މިއަޟުހާ އީދުގައި ދިވެހިރާއްޖޭގެ ހުރިހާ ދިމާއަކަށް ކަމަދޫގެ އީދު ހަރަކާތްތަކުގެ އަސަރު ފޯރިއެވެ. ސޯޝަލްމީޑިޔާގެ ކޮންމެ ދިމާއަކުންވެސް ފެންނަނީ މިދެންނެވި އަސަރެވެ. ކަމަދޫގެ އީދު ހަރަކާތްތަކަށް މުޅި ރާއްޖޭގެ ނަޒަރު މި ހުއްޓުވާލީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހުއްޓުމެއް ނެތް ތައުރީފުތައް އޮހެމުންދާ އިރު މި ސަމާލުކަން ދަމައި ގަތުމުގެ ފެށުމަކަށްވި "ކަމަދޫގެ މޫނު" ސޯޝަލްމީޑިޔާގައި އެތައްބަޔަކު ވަނީ ހިއްސާކޮށްފައެވެ.
ކަމަދޫގެ މިހާއްސަ މޫނު ހޯދުމަށް ހުވަދޫމީޑިޔާއިން ކުރި މަސައްކަތް ކާމިޔާބުވެ. މިގެނެސްދެނީ އެ ހިތްގައިމު ހަރަކާތްތަކާއި ފުރިހަމަ ނަލަ އަދާތަކުން ދިވެހިންގެ ހިތްތަކުން ޖާގަ ހޯދި ލަތީފީ ޒުވާން މޫނުގެ ވެރި އައިމިނަތު ޒާރާގެ ވާހަކައެވެ.
ކަމަދޫގެ އީދުލަވަ އިން ފުރިހަމަ ފަރި ހަރަކާތްތަކުން ދިވެހިންގެ ހިތްތަކުގެ އެންމެ ހިމަ ނާރާ ކުޅެލި ޖާދުވީ ފަރި ހިނިތުންވުމެއްގެ ވެރި އައިމިނަތު ޒާރާ އަކީ ކަމަދޫއަށް އުފަން އަލީއަބްދުލްކަރީމާއި ފާތުމަތު ޝަފީގާގެ ހަތް ކުދިންގެ ތެރެއިން އެންމެ ހަގު އަންހެން ދަރިފުޅެވެ. އުމުރުން 23 އަހަރުގެ ޒާރާ ދަނީ ސުކޫލު ނިންމުމަށް ފަހު ރަށުގެ ސިވިލް ސާވިސް ދާއިރާއަށް ހިދުމަތް ކުރަން ފެށުމާއެކު މާކެޓިންގެ ދާއިރާއިން އިތުރަށް ކިޔަވަމުންނެވެ. ފެށުނީއްސުރެ ވެސް ސަގާފީ އަދި ޒަމާނީ ނެށުންތަކުގެ ތެރެއިން ބޮޑު ވަމުން އައި ޒާރާގެ ޝައުގުވެރިކަން ނެށުމަށް ދެވުނީ މަންމަ ފަރާތު މާމަގެ ސަބަބުންނެވެ.

ކަމަދޫއީދު ޝޯވގައި ޒާރާ…..ނެނީފޮޓޯ
"މާމަގެ ފަރާތުން ނެށުމަށް ޝައުގުވެރިވީ، މާމަގެ އިތުރުން މަންމައަކީ ވެސް ސަގާފީ ހަރަކާތްތަކުގައި ވަރަށް ކުރީގައި އުޅުނު ފަރާތެއް، ބައްޕައަކީ ރަށުގައި ބެރުޖެހުމުގައި އެންމެ ކުރީގައި އުޅުނު އެކަކު، މުޅި އާއިލާއަކީވެސް އީދު ހަރަކާތްތަކުގައި އަބަދުވެސް އުޅޭ ބައެއް،" ޒާރާ ހުވަދޫ މީޑިޔާއަށް ހިއްސާ ކުރީ އޭނާގެ ނެށުމުގެ ފެށުން އައި ގޮތުގެ ވާހަކައެވެ.
ޒާރާގެ ނެށުމުގެ އަސްލު ރޯލްމޮޑެލް މަރުހޫމު މަރީނާ، މަޝްހޫރު ނަމުން ނަމަ މާލެމަރީނާ އަކީ މުޅި ރާއްޖޭގައިވެސް މިފަދަ ނެށުންތަކުގައި ކުރި އަރައިގެން ދިޔަ ފަރާތެއްކަމަށް ވެއެވެ.

އައިމިނަތު ޒާރާ
ކޮންމެއަކަސް މާމަ އާއި އާއިލާގެ އެހެން މީހުންގެ ފަރާތުންވެސް ލިބުނު އެހީތެރިކަމާއި އެއްބާރުލުމާއެކު ނެށުމުގެ ތެރެއަށް ނުކުމެ، ރަށުގައި އީދުއުފާ ފާހަގަކުރުމުގައި އަބަދުވެސް އެންމެ ކުރީގައި ހަރަކާތްތެރިވާ ޒާރާއަކީ ހަމައެކަނި ނެށުންތެރިއެއް ނޫނެވެ. ޒާރާގެ އުއްމީދުތައް ފޮންޏެވެ. ހުވަފެންތައް ބޮޑެވެ.
މިހާ ޅައުމުރުގައި އިތުރަށް ކިޔަވަމުން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ޒާރާގެ ރޭދުވާ އޮންނަނީ އެކި ކަންކަމުން ފުރިފައެވެ. ރަސްމީ ސަރުކާރު ވަޒީފާއެއް އަދާ ކުރަމުންދާ އިރު، އަމިއްލައަށް ނެށުމުގެ އިތުރުން ރަށުގެ ރަސްމީ ނެށުންތަކަށް ކޮރިއޮގްރާފް ކުރުމަކީވެސް ޒާރާގެ ހާއްސަ މަސައްކަތެކެވެ. ހަމަ އެހެންމެ މޭކަޕް ކުރުމުގެ ކުޑަކުޑަ ވިޔަފާރިއެއް ވެސް ފަށައިގެން ކުރިއަށްދާ ޒާރާއަކީ ލަވަކިޔުމުގައިވެސް ކުރި އަރަމުންދާ ޖިންސުއްލަތީފެކެވެ.

ޒާރާ މަންމަފާތުމަތު ޝަފީގާއާއެކު

ޒާރާ ބައްޕަ އަލީއަބްދުލްކަރީމާއެކު

ޒާރާ ބާވީސްވަނަ އުފަންދުވަހުގައި
އުމުރުން ކިތަންމެ ހަގަކަސް ޒާރާގެ ހިޔާލުތައް ތަނަވަހެވެ.
"ރަށުކައުންސިލުގެ ވަޒީފާގެ އިތުރަށް ދައްތައަކާއެކު ވަރަށް ކުޑަކުޑަ ވިޔަފާރިއެއް ފަށައިގެން މިއުޅެނީ، މޭކަޕްކުރުމުގެ މަސައްކަތްތަކަށް ހާއްސަކަމެއް، ގުޅާލުމުން އެފަރާތަކުން ދެންނެވި ތަނަކަށް ގޮސް މޭކަޕްކޮށްދެނީ، އަނެއްހެން ސެލޫނެއް ކަހަލަ ތަނެއް ހަދައިގެނެއް ނޫން، ހަމަ ވަރަށް އާދައިގެ ކުޑަ ގޮތަކަށް މިކަން ކުރަނީ،" ޒާރާ މިދާއިރާއިންވެސް އިތުރަށް ކުރިއަށް ދާން ބޭނުމެވެ. މުސްތަގުބަލުގައި މޭކަޕްކުރުމުގެ ރޮގުންވެސް އެއްޗެއް އުނގެނި، އެކަން ތަންކޮޅެއް ފުޅައުކޮށް ކުރުމުގެ ވިސްނުން ޒާރާ ގެންގުޅެއެވެ.
ކޮންމެއަކަސް ޒާރާގެ އަދުގެ ދިރިއުޅުމަކީ އެކިކަހަލަ ކަންކަމުން ފުރިފައިވާ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އާއިލާގެ އެންމެންގެވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކެރިއޯކޭގެ ރޮގުންވެސް ޒާރާ ދަނީ ފިޔަޖަހަމުން ކަން ފާހަގަކޮށްލަމެވެ.
"ވަކި ހާއްސަދުވަހެއް އޮވޭ، މިއީ ވަރަށް ބޮޑުއާއިލާއެއް، ހަފުތާގެ ހުކުރު ދުވަހު ކައްކައިގެން އާއިލާ އެންމެން އެކުގައި ތުނޑިއަށް ދާނީ، ބައެއްފަހަރު ނުދެވުނަސް މިއީ ވަރަށް ހާއްސަކޮށް ކުރާ ކަމެއް، ހަމަޖެހިގެން އެންމެން އެކުގައި ކައި މަޖާކޮށް އުޅެފައި އެރޭ އޮންނާނީ ކޮންމެވެސް ކަހަލަ ހަރަކާތެއް، ނޫނީ ކެރިއޯކޭ ޖެއްސުން." ކޮންމެވެސް ވަރަަކަށް ލަވަކިޔުމަށްވެސް ޝައުގު ހުންނަ ޒާރާ ވަނީ މިއަހަރުގެ ކެރިއޯކޭ ޗެލެންޖުންވެސް އެއްވަނަ ހާސިލުކޮށްފައެވެ.

ޒާރާ ވަނީ މިއަހަރުގެ ކެރިއޯކޭ ޗެލެންޖުގެ އެއްވަނަ ހާސިލުކޮށްފައި
ކަމަދޫގެ ހާއްސަ އެހެންކަމެއްވެސް ޒާރާ ފާހަގަ ކުރިއެވެ. މިއަހަރުގެ އަންހެނުންގެ ދަފި ނެގުން ލަވައިގައި ކަމަދޫގެ ފަރާތުން ކިޔާފައިވާ ލަވައިގައި ވެސް ޒާރާ ޝާމިލު ވެއެވެ.
"ކޮންމެ އަހަރަކު ވެސް މިގޮތަށް ގެންނަ ލަވައިގެ ޅެން އަބަދުވެސް ހަދަނީ ކަމަދޫއިން، މިފަހަރު އަލަށް ކަމަދޫ އަންހެނުންގެ އަޑު އެލަވައިން މިއިވުނީ،" ޒާރާގެ އަޑު އިވޭ މިލަވައަކީ އަންހެނުންގެ ދަފިނެގުމުގެ ހަރަކާތުގެ ލަވައެވެ.
ޒާރާއަކީ ނެށުންތެރިއެއް ގޮތަށް ކުރި އަރައިގެން ދިއުމުގެ ޝައުގު ހުރި ޒުވާނެއް ނޫންކަން ވަރަށް ހާއްސަކޮށް މިފުރުސަތުގައި ފާހަގަ ކޮށްލަމެވެ. އުފަން ރަށުގެ އުފާތަކުގައި ބައިވެރިވެ ހަރަކާތްތަކުގައި ކުރިއަށް ނުކުމެ އުޅުނަސް ޒާރާގެ ހުވަފެންތައް ގުޅިފައި ވަނީ މުސްތަގުބަލަށްޓަކަައި އޭނާ ރާވާފައިވާ ޕްލޭން ތަކުގައިވާ ގޮތަށް އިތުރަށް ކިޔަވައިގެން ސިވިލް ސާވިސްއިން ކުރި އަރައި ދިއުމާ އެވެ. މާކެޓިންގެ ދާއިރާއިން ކިޔަވަމުން ދާއިރު އެދާއިރާއާ ގުޅުން ހުރި މަސައްކަތްތައް ކުރުމަކީ ޒާރާގެ ޝައުގާއި ހުނަރު ހާމަ ކޮށްދޭ ކަމެއްކަން ގައިމެވެ.

އައިމިނަތު ޒާެރާ…..ޒާރާ އިންސްޓަގްރާމް
"އީދަށްވެސް އަދި އެހެން ކޮންމެކަމަކަށްވެސް ކަމަދޫއަކީ އެއްބައިވަންތަކަމާއި އެކުވެރިކަން ބޮޑު ގުޅުންތައް ބަދަހި ރަށެއް، އެކަކު އަނެކަކާ އެކުލަވައިގެން ކުރިއަށްދިއުމުގައި އެންމެންވެސް ހިތްވަރުދީ ހިތްވަރު ކުރާ ރަށެއް، މިއީދު މިހާ ފުރިހަމަ އީދަކަށްވީ ވެސް އެހެންވެ، މިފުރުސަތުގައި އަޅުގަނޑު ޝުކުރު އަދާ ކުރަން ރަށުގެ ހަމަ ކުދިބޮޑު އެންމެނަށްވެސް، މުޅި ރާއްޖެއަށް ނަމޫނާ ރަށަކަށް ކަމަދޫ ވެގެންދިއުމުގައި އެންމެހާ ފަރުދުންގެ ދައުރުވެސް އޮތްކަން ފާހަގަ ކުރަން، ރަށު ކައުންސިލާއި ރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އީދު ކޮމިޓީއަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން، އަޅުގަނޑުގެ އާއިލާގެ ފަރާތުން އަޅުގަނޑަށް ލިބޭ ތަރުހީބާއި އެހީތެރިކަމާއި ލޯތްބަށް އަދި މާމަ ދުނިޔޭގައި ނެތަސް އަބަދުވެސް ހެޔޮ ދުއާއާއެކު މާމައަށް ޝުކުރު އަދާކުރަން، ކަމަދޫ ކަމަދޫ އަކަށް ވަނީ މުޅި ކަމަދޫގެ ހުރިހާ ރައްޔިތުންގެވެސް އެކުވެރިކަމުގެ ރޫހީ ގުޅުމުގެ ސަބަބުންނޭ ބުނެވޭނީ،" ޒާރާ ހުވަދޫ މީޑިޔާ މެދުވެރިކޮށް ޝުކުރު އަދާކުރިއެވެ.
ޒާރާ ފާހަގަކުރި ގޮތުގައި އޭނާގެ އީދުގެ މިހަރަކާތްތަކަކީ ހަމައެކަނި ކަމަދޫއަށް ހާއްސަ ކަމެކެވެ. އެެއްވެސް ރަށުން ބޭރު ޝޯވއެއްގައި ޒާރާ ހަރަކާތްތެރިވެފައެއް ނެތެވެ. އަދި އެފަދަ ޝައުގެއްވެސް ނެތެވެ، އެހެެން ނަމަވެސް ކަމަދޫއަށްޓަކައި ޒާރާއަކީ އަބަދުވެސް ހަމަ މިޒާރާއެވެ. ކަމަދޫގެ މޫނެވެ.
ޒާރާފަދަ ޒުވާނުންނަކީ ދިވެހިގައުމުގެ އުޖާލާކުރިމަގުގެ އަސްލެވެ. ހުވަދޫމީޑިޔާގެ ފަރާތުން ޒާރާއަށް އަބަދުވެސް ފަހި ފެހި ކުރިމަގަކާއި ކާމިޔާބު ލިބުން އެދެމެވެ.
(ޒާރާ ހަރަކާތްތެރިވެފައިވާ ކަމަދޫ އީދު ލަވަަ،)

