މާތްވެގެންވާ އިސްލާމްދީީނުގެ ރުކުންތަކާއި އީމާންތެރިކަމުގެ ރުކުންތައް ހިތުގެ އަޑިން ގަބޫލުކޮށް ﷲތައާލާ ދެއްކެވި މަގުން، އެކަލާނގެ ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެެ ސުންނަތަށް ތަބާވެ ދުނިޔޭގައި އުޅެން ވިސްނާފައިވާ އީމާންތެރި އަޅުންގެ ޢަޤީދާ ގަދަފަދަ ވާނެއެވެ. މިފަދަ މުއުމިނެއްގެ ހިތަށް ވަސްވާސްދިނުމަކީ ޝައިޠާނާއަށް ފަސޭހަ ކަމެއްނޫނެވެ. އެހެނަސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ ފިކުރީ ހަނގުރާމައިގައި މުއުމިނު އަޅާގެ ހިތަށާއި ސިކުނޑިއަށް ވަސްވާން ވެއްދުމަކީ އިންސާނުންގެ ސިފައިގައިވާ ޝައިތާނުންނަށް އުނދަގޫކަމެއްވެސް ނޫނެވެ. އެހެންނަމަވެސް ބިންމަތީގައި ﷲތައާލާ އިލްމު ލައްވާފައިވާއިރު އެއިލްމު އުނގެނުމަކީ މިފަދަ ވަސްވާސްތަކާ ހަނގުރާާމަ ކުރުމަށް އޮތް ވަރުގަދަ އައްޑަނައެކެވެ. ކުދިކުދި ފިރުޤާތަކާއި އެކިކަހަލަ އަގީދާތައް މީހުންގެ ހިތްތަކަށް ވައްދައި އީމާންތެރިކަމުގެ އަލިކަން އެމީހުންގެ ހިތްތަކުން ނެރެލުމަށް މަސައްކަތް ކުރާ މީހުންގެ މަސައްކަތްތައް ނާކާމިޔާބު ކޮށްލުމަށްޓަކައި މި ދެންނެވި އލްމަކީ އެންމެ ވަރުގަދ ހަތިޔާރުކަން ޔަގީނެވެ.
މިފަދަ އެއްބަޔަކީ ޤާދިޔާނީން ނުވަތަ ޤާދިޔާނުންނެވެ.
ޤާދިޔާނިން ގެ ތަޢާރަފް:
މިއީ 1900 ވަނައަހަރު އިސްތިޢުމާރުގެ ޕްރޮގްރާމްގެ ދަށުން އިނގިރޭސިން ހިންދުސްތާނުގައި މުސްލިމުން، އެމީހުންގެ ދީނާ ދުރުކުރުމަށް އުފެދިގެން އައި ހަރަކާތެކެވެ. މިހަރަކާތުގެ އެންމެ އިސް އަދި އެންމެ ހާއްސަ ކަމަކީ ޖިހާދުގެ ފަރުޟާއި ދުރު ކުރުމެވެ. މިގޮތުން، އިސްލާމްދީނުގެ ނަމުގައި އެމީހުންނާ ދިމާކުރާ ބަޔަކު ނެތިކޮށްލުމުގެ ބޭނުމުގައެވެ. މިޙަރަކާތުގެ އަސްލު ދުލަކީ އިނގިރޭސި ބަހުން ނުކުންނަ މަޖައްލާއެއް ކަމުގައިވާ "މަޖައްލަތުލް އަދިޔާން" އެވެ. މިއީ އެތަކެއް ގިނަ އަގީދާތަކެއްވެސް ގެންގުޅޭ ބައެކެވެ.
ޤާދިޔާނިއްޔާއަކީ އަލްބާޠިނިއްޔާ ފިރުޤާތަކުގެ ތެރެއިން ފިރުޤާއެކެވެ. މިފިރުޤާ ފާޅުވީ މީލާދީ ސަނަތުން 19ވަނަ ޤަރުނުގެ ފަހުކޮޅުގައި ހިންދުސްތާނުގައެވެ. އެފިރުޤާ އުފެދުނީ އިންޑިއާގެ ޕަންޖާބުގެ "ޤާދިޔާން" ނަމަކަށް ކިއުނު ރަށުގައެވެ. މިތަނުގެ އަހްލުވެރިން މިފިރުޤާއަށް ނަންދީފައިވަނީ "އަލްޤާދިޔާނިއްޔާ"ގެ ނަމުންނެވެ. އެމީހުން (ޤާދިޔާނިން) އެފްރިކާއާއި އަދި މިނޫން ޤައުމުތަކުގައި އެމީހުނަށް ނަންދީފައިވަނި "އަލްއަހްމަދިއްޔާ" ގެ ނަމުންނެވެ.
މުއައްސިސް:
ޤާދިޔާނީ ފިރުޤާގެ މުއައްސިސަކީ "މިރުޒާ ޣުލާމު އަޙުމަދު" އެވެ. އަދި އެމީހުނަށް އަޙްމަދިންނޭ ކިޔަނީ އޭނާއަށް ނިސްބަތްކޮށެވެ.
ހަމައެހެންމެ އޭނާ ބުނާގޮތުގައި މާތްﷲ އޭނާއަށް ވަޙީ ބާވައިލައްވާފައިވެއެވެ. އަދި އަސްލު އޭނާގެ ޚާންދާނަކީ މުޣުލުންގެ ޚާންދާނެވެ. ނަމަވެސް ފަހުން އޭނައަށް މާތްﷲ ގެ ކަލާމްފުޅުން ދޭހަވީ އޭނަގެ ޚަންދާނަކީ ފާރިސީ ޚާންދާނުކަމެވެ. އަދި އެޢާއިލާގެ ޙަޤީޤަތް ﷲ ނޫންފަރާތަކަށް ނޭނގޭނެ ކަމަށް އޭނާ ބުނެއުޅުނެވެ.

ޤާދިޔާނިންނަކީ ވަރަށް ގިނަ ބާޠިލް ޢަޤީދާތަކެއް ގެންގުޅޭ ބައެކެވެ….ފޮޓޯ:ފްލިކަރ
އޭނާ ޤާދިޔާން މަޒްހަބުގެ އަސާސްތައް އެކަށައެޅީ 1889ވަނަ އަހަރެވެ. މިރުޒާ ޣުލާމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރެއްވީ އިންޑިޔާގެ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް އަބުލް ވަފާ ޘަނާﷲ އެވެ. އޭނާއާ މިރުޒާ ޣުލާމާ ދެމެދު ބޭއްވުނު ބަޙުޘެއްގައި މުބާހަލާ ކުރެއްވިއެވެ. އެމުބާހަލާގައި އައްޝައިޚް އަބުލްވަފާ ވިދާޅުވީ އޭނާއާ މިރުޒާއާ ދެމީހުންކުރެ ތެދުވެރިޔާ ދުނިޔޭގައި ހުއްޓައި، ދޮގުވެރިޔާ މަރުވުމަށެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ މިރުޒާ 1908 ވަނައަހަރު ނިޔާވެއްޖެއެވެ.
ނަބީ ކަމަށް ދަޢުވާ ކުރުން:
ޤާދިޔާނިން އިއުލާންކުރާގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފަހުން ފާޅުކުރައްވާނީ ހަމައެކަނި އެންމެ ނަބިއްޔެއް ނޫނެވެ. އެކަމަކު އެތައްހާސް ނަބީންނެއް، މުޙައްމަދު ގެފާނުގެ ފަހުން ފާޅުވާނެއެވެ. ޤާދިޔާނީ މަޛްހަބުގެ ދެވަނަ ޚަލީފާ ބަޝީރުއްދީން މަޙްމޫދު އަޙްމަދު ބިން މިރްޒާ ޣުލާމް އަހްމަދުގެ "ޙަޤީޤަތުއް ނުބުވާ" ގައިލިޔެފައިވަނީ "ދުވާލުގެ މެންދުރު ވަގުތުގައި އިރުގެ އަލިކަން ފާޅުވެފައިވާފަދައިން ނަބީކަލޭގެފާނަށް ފަހުގައިވެސް ނަބީކަމުގެ ދޮރު ހުރީ ބަންދު ނުވެއެވެ." ނަބީކަމުގެ ދޮރު މިރްޒާ ޣުލާމް ހުޅުވާފައިވަނީ މިގޮތަށެވެ. މިދޮރު ރަނގަޅަށް ހުޅުވުމަށްފަހު ނަބީކަމަށް ދަޢުވާކުރިއެވެ. މިރްޒާ ޣުލާމް ލިޔެފައިވާ "އައްރިސާލަތު ވައްނުބުއްވަތު" މިފޮތުގައި ބުނެފައިވަނީ "ދަޢުވާކޮށް އަހަރެން ބުނާނީ އަހަންނަކީ ރަސޫލެކެވެ." އަދި ނަބިއްޔެކެވެ.
މިކަލޭގެބުނެއެވެ. "މާތްﷲ ޤަރުނު ފެށޭކޮޅުގައި ތިމަންނަ ފޮނުއްވެވީ ދީނުގެ ކަންތައް އައުކޮށްދިނުމަށާއި ޞަލީބުހަލާކުކޮށް ނަޞާރާ ދީނުގެ އަލިކޮޅު ނިވާލާ، ދީނުން އުނިވެފައިވާ ކަންތައްތައް އިސްލާހްކުރުމަށެވެ. ތިމަންނައަށް އިލްހާމްއާއި ޥަޙީބާވާލެއްވުނެވެ. އަދި އެހެނިހެން ރަސޫލު ބޭކަލުންނާއި މާތްﷲ ވާހަކަ ދެއްކެވި ފަދައިން ތިމަންނައާވެސް ވާހަކަދެއްކެވިއެވެ.
ދެވަނަ މަބްޙަޘް :
ޤާދިޔާނިންގެ ޢަޤީދާތައް:
ޤާދިޔާނިންނަކީ ވަރަށް ގިނަ ބާޠިލް ޢަޤީދާތަކެއް ގެންގުޅޭ ބައެކެވެ. އެގޮތުން ޤާދިޔާނިންގެ ޢަޤީދާތަކުގެ ތެރެއިން ބައެއް ޢަޤީދާތަކަށް ބަލާލާނަމެވެ.
- ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި މާތްﷲ ރޯދަ ހިއްޕަވަ އެވެ. ނަމާދުކުރައްވަ އެވެ. އަވަހާރަފުޅު ލައްޕަވަ އެވެ. ހޭފުޅު ލައްވަ އެވެ. ކުށްކުރައްވަ އެވެ.އަދި ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި އެބައިމީހުންގެ ކަލާންގެއަކީ، އިނގިރޭސި ކަލާނގެއެކެވެ. މިހެނީ އެބައިމީހުންގެ ކަލާނގެ ބަސްފުޅު ވަޙީކުރައްވަނީ އިނގިރޭސި ބަހުންނެވެ.
- އަދި ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޤާދިޔާނަކީ، މައްކާއާއި މަދީނާ ފަދަ މާތް ރަށެކެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އެ ދެ ރަށަށްވުރެ ވެސް މާތްކަން ބޮޑުވެގެންވާ ރަށެކެވެ. އެއީ އެބައިމީހުންގެ ޤިބުލަ އެވެ. އަދި އެބައިމީހުން ޙައްޖުވަނީ ވެސް އެ ރަށަށެވެ.
- އެމީހުން ޤަބޫލުކުރާގޮތުގައި މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ދީނީ މިނިވަންކަން ދެއްވާފަ އެވެ. އެމީހަކު އުޅެން ބޭނުން ދީނަކަށް ދީން ބަދަލުކުރުމަކީ މުސްލިމުންނަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ޙައްޤެކެވެ. އެހެންކަމުން، މުރުތައްދުވާ މީހަކު ޤަތުލެއް ނުކުރެވޭނެ އެވެ.
- ޤާދިޔާނިން ބުނާގޮތުގައި އެމީހުން މުސްލިމުންނާ ތަފާތުވަނީ އެންމެ މައްސަލައެއްގައެއްނޫނެވެ. ﷲ އާއި ރަސޫލުﷲގެފާނާއި ޤުރުއާނާއިނަމާދާއި ރޯދަޔާއި ޙައްޖާއި ޒަކާތާބެހޭ މައްސަލްތަކުގައި މުސްލިމުންނާތަފާތެވެ.
- ޤާދިޔާނިން ބުނާގޮތުގައި ޤާދިޔާނިން ނޫން ބަޔަކާ ކައިވެނި ކުރުމެއްނުވެއެވެ. އެގޮތުން މިރްޒާ އަޙްމަދު އޭނާގެ އަންހެންދަރިފުޅު أحمدى ނޫންމިހަކާ ކައިވެނިކޮށްދިނުމުން އޭނާ ޚަލީފާކަމުން ބޭރުކުރެވުނެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ޤާދިޔާނިން ނޫންބަޔާކާ ކައިވެނިކުރާމީހަކު އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނެއެވެ.
- ބައެއް ޤާދިޔާނީން ގަބޫލުކުރާ ގޮތުގައިމިރުޒާ ޣުލާމަކީ ނަބީބޭކަލެކެވެ. އަނެއްބައި ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި މިރުޒާ ޣުލާމަކީ މަހުދީގެފާނެވެ. އަދި އޭނާއަކީ ފަހުޒަމާނުގައި މާތް ﷲ ފޮނުއްވާނެ މަސީޙު(ޢީސާގެފާނު) ވެސްމެއެވެ.

