އިސްލާމިކް މިނިސްޓްރީގެ ޓީމާއި، ދިވެހި ޙައްޖު މިޝަންއިން ޙައްޖުގެ އިންތިޒާމްތައް ގެންދެވީ ވަރަށްވެސް ތަރުތީބުކޮށް ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު އަނީލް ތައުރީފް ކުރައްވައިފިއެވެ.
އަނީލް ވިދާޅުވީ ފާއިތުވި 2 އަހަރު ޙައްޖުގެ އިންތިޒާމްތަކުގައި އިސްކޮށް ޙަރަކާތްތެރިވި މީހެއްގެ ހައިސިއްޔަތުން މީގެ ކުރިން ކުރެއްވި މައްސައްކަތް ގާތުން ފެނިފައިވާ ކަމަށެވެ. އަދި ވުޒާރާގެ ޓީމުން މިއަހަރުގެ ޙައްޖުގެ ކަންކަމާ ގުޅިގެން ކުރެއްވި މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މިއަހަރުގެ ޙައްޖަށް މީހުން ގެންދިޔުން ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ޙަވާލުކުރެއްވީ. އޭގެ ސަބަބުން މިދިޔަ އަހަރުތަކުގައި ދިމާވި އެތައް ކަމެއް ހައްލުވެގެން ދިޔަ. އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި. އެކަންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނަން. ޙައްޖުގެ އޮޕަރޭޝަނަކީ ބުރަބޮޑު އުނދަގޫ، ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭ އޮޕަރޭޝަނެއް." އަނީލް
ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގައި އަހަރަކަށްވުރެ އަހަރެއް ކަންކަން ރަނގަޅުކޮށް ޚިދުމަތް ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރާއި ވުޒާރާއިން އަބަދުވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، މިއަހަރުވެސް ޙައްޖުގެ ކަންކަމުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަ ކުރެއްވުނު ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަނީލް ފާހަގަ ކުރެއްވީ ދުރުގައި ތިބެ، ސޯޝަލްމީޑިއާގައި ފާޑުކިޔުމަކީ ނުހަނު ފަސޭހަ ކަމެއްއެއިރެއްގައި އޮންނަ ސަރުކާރަކާ ދިމާއަށް އިދިކީލަ ސިޔާސީ ނަޒަރަކުން ނޫނީ ބަލާލަން ނޭނގޭ މީހަކަށް ކަންކަން ވިސްނައިގަތުން ފަސޭހަ ނުވާނެ ކަމަށެވެ.
މިކަންކަމަކީ އިސްލާމިކް މިނިސްޓްރީގެ ޤަދަރާއި ޢިއްޒަތާއި ކަރާމާތް ދެމެހެއްޓުމައްޓަކާ އިސްލާމްދީންދެކެ ލޯބިވާ، ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި ދެކެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސިޔާސީ މީހުން ބަދަލުވާނެ ކަމަށާއި، ވުޒާރާގެ ހައިބަތު ދަމަހައްޓަން އެންމެންވެސް މަސައްކަތް ކުރަންވާނެކަމަށް ވިދާޅުވިއެވެ.

