ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީނު ކުރަން އޮގަސްޓު މަހު ފަށްޓަވާނެ ކަމަށް ޢިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބުރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރަނީ ބުރިޖު އެޅި ކުންފުނި ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީ އިންނެވެ. ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީނު ކުރުން ހިމެނޭހެން، 3 އަހަރު ދުވަހުގެ މުއްދަތަށް ބްރިޖުގެ މެއިންޓަނަންސް މަސައްކަތް އެކުންފުންޏާ ސަރުކާރުން ޙަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން މެއިންޓަނަންސް މަސައްކަތް ފަށާފައިވަނީ މާރިޗު މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް އަލުން ފަށާފައި މިވަނީ ބުރިޖުގެ މެއިންޓަނަންސް ނުބަލަހައްޓާތާ ގާތްގަނޑަކަށް 3 އަހަރު ދުވަސް ވޭތުވުމަށްފަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ބުރިޖު މެއިންޓަނަންސް މަސައްކަތުގައި ހިމެނޭ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ޗައިނާއިން ޚާއްސަ ޓީމެއް އަންނަ އޮގަސްޓު މަހު ރާއްޖެ އަންނާނެ ކަމަށެވެ. އެ ޓީމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ބުރިޖު މެއިންޓަނަންސްގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބުރިޖުގެ އެކިއެކި ބައިތައް ސާފުކޮށް ޕެއިންޓު ކުރުން ނުވަތަ ޕްރޮޓެކްޓިވް ކޯޓިންގް ލުމުގެ މަސައްކަތް ކަމަށެވެ. އަދި ބުރިޖުގެ މައި ބިނާ ނުވަތަ ސްޓްރަކްޗާގެ ތެރޭގައި ހިމެނޭ ކޮމްޕޮސައިޓާއި ސްޓީލް ގާރޑަސްތައް ސާފުކޮށް ދަބަރު ފިލުވުމާއި ޕްރޮޓެކްޓިވް ކޯޓިންގް ލުމުގެ މަސައްކަތް މިއަހަރުގެ ފަހު ކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބުރިޖު މެއިންޓަނަންސްގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމާ ގުޅޭގޮތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ ބުރިޖު މެއިންޓަނަންސްގެ މަސައްކަތަށް ދިވެހިން ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ސިނަމާލެ ބުރިޖުގެ އިތުރުން އިތުރު ބުރިޖުތައް އެޅުމުގެ މަސައްކަތްތައް ރާއްޖޭގައި ކުރަމުންދާތީ މެއިންޓަނަންސް މަސައްކަތް ކުރަން އެނގޭ ފަންނީ ދިވެހިން ތިބުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވެއެވެ. މި މަސައްކަތްކުރަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ދަށުންނެވެ.
ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފެށީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހު އެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ.

