މައްކާގައި ހޫނުގަދަކަމުން ބޭރަށް ނުނިކުތުމަށް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީ އިން ހައްޖުވެރިންނަށް އަންގައިފިއެވެ.
ސައުދީއަރަބިއްޔާގެ މޫސުމާބެހޭ އިދާރާގެ އެދުމުގެ މަތިން ހައްޖު މިނިސްޓްރީން ހައްޖު ގްރޫޕްތަކަށް ވަނީ މެސެޖެއް ފޮނުވާފައެވެ. އެ މެސެޖެއްގައި އެއްވެސް ހައްޖުވެރިއަކު ހެނދުނު 11 އިން ހަވީރު ހަތަރަކަށް ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.
ބޭރުގެ ބައެއް މީޑީއާތަކުގެ ރިޕޯޓުތައް ބުނާ ގޮތުގައި އެ ހިސާބަށް ހޫނުގަދަވުމުގެ ސަބަބުން ޖަމްރާތައްވެސް ވަނީ ބަންދު ކޮށްފައެވެ. މައްކާގެ ހޫނުމިން މިވަގުތު ހުރިކަމަށް ދައްކަނީ 47 ޑިގްރީ ސެލްސިއަސްގައެވެ.
މީގެ ކުރިން ސައުދީ މެޓުން ވަނީީ ހޫނު އެންމެ ގަދަވާ ވަގުތުތަކުގައި އިހްސާސްކުރެވޭ ހޫނުމިން 70 އާއި ގާތްކުރާނެ ކަމަށް ބުނެފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ހައްޖުވެރިން ބޭރަށް ނުކުމެ އުޅުން މަނާކޮށް، ޖަމްރާތައް ބަންދުކޮށްފައިވާއިރު އުރުދުންގެ ސާދަ މީހަކު ހޫނުގަދަކަމުން (ސަންސްޓްރޯކް ޖެހިގެންކަމަށް ލަފާކުރެވޭ ކަމަށް) މަރުވެފައިވާ ކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުންވެސް 17 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

