ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޝަރުތު ހަަމަވާ ޕާޓީތަކަށް ދައުލަތުން ފައިސާ ދެމުން ދަނީ ކުރާ މަސައްކަތަށް ވެސް ބެލުމަށްފަހު ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
އީސީން ވަނީ ޝަރުތު ހަމަވާ 6 ޕާޓީއަކަށް ފައިސާ ދޫކޮށްފައެވެ.
މިފަހަރު ފައިސާ ދޫކުރީ އެމްޑީޕީއާއި ޕީޕީއެމްއާއި ޕީއެންސީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ އަދި އަދާލަތު ޕާޓީއަށެވެ.
މިކަމާ ގުޅިގެން އާންމު ރައްޔިތަކު ވަނީ ސިޔާސީ ޕާޓީތަކަށް ބޮޑެތި އަދަދުތަކުން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާއިރު، ސިޔާސީ ޕާޓީތަކުގެ އަސްލު މަގުސަދު ހާސިލުވޭތޯ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ 2022 ވަނަ އަހަރުން ފެށިގެެން ކޮންމެ އަހަރަކު ވެސް ޕާޓީތަކުގެ އޮފީހަށް އީސީގެ ޓީމަކުން ގޮސް ލިޔެކިޔުންތަކާއި އެ ޕާޓީތަކުން ކޮށްފައިވާ މަސައްކަތްތައް ބަލައި ހަދާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި މެންބަރުން ތިބި އަދަދަށް ބޮލަކަށް 289.62 ރުފިޔާގެ ރޭޓުން ކަމަށް އީސީން ކުރިން ބުނެފައިވެއެވެ.

