ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިރާގުގެ ޢީދު ޝޯ އަދި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތުލުން މިރޭ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަޟުޙާ ޢީދު ފާހަގަ ކުރަން ދިރާގުން ބާއްވާ ޢީދު ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނީ، މިރޭގެ ޝޯގެ ތެރެއިން ކަސްޓަމަރުން އިންތިޒާރު ކުރަމުން އަންނަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން މިރޭ 09:00 ޖަހާއިރު އޮންނާނެ ކަމަށެވެ. ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.
ދިރާގު އީދު ޝޯގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. މިރޭގެ ޝޯގައި ވިމެން އެންޓަޕްރެނިއާސް އެސޯސިއޭޝަން، މޯލްޑިވްސް ވީއެމް އަދި މަޝްހޫރު "ޝޮޓް ބެވަރޭޖަސް މޯލްޑިވްސް"ގެ އުފެއްދުންތަކާ އެކު އިންތިޒާމު ކުރެވިފައިވާ ޚާއްސަ "ފުޑް ސްޓްރީޓެއް" ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

