މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާތީ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ޝިފާން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ޙަޤީޤަތެއް ކަމަށެވެ. އެގޮތުން، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމަޢު އަށް ދޫކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވިގޮތުގައި އެ ކުށްވެރިން ދޫކޮށްލީ އެ މީހުންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއްނެތި ކަމަަށެވެ. އަދި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ކުރިން ރޭވުންތެރިކަމާއެކު މަސައްކަތްތައް ކުރެވިފައި ނެތުމުގެ ސަބަބުން މި މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން މިހެން ވިދާޅުވެފައިވާއިރު މާލެ ސަރަޙައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، މާލެ ސަރަޙައްދުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށްނެގި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން އުޅަނދުތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ނެޓްވޯކެއްވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮޅުވާލައިގެން މީހުން ގެންގޮސް ރަހީނުކޮށް ފޭރުމުގެ މައްސަލަތަކެއްގައިވެސް ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.

