ގދ. ފިޔޯރީގައި ގެއްލިގެން ހޯދަނިކޮން ފެނުނު އަށް އަހަރުގެ މީނާލް މުޙައްމަދުގެ ހާލު ދެނެގަތުމަށް ހެދި ޓެސްޓުތަކުން ގޯހެއް ފާހަގަނުވާ ކަމަށާއި ހާލު ރަނގަޅުކަން އެނގިއްޖެއެވެ.
އެ ކަން ގާތުން ބަލަމުން އަންނަ ބޭފުޅަކާ ހަވާލާދީ “ސަން” ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން ވެސް އަދި ޓެސްޓުތަކުން ޔަގީންވާ ގޮތުގައި ވެސް އެއްވެސް ހާނިއްކައެއް ކުއްޖާއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެއްވެސް ކަހަލަ އިތުރު އަނިޔާއެއް ވެސް ނުލިބޭކަން ޔަގީންވާ ކަމަށެެވެ.
މީނާލް އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ގެޔާ މާ ދުރުނޫން ފަޅު ގެއެއްގެ ތެރެއިން ހޭނެތިފައި އޮއްވައެވެ.
ފުލުހުން ބުނީ، ކުއްޖާގެ ހާލު ރަނގަޅު ކަމަށް ފިޔޯރީ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް، ކުއްޖާ ގެއްލި ގިނައިރުތަކެއްވުމުން ހާލަތު އިތުރަށް ދެނެގަތުމަށް ބައެއް ޓެސްޓުތައް ހަދަން ފޮޔޯރީ ހެލްތު ސެންޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި، އެ ޓެސްޓުތައް ހަދަން މީނާލް މިހާރު ތިނަދޫ ސިޓީގައި ހުންނަ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ފުލުހުން ބުންޏެވެ.
ފިޔޯރީ، ފިނިވިލާގޭ މީނާލް ގެއްލިގެން ހޯދުމުގެ މަސައްކަތް ފެށީ މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 17:35 އެހާކަންހާއިރެވެ.
ހޯދުމުގެ މަސައްކަތް ކުރަނިކޮށް މީނާލް އިއްޔެ ރޭ ފެނުނީ އޭނާ ދިރިއުޅޭ ގެއާ ވަރަށް ކައިރީގައި ހުރި ފަޅު ގެއަކުން ކަމަށް އެ ރަށު ކައުންސިލްގެ އިސް ބޭފުޅަކު ޔަގީންކޮށްދިނެވެ. ފެނުނުއިރު މީނާލް އޮތީ ހޭނެތިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އެ ކުއްޖާގެ ބައްޕަ މުޙައްމަދު ރަޝީދު ބުނީ، އެ ކުއްޖާ ހަވީރު ގެއިން ނުކުމެގެން ދިޔައީ މަންމަ ދެކެ ހިތްހަމަނުޖެހިގެން ކަމަށެވެ. އެކަނި ދުވަހަކު ވެސް ގެއާ ދުރުތަނަކަށް ނުދާނެކަން ފާހަގަކޮށް އޭނާ ބުނީ، މި ހާދިސާއާ ގުޅިގެން ޝައްކުވާ ކަމެއް ހިނގާފައިނުވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

