މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ފުޓްބޯޅަ ތަރި ޖޫޑް ބެލިންހަމް ފުރަތަމަ ހާފުގައި ޖެހި ގޯލުން އިންގްލެންޑުން 1-0 އިން ސާބިއާ ބަލިކޮށް، މޮޅަކުން ޔޫރޯ ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.
މެޗު ފަށައިގެން އިންގްލެންޑުން ބޯޅަ ކޮންޓްރޯލްކޮށް ސާބިއާގެ ހާފަށް ބާރުބޮޑުކުރިއިރު، މި މެޗުގެ 13 ވަނަ މިނެޓުގައި އިންގްލުންޑުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މިއީ، ބުކާޔޯ ސަކާ ނަގައިދިން ހުރަހެއް، ބެލިންގްހަމް ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ޔޫރޯގެ ކުރިން ކްލަބު ސީޒަނުގައި ވެސް ބެލިންހަމް ތަފާތު ދެއްކި އިރު އޭނާ ވަނީ ރެއާލް މެޑްރިޑާއެކު މިފަހަރު ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު އުފުލާލާފައެވެ. އިންޑިވިޖުއަލީ ވެސް ގިނަ އެވޯޑުތަކެއް މިފަހަރު ބެލިންހަމް ހޯދާނެ ކަމަށް ބެލެވޭއިރު އޭނާ އަކީ މިފަހަރުގެ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ވާދަކުރާ ކުޅުންތެރިޔެކެވެ. އަނެއްކޮޅުން ބެލޮންޑިއޯ އެވޯޑުގެ ފޭވަރިޓުންގެ ލިސްޓުގެ ކުރީގައިވެސް މިވަގުތު އޮތީ އޭނާ އެވެ.
ރޭގެ މެޗުގައި ބެލިންހަމް ގޯލް ޖެހި ފަހުން، މެޗުގެ 25 ވަނަ މިނެޓުގައި އިންގްލެންޑަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކައިލް ވޯކާ މުޅިން ހުހަށްހުރެ އޭރިއާ ތެރެއަށް ވަދެ ނަގާދިން ހުރަސް އިންގްލެންޑް ކުޅުންތެރިއަކަށް ނުލިބި ދިޔައީ ބޭރަށެވެ.
ޓްރެންޓް އަލެކްސަންޑަ އާނޯލްޑް މެދުތެެރެއަށް ލައިގެން އިންގްލެންޑުން ކުޅުނުއިރު، ފުރަތަމަ ހާފުގައި އޭނާ އަތުން ގެއްލުނު ބޯޅައެއް ހޯދައި ސާބިއާގެ ކެޕްޓަން، އަލެކްސަންޑަ މިޓްރޮވިޗް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ދެ ވަނަ ހާފު ފަށައިގެން ސާބިއާ އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ފުރަތަމަ 10 މިނެޓު ތެރޭގައި އިންގްލެންޑަށް ރަނގަޅު އެޓޭކެއް އުފެއްދޭ ގޮތް ނުވި އެވެ. އަދި މި ހާފުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނިގެންދިޔަ އެވެ.
މި ހާފުގައި އިންގްލަންޑުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ މެޗުގެ 76 ވަނަ މިނެޓުގައި އުފެއްދިއިރު، ކޭން މުޅިން ހުހަށް ހުރެ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސާބިއާގެ ކީޕަރު ޕްރީޑޮވިޗް ރަޖްކޯވިޗް އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފަ އެވެ. އޭގެ ފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ސާބިއާގެ ޑޫސާން ވްލާހޮވިޗް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޖޯޑަން ޕިކްފޯޑް އެވެ.
މި މެޗުގެ ދެ ވަނަ ހާފުގައި ސާބިއާގެ މިޓްރޮވިޗަށް އިންގްލެންޑްގެ ކިއެރަން ޓްރިޕިއޭ ފައުލެއް ކުރި ކަމަށް ބުނެ، އެ ޓީމުން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ.

