ބޭރު ފައިސާގެ ރިޒާވް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ އިން ބުނެފިއެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ ކޮންމެ 3 މަހަކުން ނެރޭ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭރު ފައިސާގެ ރިޒާވް ހުރީ 590.5 މިލިއަން ޑޮލަރުގައި ކަމަށެވެ. ނަމަވެސް މިއަހަރު ނިމޭއިރު ބޭރު ފައިސާގެ ރިޒާވް 605.7 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭރު ފައިސާގެ ރަސްމީ ރިޒާވް ވަނީ 29 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޒާވްގައި ހުރީ 541.8 މިލިއަން ޑޮލަރެވެ.
ބޭރު ފައިސާގެ ރަސްމީ ރިޒާވް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށަށް ދިޔަ މައިގަނޑު އެއް ސަބަބަކީ ނިމިދިޔަ ސަރުކާރުގައި ސްޓޭޓް ބެންކު އޮފް އިންޑިޔާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން ޖެހުމުން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މާލީ އަދި އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ނެރެމުންދާ ރިޕޯޓްތަކުގައިވާ ގޮތުން އިޤްތިޞާދީ ގޮތުން ލިބެމުންދާ ކުރިއެރުންތަކުގެ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކެވެ. އަދި އެ ސިނާއަތަށް އަންނަމުުންދާ ކުރިއެރުންތަކާއެކު، އެހެން ސިނާއަތްތަކަށްވެސް އޭގެ ފައިދާ ކުރެއެވެ.
އިޤްތިޞާދީ ކުރިއެރުންތަކާއެކު ބޭރު ފައިސާގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ބޭރު ފައިސާގެ އަދަދުވެސް މިދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފައެވެ. އަދި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއެކު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއްވެސް ދަނީ ލިބެމުންނެވެ.

