ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި ސުމުއްވުލް އަމީރު ކިލޭގެ ކަމަށް ކޮލި ލެވުނު އަބްދުލް ހަންނާނު ހަލީމް ދޮށިމޭނާ ކިލޭގެފާނު އަވަހާރަވިކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އެއާއިލާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސް ޑރ މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަންނާން އަކީ ދައުލަތަށް އެތަކެއް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އެބޭފުޅާ އަވަހާރަ ވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި މި ޕޯސްޓުގައި މަރުޙޫމް އަބްދުލް ހަންނާންގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުމަށާއި، އަދި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ހެޔޮ ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 10 އަހަރު ޕަބްލިކް ސޭފްޓީ މިނިސްޓަރ ކަމުގެ މަޤާމުގައި ދައުލަތަށް ޚިދުމަތް ކުރައްވައި، އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުކަމާއި އެނޫން އެތައް ޚިދުމަތްތަކެއްވެސް ދިގު މުއްދަތެއްގައި ޤައުމަށް ކޮށްދެއްވާފައިވާ، ސުމުއްވުލްއަމީރް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމަކީ ޤައުމަށް ލިބުނު ފުން ހިތާމައެކެވެ. މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމެވެ. އަދި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެ ކިލެގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ހެޔޮ ދުޢާ ކުރަމެވެ.” ރައީސް ޑރ މުއިއްޒު އެކްސްޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަބްދުލް ހަންނާން އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ދެވަނަފަހަރަށް ގެނައުމަށްފަހު އެކުލަވައިލި ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި އަބްދުލްހަންނާނު ވަނީ ރައީސް ނާސިރުގެ ވެރިކަމުގައި ދެ ދައުރެއްގައި ވަޒީރުކަން ކުރައްވައިފައެވެ. ރަސްކަމުގެ ދައުރުގައި ސުމުއްވުލް އަމީރު ކިލޭގެކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ ވެސް އަބްދުލް ހަންނާނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނާސިރާއި ނާސިރުގެ އަރިސް ބޭފުޅުންނަށް ތުހުމަތުކޮށް ހިންގާފައިވާ އެކިއެކި ތަހުގީގުތަކުގައި ސަރުކާރުގެ އިދާރާތަކަށް ހާޒިރުކޮށް، ހަންނާނާ ވެސް ސުވާލު ކުރިއެވެ.
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،

