ކެޕްޓަން ރޮނާލްޑޯ ރެކޯޑު ހެދި މެޗުގައި ބަދަލަކަށް ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްރާންސިސްކޯ ކޮންސެސާއޯ ޖެހި ގޯލުން ޕޯޗުގަލް އިން 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތް މޮޅަކުން ފަށައިފި އެވެ.
ޖަރުމަނުގެ ލައިޕްޒިގު އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ޕޯޗުގަލް އިން ދިޔައީ އިދިކޮޅު ގޯލު ފޫއަޅުވާލެވޭތޯ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ކޮޅުގައި އެ ޓީމުގެ ތަޖުރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ، 39، އަށް ބޯޅަ ދިނުމުގައި ދަތިތަކާ ކުރިމަތިވި ނަމަވެސް މެޗު ކުރިއަށްދިޔަ ވަރަކަށް ޗެކް ރިޕަބްލިކުގެ އޭރިއާ ތެރެއަށް ހުރަސްތައް ނަގައި ޕޯޗުގަލްގެ މިޑްފީލްޑުން ދިޔައީ ޓީމުގެ ފޯވަޑް ލައިނަށް ބޯޅަތައް ސަޕްލައި ކުރަމުންނެވެ. ކެރިއަރުގައި ހަ ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެ، ރެކޯޑެއް ހެދި ރޮނާލްޑޯ މި މެޗުގެ ފުރަތަމަ ހާފުގައި އޭނާ އޭރިއާތެރެއިން ޖެހި ބޯޅައެއް، ޗެކް ރިޕަބްލިކްގެ ކީޕަރު، ޔިންޑްރިކް ސްޓަނެކް ވަނީ މަތަކޮށްފަ އެވެ.
ޕޯޗުގަލްގެ ރަފައެލް ލެއާއޯ އާއި ބްރޫނޯ ފެނާންޑޭސް ވެސް ވަނީ ދުރުން ޝޮޓްތަކެއް ފޮނުވާލައި ގޯލު ޖެހޭތޯ ބަލައިފަ އެވެ. އެކަމަކު، ކީޕަރު ސްޓަނެކް ހާސްކޮށްލެވޭ ވަރަށް ގޯލާ ސީދާކޮށް ވެސް ފޮނުވާނުލެވުނެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ޕޯޗުގަލް އިން ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެވެ. މުޅި މެޗުހެން ޑޮމިނޭޓް ކޮށްގެން ޕޯޗުގަލް ކުޅެމުންދިޔަ އިރު ޗެކް ރިޕަބްލިކް ފެނުނީ ޑިފެންސިވްލީ ވަރަށް ވަރުގަދަކޮށެވެ.
ދެ ވަނަ ހާފުގައި ޗެކް ރިޕަބްލިކުން ކުޅުން ރަނގަޅުކޮށް، ބަދަލުތަކެއް ގެނެސް އެޓޭކްކުރަމުން އައި ގޮތަށް ބަދަލުތަކެއް ގެނަ އެވެ. ނަތީޖާ އަކަށްވީ ޕޯޗުގަލް ސިއްސުވާލައި ޗެކް ރިޕަބްލިކުން ލީޑުނެގުމެވެ. މެޗުގެ 62 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ލޫކަސް ޕްރޮވޮޑް އެވެ. މިއީ މެޗުގައި ޗެކް ރިޕަބްލިކުން ގޯލާ ސީދާކޮށް ޖެހި ފުރަތަމަ ޝޮޓް އެވެ.
ޕޯޗުގަލް އިން ލަސްތަކެއް ނުވެ ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 69 ވަނަ މިނިޓްގައި ޕޯޗުގަލް އިން ޖެހި މި ގޯލަކީ ޗެކް ރިޕަބްލިކްގެ ރޮބިން ރަނަކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ޕޯޗުގަލްގެ ނޫނޯ މެންޑޭޒް ބޮލުން ޖައްސާލި ބޯޅައެއް ކީޕަރު ސްޓަނެކް ޕަންޗުކޮށްލަން އުޅުމުގެ ތެރޭގައި ރަނަކް ފައިގައި ޖެހިފައި ވަން ގޯލެކެވެ.
އޭގެ ފަހުން، ޕޯޗުގަލްގެ މިޑްފީލްޑަރު، ވިޓީނިއާ އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ސްޓަނެކް ވަނީ ހުއްޓުވައިފަ އެވެ.
ކައުންޓަ އެޓޭކުގައި މެޗުގެ 81 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކުން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެ ޓީމުގެ ކެޕްޓަން، ތޯމަސް ސޯސެކް އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޕޯޗުގަލް އިން 87 ވަނަ މިނެޓުގައި ބޯޅަ ގޯލު ތެރެއަށް ވައްދާލިއެވެ. ރޮނާލްޑޯ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި އައި ވަގުތު ޑިއޯޯޯގޯ ޖޮޓާ ބޯޅަ ގޯލު ތެރެއަށް ފޮނުވާލި ނަމަވެސް، ރޮނާލްޑޯ ބޯޅަ އަށް އެރިއިރު، އޮފްސައިޑްގައި ހުރި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްލައިފަ އެވެ.
އެކަމަކު، އިތުރު ވަގުތު ކައިރިވެފައިވަނިކޮށް ޕޯޗުގަލް އިން ބަދަލަކަށް އެރުވި، 21 އަހަރުގެ ކޮންސެސާއޯ އާއި ޕެޑްރޯ ނެޓޯ ގުޅިގެން ކުރި އެޓޭކެއްގައި ލަނޑު ޖަހައި ޕޯޗުގަލް މޮޅުކޮށްދިނެވެ. ނެޓޯ ނެގި ބޯޅައެއްގައި، އޭރިއާތެރެއިން ކޮންސެސާއޯ އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ކޮންސެސާއޯ އަކީ، ޕޯޗުގަލްގެ ކުރީގެ ފޯވާޑް ސާޖިއޯ ކޮންސެސާއޯގެ ދަރިފުޅެވެ.

