުށްކުރާ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އެ ކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މާލޭ އަމީނީ މަގުން ދަރުބާރުގެ ކައިރީ މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 22:30 އެހާކަންހާއިރެވެ.
އެ ހާދިސާގައި އެކަކު ޒަޚަމުކޮށްލިއިރު، އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ސެނަހިޔާ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ހަތަރު މީހަކު ތަހުގީގު ނިމެންދެންވަނީ ބަންދުކޮށްފައެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ވެސް އިއްޔެ ދެ މާރާމާރީއެއް ވަނީ ހިންގައިފައެވެ. އޭގެ ތެރެއިން ހުޅުމާލޭ ފިލިގަސްމަގުގައި ހިނގި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނީ އިއްޔެ ފަތިހު 4:07 ހާއިރެވެ. އެ މާރާމާރީ ހިންގި ކަމުގައި ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، އަނެއް މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއަށްފަހު އިއްޔެ މެންދުރު 12:45 އެހާކަންހާއިރު މާލޭ ޝަހީދު އަލީ މިސްކިތް ސަރަހައްދުގައި މާރާމާރީއެއް ހިނގައިގެން ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި ދެ މީހަކަށް ޒަޚަމުވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މީހުންނަށް ޖިސްމާނީ ހަމަލާ ދިނުމުގެ 313 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ފުލުހުންގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން މިމަހުގެ ފަހެއްގައި އިފުތިތާހު ކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ އިސްކަންދޭނީ ގޭންގްތައް ހަދައިގެން ރާއްޖޭގެ އަމަންއަމާންކަން ނަގާލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.

