ޠަވާފުކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އަދި އެއީ އިސްލާމްދީނުގެ މަތިވެރި ޝިޢާރެކެވެ. މާތް ﷲ ގެ ގެފުޅަށް ކުރެވޭ އިޙްތިރާމެކެވެ. މާތް ﷲ މަތިވެރިކޮށް އިންސާނުން ގެފުޅުވަށައިގެން ޠަވާފުކުރާއިރު މަތިވެރި މަލާއިކަތުން ބައިތުލް މަޢްމޫރުގައި އަޅުކަންކުރެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ (سورة الحج 26) މާނައީ: “އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެތިބޭ މީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށް ޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ!” މި އާޔަތުގައި ޤާއިމުވެތިބޭ މީހުންނާއި ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށް ވުރެ ކުރިން ޒިކުރުކުރެވިފައިވަނީ ޠަވާފްކުރާ މީހުންގެ ވާހަކައެވެ. އެ ކަމުން ވެސް އެނގިގެން ދަނީ ޠަވާފުގެ މަތިވެރިކަމެވެ. ޠަވާފަށް އިސްލާމްދީނުގައި ދެވިފައިވާ މަތިވެރި މަޤާމެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “مَن طاف بِهَذا البيتِ أسبوعًا يُحصيهِ، فيُصلِّي رَكْعتينِ كانَ كعِتقِ رقَبةٍ، وما وضَعَ رجلٌ قدمًا، ولا رفَعها؛ إلَّا كتبَ اللَّهُ لهُ بِها حسَنةً، ومحا عنه بها سيِّئةً، ورفع لهُ بِها درجةً”(صححه الألباني) މާނައީ: “މި ގެފުޅުގައި ޠަވާފުގެ ހަތް ބުރު ފުރިހަމަކުރުމަށް ފަހު ދެ ރަކުޢަތް ނަމާދެއް ކޮށްފި މީހަކަށް، އަޅަކު މިނިވަންކުރުމާ އެއްފަދަ އަޖުރެއް ލިބޭނެއެވެ. ޠަވާފުކުރާއިރު އަޅައިފި ކޮންމެ ފިޔަވަޅަކަށް ﷲ تعالى އޭނާއަށް ޓަކައި ހެޔޮކަމެއް ލިޔުއްވައެވެ. އަދި އޭނާގެ ފާފައެއް ފުއްސަވައިދެއްވައެވެ. އަދި އޭނާ އަޅައިފި ކޮންމެ ފިޔަވަޅަކާ އެކު ދަރަޖައެއް އުފުލޭނެއެވެ.” އަޅުން މިނިވަންކުރުމަކީ މާލީ ގޮތުން ވަރަށް މުއްސަނދި މީހަކަށް ނޫނީ ނުކުރެވޭ ކަމެކެވެ. އެހެނަސް ޠަވާފުކުރުމުން އަޅަކު މިނިވަންކުރުމުގެ ސަވާބުލިބޭނޭ ކަން އިސްވެދިޔަ ޙަދީޘުން އެނގެއެވެ. އެއިން ވެސް އެނގިގެން ދަނީ ޠަވާފުގެ މަތިވެރިކަމެވެ. އަދި ސަވާބާއި ދަރުމައިގެ ގޮތުން ޠަވާފަކީ ކިހައި މަތިވެރި އަޅުކަމެއް ކަމެވެ.
ޠަވާފުގެ ހަތް ބުރު ފުރިހަމަ ކުރުމަށް ފަހު ދެ ރަކްޢަތް ނަމާދެއް ކުރުން އޮވެއެވެ. މަސްޖިދުލްޙަރާމްގައި ކުރާ ނަމާދުގެ ސަވާބު އެ ނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށް ވުރެ އެއްލައްކަ ގުނަ އިތުރުވެގެންވާ އިރު ޠަވާފުގެ ދެ ރަކްޢަތަށް ވެސް އެފަދައިން ސަވާބު ލިބޭނެއެވެ. އަމީރުލް މުއުމިނީން ޢަލީ رضي الله عنه ވިދާޅުވިއެވެ. “استكثروا من الطواف بهذا البيت ما استطعتم من قبل أن يحال بينكم وبينه” (أخرجه عبد الرزاق في المصنف) މާނައީ: “މި ގެކޮޅުގައި ތިޔަބައިމީހުންނަށް ޠަވާފުކުރުމަށް ހުރަހެއް ކުރިމަތި ވުމުގެކުރިން އެ މީހަކަށް ކެރިކުޅަދާނަ ވީވަރަކުން މި ގެކޮޅުގައި ޠަވާފުކުރުން ގިނަ ކުރާށެވެ.”
ޠަވާފުކުރުމުގެ މައިގަނޑު މަޤްޞަދަކީ މާތް ﷲ ހަނދުމަކުރުމެވެ. ޛިކުރުކުރުމެވެ. ދުޢާކުރުމެވެ. ޠަވާފުކުރާއިރު ކުރާ ދުޢާތައް އިޖާބަކުރެއްވުމުގެ އުންމީދު ބޮޑުވެގެންވާކަމުގައި ޢިލްމުވެރީން ބަޔާންކުރައްވައިފައިވެއެވެ. މައްކާގެ މާތް ބިމަށް އައުދެވިއްޖެ މީހެއް ވިއްޔާ، ޠަވާފުކުރުން ގިނަ ކުރުމީ ނުހަނު މުހިންމު ކަމެކެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

