ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީ އަތުން 2-0 އިން މޮޅުވެ، ޖަރުމަނުން މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ވީ ވެސް ޖަރުމަނެވެ.
ސްޓުޓްގާޓް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން 15 ސިކުންތު ތެރޭގައި ހަންގޭރީ އަށް ގޯލެއް ޖަހަން ފުރުސަތު ލިބުނެވެ. އެ ޓީމުގެ، ރޮލަންޑް ޗަލާއި ވަނީ ޖަރުމަނު ފަހަތުން ދޫވި ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެފަ އެވެ. އެެހެން ނަމަވެސް، ޖަރުމަނު ކީޕަރު މެނުއަލް ނޯޔާގެ ހުށިޔާރުކަމުން އެ ބޯޅަ ސަލާމަތްކުރި އެވެ.
ޖަރުމަނުގެ ފުރަތަމަ ފުރުސަތު ލިބުނީ 12 ވަނަ މިނެޓުގައި ކައި ހަވާޓްޒް އަށެވެ. އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ހަންގޭރީގެ ކީޕަރު ޕީޓަ ގުލާޗީ ވަނީ މަތަކޮށްފަ އެވެ. އޭގެ 10 މިނެޓު ފަހުން، މެޗުގެ 22 ވަަނަ މިނެޓުގައި ޖަރުމަނުން ލީޑު ނެގީ ޒުވާން ތަރި ޖަމާލް މުސިއާލާ ޖެހި ގޯލުންނެވެ.
މިއީ އޭރިއާ ތެރެއިން ޖަރުމަނުގެ ކެޕްޓަން، އިލްކާއި ގުންޑޮގާން ދިން ބޯޅައަކުން މުސިއާލާ ޖެހި ގޯލެކެވެ. މި އެޓޭކުގައި ގުންޑޮގާން ހަންގޭރީގެ ވިލީ އޯބާން އަށް ފައުލު ކުރިތޯ ބަލަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދި އެވެ. އޭގެ ފަހުން، ވެސް މުސިއާލާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އަމާޒުވީ އަރިމަތީ ދާގަނޑަށެެވެ. މުބާރާތުގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައިވެސް މުސިއާލާ ގޯލް ޖެހިއިރު އެ މެޗުގެ ޕްލޭޔާ އޮފްދަ މެޗަށްވެސް ހޮވުނީ އޭނާ އެވެ.
ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި ފުރަތަމަ ހާފުގައި ހިލޭ ޖެހުމަކުން ފޮނުވާލި ޝޮޓް ކީޕަރު ނޯޔާ މަތަކުރިއިރު، ދެން ލިބުނު އެޓޭކެއްގައި ޖެހި ޝޮޓެއް، ޖަރުމަނުގެ ޑިފެންޑަރު ޖޮނަތަން ޓާ ވަނީ ބްލޮކް ކޮށްފަ އެވެ. އޭގެ ފަހުން، ސޮބޯސްލާއި ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން، އޯބާން ބޮލުން ޖެހި ބޯޅަ ވެސް ނޯޔާ ވަނީ މަތަކޮށްފަ އެވެ. ނޯޔާ އަތުގައި ޖެހިފައި އެ ބޯޅަ ޗަލާއި އަށް ލިބުނު ވަގުުތު އޭނާ ބޮލުން ގޯލަށް ފޮނުވާލިއިރު، ވީއޭއާރް އިން އެ ގޯލު ކެންސަލްކުރި އެެވެ.
ދެ ވަނަ ހާފުގައި ހަންގޭރީގެ ބާނަބާސް ވާގާ އަށް ޖަރުމަނު އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ޖަރުމަނުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 67 ވަަނަ މިނެޓުގަ އެވެ. މި ގޯލު ޖެހީ، މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމުގެ ފުލްބެކް، މެކްސިމިލިއަން މިޓެލްސްޓާޑް ނަގައިދިން ބޯޅަ ހަމަޖެހިލައިފައި ތިރިތިރިން ގޯލަށް ފޮނުވާލައިގެން ގުންޑޮގާން އެވެ.
މެޗުގެ އިތުރު ވަގުތުގެ ފެށުނުތަނާ ހަންގޭރީގެ ކުޅުންތެރިން ކުރި އެޓޭކެއްގައި، ފޮނުވާލި ބޯޅައެއް ޖަރުމަނުގެ ޔޯސުއާ ކިމިޗް ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
ބާކީ މެޗެއް އޮއްވައި ޖަރުމަނުން ގަދަ ސޯޅައަށް ދަތުުރުކުރި އިރު ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ބާކީ އޮތީ ސްވިޓްޒަލެންޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ސްވިޓްޒަލެންޑް ކުޅޭ ދެވަނަ މެޗުގައި މިރޭ ސްކޮޓްލަންޑާ ދެކޮޅަށް އެ ޓީމުން ނުކުންނާނެއެވެ.

