ކަންކަން ބަދަލުވަމުންދާ ގޮތުން ދުނިޔޭގެ މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިހާރު ހުންނަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކެޓަރީ ޖެނެރަލްކަން ކުރައްވަން ގާނާގައެވެ. ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން ޑިސެމްބަރު 12، 2023 ގައި ނަޝީދު އިއުލާނުކުރެއްވިއިރު އެ މަނިކުފާނު ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑެތި ބާރުތަކުން އަންނަނީ އާންމުން ސިފައިންގޭގައި ނުވަތަ ދިފާއީ ބާރުތަކުގައި މަސައްކަތް ކުރަން މަޖުބޫރު ކުރުވަމުން ކަމަށެވެ. ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ނަޝީދުގެ ޕޯސްޓުގައި ވިދާޅުވެފައިވާއިރު އެ މަނިކުފާނު ވަނީ ނަސްލީ ތަފާތު ކުރުންތަކާއި ހިޖުރަކުރުމާ ދެކޮޅުވުން އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.
އެ މަނިކުފާނު ވަނީ އެ ހުރިހާ ކަމަކާ އެކު މޫސުމަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދިފާއީ ކަންކަމަށް ބޮޑު ހޭދައެއް ކުރެއެވެ. ޗައިނާ، ރަޝިއާ އަދި އެމެރިކާ ފަދަ ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް ދިފާއީ ކަންކަމަށް ޚަރަދުކުރެއެވެ.
އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އެމެރިކާއިން ދިފާއީ ކަންކަމަށް 916 ބިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ޗައިނާއިން މިދިޔަ އަހަރު ދިފާއީ ކަންކަމަށް ޚަރަދުކުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ 296 ބިލިއަން ޑޮލަރެވެ. އެއީ، ދިފާއީ ކަންކަމަށް އެންމެ ބޮޑު ހޭދައެއްކުރާ ދެ ގައުމެވެ.
ތިންވަނަ ބޮޑު ހަނގުރާމައެއްގެ ބިރުއެބައޮތް ކަމަށް ނަޝީދު ވިދާޅުވިއިރު ދުނިޔޭގައި މިހާތަނަށް ހިނގި ދެ ބޮޑު ހަނގުރާމަ ވެސް ހިނގާފައިވަނީ ވިހި ވަނަ ގަރުނުގަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ހިނގީ 1914 އިން 1918އާ ދެމެދުއެވެ. ދެވަނަ ބޮޑު ހަނގުރާމަ ހިނގީ 1939 އިން 1945އާ ދެމެދުގަ އެވެ.

