މާލޭގައި ރޭ ސައިކަލްތަކެއްގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ހެންވޭރު މެހެލި ގޯޅި ނުވަތަ ކޮފީ ރެޒިޑެންސް ގޯޅި ތެރޭގައި ހުރި ސައިކަލްތަކެއްގައި ރޯވި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:34 ހާއިރު އެވެ. އެ ސަރަހައްދުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެއީ ގަސްދުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިފާން ވިދާޅުވީ، ސައިކަލްތަކުގައި ރޯކޮށާްލާފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އެއީ އެކްސިޑެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ބަޔަކު މިކަން ގުޅުވާލީ މި މަހު ކުރީކޮޅު ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައާ އެވެ. އަދި މިއީ ސިލްސިލާކޮށް މާލޭގައި ބަޔަކު ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ސައިކަލްތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ސިފައިންގެ ފަޔާ ފައިޓަރުންނެވެ. އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނިއްވާލެވުނީ 12:42 ހާއިރު ކަމަށެވެ.

