- މާލެތެރެއިން ބޮޑެތި ހަރުފަތައް ފެނުން އާންމު ވެއްޖެ، ކުދި ހަރުފަތައް ހުރެދާނެބާ!
- މާލެ އިން ފެނުނު ހަރުފައިގައި 6 ފޫޓް ، އާންމު މީހެއްގެ އިސްކޮޅާ އެއްވަރު
މިފަހަކަށްއައިސް މާލޭއިން ހަރުފަތައް ފެނުންވަނީ އާންމުވެފައެވެ. ހަރުފައަކީ ރާއްޖޭގައި އުފެދި ދިރޭ އެއްޗެއްނޫން ކަމުގައިވީނަމަވެސް ދޭތެރެއަކުން ހަރުފަ ފެންނަ ވާހަކަތައް އަޑުއިވެއެވެ. ރޭގަ ވެސް ވަނީ ހަރުފައެއް ފެނިފައެވެ. މި ފެނުނު ހަރުފައިގައި 6 ފޫޓް ހުރިކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރު ކޮށްފައެވެ.
އެންމެފަހުން ހަރުފައެއް ފެނިފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެ ފަހުން 4 މަހެއްގެ ތެރޭގައި އަނެއްކާ މި ފެނުނު ހަރުފައަކީ ކިހިނެއް ކޮންގޮތަކަށް ރާއްޖެ އެތެރެވެވި އައިސްފައިވާ ހަރުފައެއްބާވައޭ އެތައްބަޔަކުވަނީ ސުވާލު އުފައްދާފައެވެ. ކުރިން ފެނުނު ހަރުފަ ފެނިފައިވަނީ މާލޭ މާފަންނު ޓިމްބާ ހައުސް [ލަކުޑި ގުދަނެއް] ގެތެރެއިންނެވެ.
މީގެ ކުރިން މާލޭގެ ގެއަކުވެސް ހަރުފައެއް ފެނުނެވެ. އެ ހަރުފަ ފެނިފައިވަނީ މ. މަރުދާނު ގެއިންނެވެ. އޭގެ ފަހުން ވެސް ހަރުފައެއް ފެނުނެވެ. އެއީ މާފަންނު ގުދަނެއްގެ ތެރެއިނެވެ. ރާއްޖޭގައި ހަރުފަ ގެންގުޅުމަކީ މަނާކަމެކެވެ. އެފަހަރު ފެނިފައިވަނީ ބާމީން ޕައިތަން އާއިލާގެ އެއްޗެކެވެ. މި ފަހަރުވެސް ފެނިފައިވަނީ ވެސް ޕައިތަންއެކެވެ. މިފަހުންފެނުނު ހަރުފަވެސް ފެނުނީ މާފަންނު ތިލާކޮޅު ގޯޅިންނެވެ.
މާލެއިން ހަރުފަ ފެންނަނީ ކީއްވެ؟
އާންމުކޮށް ބެލެވޭގޮތުގައި ހަރުފަ ރާއްޖެ އަށް އެތެރެވަނީ ހިލާ ހިލަވެލި ނުވަތަ ލަކުޑިފަދަ ޒާތުގެ ތަކެތި އެތެރެކުރެވޭއިރުގައެވެ. ހަރުފައަކީ ވިހަގަދަ އެއްޗެކެވެ. އިންސާނުންނަށް އޭގެ ނުރައްކާ އޮތް އެއްޗެކެވެ. ނަމަވެސް ރާއްޖެއިން ފެންނަ މި ހަރުފަތަކަކީ އަދި ފާހަގަކުރެވިފައިވާ ގޮތުން ޕައިތަން ހަރުފައެވެ.
އެ ޒާތުގެ ހަރުފަ އަކީ، ވަކި ވަރަކަށް ބޮޑުވުމުން އިންސާނުންނަށް އޭގެ ސަބަބުން ނުރައްކާ އޮތް އެއްޗެކެވެ. ނަމަވެސް އެހެން ހަރުފަތަކާ އަޅާ ބަލާއިރު އިންސާނުންނަށް ގެއްލުންދޭ މިންވަރު ކުޑައެވެ. އޭތީގެ އަތުޖެހިއްޖިއްޔާ ބާރަށް ދަތްއަޅައެވެ. ޕައިތަން ހަރުފައިގެ ބައެއް މައުލޫމާތަށްބަލާއިރު، 9 ފޫޓަށް ބޮޑުވުމުން އޭގެ އަސްލު ސޫރައިގައި އެތީގެ ބާރު މިނުގައި އެ ހަރަކާތް ކުރެއެވެ. އެހެންކަމުން ރާއްޖެއިން ފެންނަ ހަރުފައަކީ އޭގެ ނުރައްކާ އިންސާނުންނަށް އޮތް އެއްޗެއް ކަމަށް ބެލެވެއެވެ.

ރާއްޖެއިން ފެންނަ ޒާތުގެ ހަރުފައެއް މީހެއްގެ އަތުގަ ދަތް އަޅާފަ/ފޮޓޯ: ގޫގްލް
އިންސާނުންނަށް އޭގެ ނުރައްކާ އޮތް ސަބަބެއް ކަމަށް ބެލެވެނީ މި ހަރުފަ ކާން ބޭނުންކުރާ އެއްޗެއްސަކީ (މެމެލްސް) މައްމަލި ޖަނަވާރެވެ. ގާތުން ކިރުދޭ ޒާތުގެ އެއްޗެއްހި ކަމަށްވާތީއެވެ. ލިޒާރޑް، ބާރޑްސް ވާ ފަދަ އެއްޗެއްސެވެ. ހާއްސަކޮށް މައްމަލި ޖަނަވާރުންގެ ތެރޭގައި ހިމެނޭ އިންސާނުންވެސް އޭގެ ތެރޭން ހިމެނޭތީއިންސާނުންނަށް ބިރު ބޮޑެވެ.
މާލެއިން ހަރުފަ ފެނުން ބިރުވެރިކަމަކަށް:
ހަރުފަ އަކީ ޒާތުގައިވެސް ބިރުވެރި އެއްޗެކެވެ. ސިފައާއި ހުންނަގޮތުންވެސް މެއެވެ. އޭގެ ނަންބުނެލުމުންވެސް އާންމުކޮށް މީހުން ހިތައް ބިރުވެރިކަން ވަދެއެވެ. ރާއްޖޭގައި ނުހުންނަ އެއްޗެއް ކަމަށްވާތީވެސް ވެދާނެއެވެ. މިހާރު ހަރުފަ ފެންނަލެއް އަވަސްވުމާއި، ފެންނަ ހަރުފަތައް ބޮޑުވުމުން ވެސް އާންމުންތިބީ ބިރުވެރިކަމެއްގައެވެ.
ސަބަބަކީ ކުދި ހަރުފަތައް ރާއްޖޭގައި މިހާޜު ތިބި ކަމަށްވެސް ވެދާނެތީއެވެ. ކައިރިކައިރީގައި ހަރުފަތައް ފެންނަމުންދާތީ މި ޒާތުގެ ހަރުފަ ރާއްޖެ އެތެރެވެވުނީ ހަރުފަ ކުޑަކުޑައިރުގަތޯ އަދި ބޮޑުވެ މިހާރު އެ ފެންނަ ސައިޒުގަތޯވެސް ސުވާލުއުފެދެއެވެ. މި ކަމުގައި ސިފައިންގެ ސީދާ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ. މި ކަމުގައި ސިފައިން ހަމައެކަނި ވިދާޅުވަނީ މާފަންނު ސަހަރާ ހުޅަނގުން އޮންނަ ޢިއްޒުއްދީންމަގުގެ ގޯޅިގަނޑެއްގެ ތެރެއިން ހަރުފައެއް ފެނިގެން އުޅޭ ކަމުގެ މަޢުލޫމާތު، ސިފައިންނަށް ލިބުނީ ރޭ 08:46 ހާއިރު ކަމަށެވެ.
އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން ވަގުތުން އެޓެންޑްވެ ސަލާމަތްތެރިކަމުގެ ފިޔަވަޅުތަށް އެޅުނު ކަމަށެވެ. އަދި މިކަމުގައި އަމަލުކުރަންޖެހޭ އުސޫލުން މިހާރުވަނީ އަމަލުކުރެވިފައި ކަމަށްވެސް ވިދާޅުވިއެވެ.
ސިފައިންގެ މި ވާހަކައިން ނިންމާލެވޭތޯއެވެ. ދިވެހިން ނުދަންނަ ރާއްޖޭގައި އާލާނުވާ ދިރޭ ހަރުފަ ރާއްޖޭގައި ފެންނަ ފެނުމަކީ ބިރުވެރިކަމެއް ނޫން ތޯއެވެ.

