އިސްލާމީ ދީނަކީ މާތް ﷲ ދިވެހިންނަށް ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތުގެ ދީން ކަމަށާއި، ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން، ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ހިދާޔަތުގެ މަގަށް މިރާއްޖެ ބަދަލުވި ދުވަހުން ފެށިގެން މިރާއްޖޭގެ ސަޤާފަތަކީ އިސްލާމީ ސަޤާފަތް ކަމަށާއި، ސަޤާފަތުގެ ނަމުގައި ޚުރާފީ ކަންކަން ދިރުވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށެވެ.
” އެފަދަ އެއްވެސް ކަމަކަށް ވާގިވެރިވެގެން ނުވާނެ. ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއެއްގޮތައް.” ޝަހީމް
ޝަހީމް އިތުރަށް ވިދާޅުވީ ދިވެހިންގެ ސަޤާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްކަންކަން ކުރުން ކަމަށާއި، އެނޫންކަންކަމަކީ ޚުރާފީ ބާޠިލްކަންކަން ކަމަށެވެ. ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް ކަމެއް ކަމަށްވެސް ވިދާލުވިއެވެ. މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގައި ކަމަށެވެ. އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭ ކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، އަޟްހާއީދުގެ އުފާ މުޅި ރާއްޖޭގައިދަނީ ފާހަގަކުރަމުނެވެ. އެގޮތުން ކުލަޖެހުމާއި، މިއުޒިކް ޝޯވް އާއި، މާލި ނަމުގައި ޝައިތަނުން ސިފަވާގޮތަށް ކެރެކްޓާރތަކަށް ބަދަވެ ކުރެވޭ ކަންތައްތަކުން އީދު ހުރުމަތް ގެއްލިދާނެ ކަމަށް އާންމުންވެސް ދަނީ ބުނަމުންނެވެ. އަދި ސަގާފަތުގެ ނަމުގައި އެކިއެކި ހަރަކާތްތައް ހިންގާތަން ދަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ވެސް ވަގުތުން ދައްކަމުންނެވެ.
މިފަދަ ހަރަކާތްތައް ތަކުރުރާރު ނުވާނެ ގޮތަކަށް ކުރިއަށް ދުވަސްތަކުގައި އަމަލު ކުރުމަށްވެސް ޝަހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

