ކައިވެންޏަކާ ހަމައަށް ދިޔައީ ވަކިވަކިން ދުރުގައި އުޅެން ކެތްނުވާވަރަށް އިންތިހާއަށް ލޯބިވާތީއެވެ. ދެމީހުންވެސް ތިބީ އެކަކުއަނެކަކަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވުމަށް ތައްޔާރަށެވެ. ފުރަތަމަ ބައްދަލުވި ވަގުތު ދެމީހުންނަށްވެސް އިހުސާސްވެ އެނގިއްޖެއެވެ.
ދެމީހުންނަކީ ދެހަށިގަނޑެއްގައިވާ އެކަކު ކަމުގެ އިހުސާސެވެ. ދެމީހުންގެ ރުހުމާއި ނުރުހުން އެއްގޮތެވެ. މީރު ނުބައި ރަހައިގެ ގޮތުންވެސް އެއްގޮތެވެ. ކަމުދާ ކަމުނުދާ ނުހަނު ގުޅެއެވެ. އެންމެ ރީތި ކުލައިން ފެށިގެން އެންމެ މީރުވަސް ދުވާ ސެންޓާ ހަމައަށް އެންމެ މީރު ކެއުމުން ފެށިގެން އެންމެ ދާހިތްވާ ގައުމާ ހަމައަށް ހަމަ އެއްވެސް ތަފާތެއް ނެތެވެ. ދެމީހަކު ގުޅޭނީ މިހާކަށް ވަރަށްތާއެވެ.
ހަގީގަތުގައި މައްސަލައަކީ ރައްޓެހިވެ ލޯބިވެގެން އުޅުނުއިރު އެކަކު އަނެކަކާ އެ ބައްދަލު ކުރަނީ ލޯބިވެރިޔާ ކަމާއި ކައިވެނި ކުރުމުން ދިރިއުޅުންތައް ގުޅިގެން ދަނީ ދެއާއިލާއަކާ ކަން ފަހުމު ނުވުމެވެ. ރައްޓެހިވެގެން އުޅުނުއިރު، އެކަކު އަނެކަކާ އެކުގައި ހޭދަކުރި ވަގުތުތަކުގަައި ތިބީ ދެމީހުން އެކަންޏެވެ. ތިންވަނަ މީހަކު މެދަށް އަންނަ ހިސާބުން ކަންކަން ބަދަލުވާނެ ކަމާމެދު ވިސްނާލެވިފައިނެތެވެ.
ހިތާވެެގެން އުޅުނުއިރު ހަރަދު ކުރަން ޖެހުނީ ލޯބިވެރިޔާއާ އެކު ދާ ރެސްޓޯރެންޓުތަކުގެ ބިލާއި އޭނައަށް ދޭ ހަދިޔާ ތަކަށް ކަމަށްވިޔަސް ކައިވެންޏަށް ފަހު ދެމީހުންގެ ހަރަދުތައް އެކުވެގެން އަންނާނީ އެންމެ ބިލެއްގައި އޮންނަ މަދު އަދަދެއް ނޫންކަން ނޭނގުނީއެވެ.

ރައްޓެހިވެގެން އުޅުމާއި ކައިވެނިކުރީމަ ދިރިއުޅުމާ ތަފާތުވާނެ، އެކަމަށް ތައްޔާރުވެގެން ކައިވެނިކުރުން މުހިންމު
ލޯބީގައި ދިވާނާވެގެން ކައިވެނި ކުރިއިރު ވަކިން އުޅެން ބޭނުންވީ ޒުވާން ޖޯޝުގައި އުފާކުރަން މިނިވަންކަމާއެކު ވަގުތާއިތަން ބޭނުންވާތީއެވެ. ވިސްނާނުލެވި އޮތީ ކުލީ ގެއެއްގައި ފެނާއި ކަރަންޓާ ކެއުމަށް އިތުރުވާ އެހެނިހެން ކަންކަމަށް ހަރަދު ކުރަން ޖެހޭނޭ ކަމެވެ.
އަދި އެހުރިހާ ހަރަދަކަށް ލިބޭ އާމްދަނީ އިން ފުދިދާނެތޯ ހިޔާލުކޮށްލެވިފައެއް ނެތެވެ. ދެމީހުންގެ އެކަނި ހަރަދުތައް ދެމީހުންގެ މުސާރައިން ހަމަޖައްސާލެވޭނެކަމަށް ހިތްހަމަޖައްސާލި އިރު ބޭނުންވިޔަސް ނުވިޔަސް ތިންވަނަ މީހާ އަންނާނެކަމާމެދު ވިސްނާލެވިފައެއް ނެތެވެ.
މިނޫންވެސް އެތަކެއް އެތަކެއް ކަމެއް ހުރި އިރު މިހުރިހާ ކަމަކަށްވުރެ ބޮޑަށް ވިސްނާނުލެވިި ދޫކޮށްލެވުނު ކަމަކީ އެކަކު އަނެކަކަށް ކަންކަމުގައި ވާހަކަދައްކައި މަޝްވަރާކޮށް ހައްލު ކުރުމަކީ ކިހާ މުހިންމު ކަމެއްކަމެވެ. ދިމާވާ ކުދިކުދި ކަންކަން ހިންދިރުވާލާފައި ބޯ ހޫރާލާފައި ނިންމާލާއިރު އެކަންކަން އެދަނީ ސިކުނޑީގެ ކަނަކަށް ފުނިޖެހެމުންކަން ނޭނގުމަކީ އެންމެ ބޮޑު ގޯހެވެ. އަދި ދެން…..
ހެނދުނުގެ ސައިތަށީގައި އެއްވެސް މައްސަލައެއް ނެތެވެ. ސައިތަށި ހޫނުކޮށް ހުއްޓާ ތުބުގައި ޖައްސާ ދަމާލުމާއެކު ތައްޔާއިި ދުލާއި ތުންފަތުން ދިލަހޫނު އަރައިގެން ދިޔައިރު ސައިތަށީގެ ހޫނުން އަހަރެމެންގެ ކައިވެނި އަނދާއަޅިއަށް ވެގެން ދިޔައީއެވެ. ފުންމައިގެން ދިއުމާއެކު ސައިތަށި އަތުން ދޫވެ ބަންޑުން ވީ ގަޔަށެވެ. އޮފީހަށް ދާން ވަގުތު ކުޑަތަން ވެފައި ވަނިކޮށް އަނެއްކާ އަންނައުނު ހަރާބުވީއެވެ.

ވަރިއަކީ ހައްލެއް ނޫން، އެކަން ހަނދާންނައްތާނުލާށެވެ!
ކުރިން އައިސްފައި ހުރި ރުޅި ސައްތަ ގުނަ ވީ އިތުރެވެ. ރުޅިއައިސް ރަތްވެފައި އަޑުގެ ނެތްތަނަށް ގޮވިއިރު އަނބިމީހާ އިނީ ދަރިފުޅަށް ކާންދިނުމުގައި އަވަދިނެތިއެވެ. ދަރިފުޅު އެނދުގައި ބާއްވާފައި ނުކުމެގެން އައިސް ވީ ކީއްތޯ އެހުމުން ރުޅިގަނޑު ދިޔައީ ފަޅަފަޅައިގެންނެވެ.
"ސައިތަށި ހޫނުކަން އެނގެންވާނެ ނު، ދެން އެއީ އެވަރު ކަމެއްވެސް ނޫނޭ، ދާންވީނު ހެދުން ބަދަލުކޮށްލަން،"
އެއްފަހަރާ އެތައް މައްސަލައެއް އޮޅެމުން ނިއުޅެމުން ފަށްފަށް ވެގަތީއެވެ. އާ، އެއްވެސް ކަމެއް ނޫންތާއެވެ. ކިހާ ތާހިރު ވާހަކައެއް ހެއްޔެވެ. ހުރިހާ ކަމެއްވެސް ހަމަ އެގޮތަށް ނިންމާލީމަ ކިހާ ފަސޭހަ ހެއްޔެވެ. އަމިއްލަ އުފާތައް ނަގާލާފައި އަހަރެން ރެއާދުވާލު މި ގުރުބާނީ ވާއިރު ކަލޭ ހަމަޖެހިގެން ގޭގައި އަރާމު ކުރަނީއެވެ. ވަރުބަލިވެގެން ގެއަށް އައިސް ވަންނައިރަށް ދަރިފުޅު އުރަން ޖައްސާނެއެވެ. އޮފީހުގެ މަސަައްކަތްތަކުން އައުމާއެކު ގޭތެރޭގެ މަސައްކަތަށް ޖައްސާނެއެވެ. ރޭގަނޑަކު ބޭރަށް ދެވޭނެ ފުރުސަތެއް ނުލިބެއެވެ. ކަލެއާ ހެދި އުމުރަށްވުރެ އަވަހަށް އަހަރެން މުސްކުޅިިވެއްޖެއެވެ. މިވަރަކުން ނޫޅެވޭނެއެވެ. ވާވަރު ވެއްޖެއެވެ. ތިހިރީ ވަރިކޮށްފައެވެ. މިގޭގައި ކަލޭ ބޭނުން ގޮތަކަށް އުޅޭށެވެ. މަމިދަނީ މަގޭ ގެއަށެވެ.
މިއީ ހައްލު ނުކުރެވޭނެ މައްސަލައެއް ބާވައެވެ. މި މައްސަލައަށް މިނޫން ނިމުމެއް ހަމަ ނޯންނާނީ ހެއްޔެވެ. ފެންނަ ފެނުމުގައި ޖެހުނީ ސައިތަށްޓެއްގެ މައްސަލައެވެ. އެކަމަކު ހަގީގަތަކީ އެއީ އެކަކު އަނެކަކަށް ކަންކަމުގައި ވާހަކަ ދެއްކިފައި ނެތުމެވެ. ޖެހޭ މައްސަލަތަކާއި ދިމާވި ކަންކަން އަޅާނުލައި ދޫކޮށްލުމުގެ ނަތީޖާއެވެ. ކުދިކުދި މައްސަލަތައް ގިނަވަމުން ގޮސް ފުރިގެން ބަންޑުންވީއެވެ.
ވަރި އަކީ ހައްލެއް ނޫން ކަން ވިސްނާލެވުނު ނަމައެވެ. ހުރިހާ ދެރައެއް ކުށެއް ނެތް ދަރިފުޅަށް ލިބޭނޭކަން ފަހުމުވި ނަމައެވެ.

