ކާޑެއްދޫ އަކީ ވަރަށްގިނަ މީހުން އުޅުނު ރާއްޖޭގެ ރަށްތަކާ އަޅާ ބަލާއިރު ބޮޑު ރަށެކެވެ. އެއިރު ކާޑެއްދޫގައި ފަންޑިތަވެރިއަކު އުޅުނެވެ. އޭނާގެ ނަމަކީ ގޮއިމަކަލޯއެވެ. މީނާގެ ޒުވާން ފިރިހެން ދަރިއަކު އުޅުނެވެ. މިއީ ވަރަށް ރީތި ކަމަށް ބުނާ ކުއްޖެކެވެ. އެދުވަސްވަރު ހުވަދު އަތޮޅު ވާދޫގައި ވެސް ފަންޑިތަ ވެރިއަކު ހުއްޓެވެ. މީނާ އަށް ކިޔާނީ ވާދޫ ބޮޑު ކަންވެރި ކަލޭގެފާނެވެ. މީނާ ކަންވެރި ކަމަށް މޮޅު ކަމުން އެރަށުގެ މީހުން މީނާދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ.
މީނާގެ ރީތި އަންހެން ދަރިއަކު ހުއްޓެވެ. މިކުއްޖާގެ ރީތިކަމުގެ ވާހަކަ މުޅި އަތޮޅަށް އޮންނަނީ ފެތުރިފައެވެ. މިކުއްޖާގެ ރީތިކަން މީހުން ސިފަކުރަނީ ސާދަ ފަނަރަ ވިލޭރޭގެ ހަނދު ފަދައިންނެވެ. މިގޮތަށް ދުވަސްތައް މާޒީއާ އެކުވެގެން ދެއެވެ. ކާޑެއްދޫ ގޮއިމަކަލޯގެ ފިރިހެން ދަރިފުޅާއި ވާދޫ ކަންވެރިކަލޭގެފާނުގެ އަންހެން ދަރި، މި ދެކުދިން ހިތާވިއެވެ. ނަމަވެސް މި ދެކުދިން ތިބެން ޖެހިފައި ވަނީ މާދުރުގައި ކަމުން މިކަން މިދެކުދިންނަށް ވަރަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ.
މިދެކުދިންނަކީ ބޮޑު ދެފަންޑިތަވެރިންގެ ދަރިން ކަމުން މިދެކުދީންނަށް ވަނީ ފަންޑިތަވެރިކަން ވާރުތަ ކޮށްފައެވެ. މޮޅެތި ފަންޑިތަ ހެދުމުން އެދެކުދީންނަށް ދިމާވެފައިވާ ހުރަސްތައް އެދެކުދިން ހައްލުކުރިއެވެ. ދެރަށެއްގައި ތިބެގެން ބައްދަލުކޮށް ހަދަނީ ފަންޑިތައިގެ ބާރުގައެވެ. އެހެން ކަމުން ދެރަށުގައި ތިބެެން ޖެހުމުގެ ހިތާމަ އިޙުސާސް ކުރާކަށް ނުޖެހެއެވެ. ދެކުދިންގެ ބައްދަލުވުން ބަރާބަރަށް ކުރިއަށްދެއެވެ. ދުވަސްކޮޅެއް ފަހުން މިކަން ވާދޫ ކަންވެރި ކަލޭގެފާނަށް އެގިއްޖެއެވެ. ކާޑެއްދޫ ގޮއިމަކަލޯގެ ފިރިހެން ދަރިފުޅާއި އޭނާގެ ދަރިފުޅު ހިތާވުމަކީ އޭނާ ވަރަށް ނުޤަބޫލު ކަމެެކެވެ. މިހެންވުމުން މިކަން ހުއްޓުވާލުމުގެ ބޭނުމުގައި މީނާ ފަންޑިތައެއް ހެދިއެވެ. ނަތީޖާ އަކަށްވީ ފަންޑިތައިގެ ބާރުން ކުރަމުންދާ ބައްދަލުވުންތަކަށް ހުރަސްއެޅުމެވެ.
ގިނަ ދުވަސްތަކަކަށް ބައްދަލުނުވެ ތިބެން ޖެހުމުން ދެރަވެ ހިތާމަ ކުރަން ޖެހިއްޖެއެވެ. ކާއެއްޗެއް ދިރުވާނުލެވޭ ވަރަށް ހިތާމައިގެ ދުވަސްތައް ތަހައްމަލު ކުރަމުން ދިއައެވެ. ކަންތައް މިހިސާބަށް ދިޔަތަނާ ކާޑެއްދޫ ގޮއިމަކަލޯއަށް މިކަން އެގިއްޖެއެވެ. މިދެމީހުންނަކީ އެކަކު އަނެކަކަށް ކުފޫ ހަމަ ނުވާ ދެމީހުން ކަމަށް އަންހެން ކުއްޖާގެ ބައްޕަ ބުނަމުން ދާތީ ފިރިހެން ކުއްޖާގެ ބައްޕަ ގޮއިމަކަލޯ ވަރަށް ރުޅި އަތުވެއްޖެއެވެ. އަދި ގޮއިމަކަލޯ ހިތަށް އެރިއެވެ. އަހަރެންތޯ ނޫނީ ކަންވެރި ކަލޭގެފާނުތޯ މޮޅީ، ވާދޫ ކަންވެރި ކަލޭގެފާނަށް ދައްކާލާނަމެވެ.
ގޮއިމަކަލޯ ގަސްތުކުރީ ވާދޫ ފަޅުރަށަކަށް ހެދުމަށެވެ. މިކަން ކުރުމަށްޓަކައި މީނާ ކުދި އޮޑިއާއި ގުރާބު ފަދަ ތަކެތި ތައްޔާރުކޮށް އެއަށް ފަންޑިތަ ހަދާފައި ވާދުއަށް ފުރުވާލިއެވެ. އެހާހިސާބުން މިދެމީހުންގެ ފަންޑިތައިގެ ކޯޅުންގަނޑު ފެށުނީއެވެ. ކަންވެރި ކަލޭގެފާނަށް މިތަކެތި އަންނަކަން އެގިގެން އަތިރިމައްޗަށް ނުކުމެއްޖެއެވެ. އަދި އަންނަ ކޮންމެ އޮޑިއަކާއި ގުރާބް ފަންޑިތާއިގެ ބާރުން އަބުރައި އައިކޮޅަށް ފޮނުވާލައެވެ. މިކަމުގެ ސަބަބުން ދެމީހުންނަށްވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.

ގޮއިމަކަލޯ ގަސްތުކުރީ ވާދޫ ފަޅުރަށަކަށް ހެދުމަށެވެ….ފޮޓޯ:ކާޑެއްދޫއެއަޕޯޓް އިމޭޖަސް
މިދެމީހުންގެ ވާދަވެރިކަމުގެ ޖޯޝުގައި ދެރަށުގައި ދެމަސްދޯނި ބަނދެ ދެދޯނި މަހަށް ފުރުވައިލިއެވެ. މިއީ މިދެމީހުންގެ ފަންޑިތައިގެ ބާރު ދެއްކުމުގެ ގޮތުން ދެމީހުން ކުރި ދެވަނަ ޓެސްޓެވެ. މަހަށް ގޮސްގެން ކޮންމެ ދުވަހަކުވެސް ދެމީހުންގެ ދޯނި މަސްބާނަނީ އެއްވަރަކަށެވެ. ފަންޑިތައިގެ ބާރުން ދެމީހުންވެސް ބަލަމުން ދަނީ މަދުން މަސްބޭނެނީ ކޮން ދޯންޏަކަށްތޯއެވެ. ކޮށްމެ ދުވަހަކު ދޯނި މަހުން ލަފާއިރު ދެދޯނީގައި މަސް ހުންނަނީ އެއްވަރަކަށެވެ. މިކަމާހުރެ ދެމީހުންވެސް ވަރަށް ކަންބޮޑު ވެއްޖެއެވެ. މިގޮތަށް އެތައްދުވަހެއްވީފަހުން އެއްދުވަހަކު މިދެދޯނި މަހުން ލެފިއިރު ކާޑެއްދޫ ގޮއިމަކަލޯގެ ދޯނި އެއްމެ މަހެއްވެސް ނުބާނައެވެ. ވާދޫ ކަންވެރިކަލޭގެފާނުގެ ދޯނި އައީ ހައްސަ ބާނައިގެންނެވެ.
މިޚަބަރު ގޮއިމަކަލޯއަށް ލިބުމުން ރުޅިއައިސް އޭނާގެ ދޯނިން ވާދުއަށް ފުރައިފިއެވެ. ވާދޫ ފަޅަށް ވަންއިރު ކަންވެރިކަލޭގެ ދޯނި މަސް އެއްގަމަށް އެރުވުމަށްޓަކައި މޫދަށް އުކަނީއެވެ. ވަގުތުން ގޮއިމަކަލޯ އެ އުކާފައިވާ މަސްތައް ނަގައިގެން ކާޑެއްދުއަށް ހިގައްޖެއެވެ. ކަންވެރި ކަލޭގެއަށް މިކަން އެނގި ރުޅި އައިސްގެން ކާޑެއްދުއަށް ގޮސް އެމަސްތައް އޭނަގެ ދޯންޏަށް އަރުވައިގެން ވާދުއަށް ގެންދިޔައެވެ. ދެވަނަފަހަރަށް ގޮއިމަކަލޯ ގޮސްގެން އެމަސްތައް އަތުޖެހޭ ގޮތެއް ނުވިއެވެ. ގޮއިމަކަލޯ އެކަމާ ރުޅިއައިސް ދެރަވެ އެނބުރި ކާޑެއްދޫ އަށް ދިޔައީއެވެ.
ދުވަސްކޮޅެއްގެ ފަހުން ވާދޫ ކަންވެރި ކަލޭގެފާނު ފަންވަތެއް ލިޔެ ގޮއިމަކަލޯއަށް ފޮނުވިއެވެ. ގޮއިމަކަލޯ ފަންވަތް ނިއުޅުވާ ބެލިއިރު އާއިލާ ނައްތާލާނެ ކަމުގެ އިންޒާރު ދީ ލިޔެފައިވެއެވެ. އޭގެފަހުން ގޮއިމަކަލޯ މިކަމަށް ތައްޔާރުވާން ފަށައިފިއެވެ. އަންނަން އުޅޭހަމަލާއިން ދިފާޢު ވުމަށްޓަކައި ކުރިކަމަކީ ބާސްމާނު ނަމަކަށްކިޔާ ގުޅައެއް ތައްޔާރުކުރިއެވެ. ފަންޑިތައިގެ ބާރުގައި ޖިންނިއެއް ގެނެސް އެގުޅަވަރު ހަވާލު ކޮށްފިއެވެ. އަދިި ޖިންނިއަށް އެންގީ ވާދޫ ކަންވެރިކަލޭގެފާނު ކާޑެއްދުއަށް އަންނަން އެބައުޅޭކަމަށާއި އޭނާ ފުރަތަމަ ވަންނާނީ މިގެއަށް ކަމަށެވެ. އަދި ވަންނަ ތަނުން އޭނާގެ ބޯ މައްޗަށް މިގުޅަ ވައްޓާލުމަށް އަމުރު ކުރިއެވެ. ގުޅަވަރު ވައްޓާލަންވީ ވަގުތުގެ ކުރިން ވައްޓާލައިފި ނަމަ ކާޑެއްދޫއިން އެކަކުވެސް ސަލާމަތް ނުވާނެ ކަމަށް ބުނެ އިންޒާރު ކުރިއެވެ. ވަރަށް އަވަހަށް ވާދޫ އެދުރުކަލޭގެފާނު އަންނާނެ ވާހަކަ ބުންޏެވެ.
ޖިންނިއާއި މިކަންތައް ހަވާލު ކުރުމަށްފަހު ގޮއިމަކަލޯ ކާޑެއްދޫ އަތިރި މައްޗަށް ނުކުމެ ފަންޑިތަ، ސިހުރު އަދި ޖާދޫގެ ބާރުން ކާޑެއްދޫ ފަޅުމަތީގައި ހިމަދިގު ދެފިނޮޅު ހިއްކާލުމަށްފަހު އެރަށަށް ވަންނަ ނެރުވެސް ނުފެންނަ ގޮތަށް ހަދާލީއެވެ. ވަގުތު ކުޑަތަންވެ، ހަމަލާ ދިނުމަށްޓަކައި ކަންވެރި ކަލޭގެފާނު ވާދޫން ފުރައިފިއެވެ. ކާޑެއްދުއަށް ކައިރިކޮށް ހޯދާހޯދާ ކާޑެއްދޫ ނެރެއް ނުފެނުނެވެ. އެއްމެފަހުން ފަރުމަތިން ފަޅުތެރެއަށް ވަންތަނުން ފެނުނީ ހިކިފަ އޮތް ފިނޮޅެކެވެ. މިފިނޮޅުގައި ދޯނީގެ ފަށަން ބީހުމުން ފައިބައިގެން ގޮސް ބެލިއިރު ކާޑެއްދޫގެ ފަސްގަނޑުވެސް ކަންވެރި ކަލޭގެއަށް ނުފެނުނެވެ. ފެނުނީ ފެންމަތީގައި ހުރި ކުޑަ ގެއެކެވެ. އެއީ ގޮއިމަކަލޯގެ ގެއެވެ. އެހެން އެއްވެސް ތަނެއް ނުފެނެއެވެ.
މިހާދިސާ ހިނގަމުން ދިޔައިރު ގޮއިމަކަލޯ އޮތީ ރުކަކަށް އަރާ ސިއްރުން ބަލަހައްޓައިގެންނެވެ. ކަންވެރިކަލޭގެ އަވަސްވެގަތީ ގޮއިމަކަލޯއަށް ހަމަލާ ދިނުމަށެވެ. ކަންވެރި ކަލޭގެފާނު ބާރަށް އަންނަތަން ފެނުމުން އެއްކަލަ ބާސްމާނު ގުޅަ ހަވާލުކޮށްފައިވާ ޖިންނި ވަރަށް ބޮޑަށް ބިރުގަނެ ތުރުތުރު އެޅުމަށްފަހު ބާސްމާނު ގުޅަ ޖިންނި އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ގުޅަ ބިންމައްޗަށް ވެއްޓުމާއެކު ރަށުގެ އެއްމެން މަރުވެއްޖެއެވެ. ގޮއިމަކަލޯވެސް މަރުވެ ކަންވެރިކަލޭގެފާނު ހޭނެތުނެވެ. ހަމައެކަނި ދިރިހުރި ޖިންނި ކުރިކަމަކީ ހޭނެތިފައި އޮތް ކަންވެރިކަލޭގެފާނު ވާދުއަށް ގެންދިޔައީއެވެ. ޖިންނި ވާދޫއިން އެނބުރި ކާޑެއްދުއަށް ދިޔައިރު ގެއްލުނު ރަށް އޮތީ ފެންނާށެވެ. ފިނޮޅުތައް ފެންނާކަށެއް ނެތެވެ.
(ނޯޓް: ކުރީގެ ހުވަދު އަތޮޅު، މި ފޮތުގައި ނ.ތ.ހަސަންދީދީ ލިއުއްވާފައިވާ ލިޔުއްވުމެކެވެ.)
(ކާޑެއްދޫގެ އެކި ހިސާބުތަކުން ފެނިފައިވާ ގަބުރުސްތާނުތަކުން، އަދި ފެނިފައިވާ ޒިޔާރަތްތަކުން ކާޑެއްދޫއަކީ ކުރީ ޒަމާނުގައި މިހުން ދިރިއުޅުނު ރަށެއްކަން، ހާމަވެ އެނގެއެވެ. ރަށަކީ އޮޅުބިމާއި ޗަސްބިން އޮތް ރަަށަކަށް ވާއިރު މިރަށް އުފެދި ވޮޑެމުން އައިއިރު، ރަށުގައި އުފެދުނު ކުޅިތައް ފަހުން ޗަސް ބިމަށް ބަދަލުވެ، އެބިންބިމުގައި އޮޅު އަލަ އަދި ފެންފޯއް ރުއް، ބަޔަކު ހައްދައި އުޅުނެވެ. ކާޑެއްދޫގައި ދިރިއުޅުނު މީހުންނަކީ ހަށިގަނޑުން ވަރުގަދަ ތަނަވަސް ދިރިއުޅުމެއް އުޅުނު ބައެކެވެ. އަމިއްލަ އޮޑި ދޯނިފަހަރު ގެންގުޅެ، ރާއްޖެއިން ބޭރަށްވެސް ދަތުރުކޮށް ހެދި ބަޔެއް އުޅުނު ރަށެކެވެ. ރަށުގައި އުޅުނު މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް މަދުވުން އެކަށީގެންވެއެވެ. މިއީ މިފަދަ ރަށްރަށް ފަޅުވުމަށް މެދުވެރިވެފައިވާ ސަބަބުތަކެވެ. ރަށުގައި މެލޭރިޔާ ފަދަ ތަފާތު ބަލިތައް ފެތުރި ރަށުގެ ބޮޑު އާބާދިއެއް ނެތި ގޮސް، ފަހުން ބާކީ ތިބި މީސްކޮޅު އަތޮޅުގެ އެހެން ރަށްރަށަށް ބަދަލުވެ ރަށް ފަޅުވީކަމށް ވުން އެކަށީގެންވެއެވެ.)

