ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޕޯޗުގަލް ޓީމުގެ ކުޅުންތެރިން ޕާސް ނުދިނުމުގެ މައްސަލަ ބޮޑުވެއްޖެ އެވެ.
ޕޯޗުގަލް އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗު 2-1 އިން ކާމިޔާބުކުރީ ޕޯޗުގަލް އެވެ. މުޅި މެޗުހެން ޑޮމިނޭޓްކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޕޯޗުގަލް ޓީމުން ތިން ޕޮއިންޓު ކަށަވަރުކުރި ނަމަވެސް މެޗުގައި އެ ޓީމަށް އިދިކޮޅު ގޯލު ދެ ފަހަރު ވެސް ފޫއަޅުވާލެވުނީ އިދިކޮޅު ޑިފެންޑަރާއި ގޯލްކީޕަރަށް ހެދުނު ގޯހަކުންނެވެ.
ރޭގެ މެޗަކީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ރެކޯޑު ހެދި މެޗެކެވެ. ރޮނާލްޑޯ، 39، ކެރިއަރުގައި ހަ ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެ، ރެކޯޑެއް ހެދި މެޗުގައި އޭނާ އަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މިއާއެކު ރޮނާލްޑޯގެ ސަޕޯޓަރުންވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ އުދާސްތައް ބަންޑުން ކޮށްލައިފައެވެ. އެގޮތުން މެޗުގައި ރޮނާލްޑޯގެ ޓީމް މޭޓުން އޭނާ އަށް ޕާސްތައް ނުދޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރޮނާލްޑޯ އަކީ ޓީމުގެ އެޓޭކުގެ މަައި ތަނބުކަމުގައިވީ ހިނދު އޭނާ މުޅިން ހުހަށް ހުންނައިރު ވެސް ޕާސްނުދީ އެޓޭކުން ރޮނާލްޑޯ ބާކީ ކޮށްފައި ހުންނަ ކަމަށް އޭނާގެ ފޭނުން ތުހުމަތު ކުރެ އެވެ.
މިވާހަކަތައް ދައްކަމުން އަންނަނީ ހަމައެކަނި ރޮނާލްޑޯގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ. އިނގިރޭސި ކުރީގެ ޑިފެންޑަރު ސްޓުއާޓް ޕިއާސް ޔޫރޯގެ ކަވަރޭޖް ޝޯ އެއްގައި ވާހަކަ ދައްކަމުން ބުނީ ރޭގެ މެޗުގައި ޕޯޗުގަލް ޓީމުގެ ކުޅުންތެރިން ރޮނާލްޑޯ ބާކީ ކޮށްލިތަން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.
“އެއްފަހަރު އަހަންނަށް ފެނުނު ބެނާޑޯ ސިލްވާ ރޮނާލްޑޯ މުޅިން ހުހަށް އޮތްއިރު ޕާސްނުދީ ހިފެހެއްޓިތަން. އަހަރެން ހިތައް އަރަނީ މިއީ މީގެ ދިހަ އަހަރު ކުރި ނަމަ. ރޮނާލްޑޯގެ ކުރިއަށް ބޯޅައެއް ދީފިނަމަ ޔަގީނުންވެސް އިނގޭނެ އޭނާ ގޮސް އެ ގޯލަކަށް އެ ބަދަލުކޮށްލާނެކަން. ރޭގަ ބެނާޑޯ ރޮނާލްޑޯ އަށް ޕާހެއް ނުދިން. ކާންސެލޯއާ ނޫނޯ މެންޑެސް އަށް ވެސް ލިބުނު ރޮނާލްޑޯ އަށް ޕާސް ދޭން ފުރުސަތުތައް. އެކަމަކު ނުދޭ ޕާސްތަކެއް. އެމީހުން ރޮނާލްޑޯ އަކަށް އިތުބާރު ނުކުރަނީ ކަންނޭނގެ. އަހަންނަށް އެކަން ވަރަށް ބޮޑަށް ފާހަގަވި،” ސްޓުއާޓް ބުންޏެވެ.
ބެލޮންޑިއޯ އެވޯޑު 5 ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ އަކީ ޔޫރޯގެ އިތުރުން މުޅި ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ޕޯޗުގަލްއާއެކު 2016 ވަނަ އަހަރު ޔޫރޯ ނެގި ރޮނާލްޑޯ ވަނީ 2020ގެ މުބާރާތުގެ ރަން ބޫޓު ވެސް ނަގާފައެވެ. ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައޫދި އަރަބިއާގެ އަލް ނަސްރަށެވެ. ސައޫދި ޕްރޯ ލީގު މިފަހަރު ވެސް އަލް ނަސްރަށް ނާކާމިޔާބުވި ނަމަވެސް ރޮނާލްޑޯ ވަނީ 35 ގޯލް ޖަހައި ރަން ބޫޓު ހާސިލުކޮށްފައެވެ.
އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ ޔޫރަޕުން ބޭރުގައި ކުޅޭ ކުޅުންތެރިއަކަށްވުމުގެ އިތުރުން އެ ޕޮޒިޝަނުގައި ރޮނާލްޑޯ އަށް ވުރެ ފޯމު ރަނގަޅު ކުޅުންތެރިން ޕޯޗުގަލް ޓީމުގައި ހިމެނޭކަން ފާހަގަކޮށް ރޮނާލްޑޯ އަށް ގައުމީ ޓީމުން ފުރުސަތު ދިނުން ބަލައިނުގަނެވޭ ކަމަށް ބުނެވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނެޒް މީގެ ކުރިން ބުނީ ރޮނާލްޑޯ ޓީމަށް ނަގާފައިވާނީ އޭނާގެ ނަމަށް ބަލާފައެއް ނޫން ކަމަށެވެ. ރޮނާލްޑޯ ޓީމަށް ނެގީ ސްޓެޓިސްޓިކަލީ ވެސް ތަފާތު ވުމުގެ އިތުރުން ޕޯޗުގަލް ޓީމަށް އޭނާގެ މުހިއްމުކަން އިނގޭތީ ކަމަށެވެ.

