ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެ ރަށަކުން އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތް ހަދަން ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވާކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ދާޚީލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ. މިއީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރު ދުވަހުގެ ތެރޭގައި ޙައްލު ކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށްޓަވާފައެވެ. އެގޮތުން، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިދިޔަ މަހު، “އޮޕަރޭޝަން ކުރަނގި”ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ވެސް ވަނީ ފަށްޓަވާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ކ. ހިންމަފުށީގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އޮޕަރޭޝަން ކުރަނގި ހިންގާފައިވާއިރު 700 އެއްހާ ބިދޭސީން އުޅޭނެ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް އެ ރަށުގައި އެކަނިވެސް 800 އަށްވުރެ ގިނަ ބިދޭސީން އުޅޭކަން ފާހަގަ ކުރެވުނު ކަމަށެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުގެ މަޤްޞަދަކީވެސް މުޖުތަމަޢުގައި މިގޮތަށް ގެއްލިފައިތިބި ބިދޭސީން ދެނެގަތުން ކަމަށެވެ.
އިޙްސާން ވިދާޅުވީ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހުނު ނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތް ކަމަށެވެ. މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްފަހު އެ ސިސްޓަމްގެ އެކްސެސް ކައުންސިލްތަކަށްދީ މައުލޫމާތު އަދާހަމަކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެބަ މެންޑޭޓްކުރަން، އަޅުގަނޑުމެން ވޯކް ޕާމިޓެއް ރާއްޖޭގައި މަސައްކަތް ކުރަން ދިނަކަސް އަދި އޭގެ އިތުރު ޕާމިޓެއް، އެ ރަށަކުން އިޝޫ ކުރަން ޖެހޭނެއޭ އޭނަ އެ ރަށެއްގައި މަސައްކަތް ކުރުމަށްޓަކާ. އޭރުން ދަފްތަރު ބެލެހެއްޓޭނީ،” އިޙްސާން ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގައި ހުރި ދަތިތައް ނައްތާލުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިޙްސާން ވިދާޅުވިއެވެ. އެގޮތުން، ބިދޭސީ މީހާގެ ޑިޕޮޒިޓުގައި ހުންނަ އަދަދަށްވުރެ އިތުރަށް ޓިކެޓަށް އަރާ ފައިސާ ކަނޑާލުމަށްފަހު، ޓިކެޓުގެ އެންމެ ބޮޑު އަގަކީ 8000 ރުފިޔާ ކަމަށް ޤައުމީ އެއާލައިނާއެކު އެއްބަސްވެފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ.
ލިޔެކިޔުންތައް ހުރި ބިދޭސީއެއްނަމަ އޭނާ ހައްޔަރު ކުރާތާ 48 ގަޑިއިރު ތެރޭގައި މިހާރު ޑީޕޯޓްކޮށްލެވޭނެކަން ފާހަގަކުރައްވައި އިޙްސާން ވިދާޅުވީ ލިޔެކިޔުން ނެތް މީހުން ޑީޕޯޓްކުރުމުގައި އަދިވެސް ވަގުތު ނަގާ ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް އެމްބަސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

