ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމަށް ބާކީ 10 ދުވަހަށް ވެއްޖެއެވެ.
މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެއެވެ.
މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދިނުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 17 ދާއިރާއަކުންނެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- ވިޔަފާރިއާއި އިގްތިސާދު
- އާރޓްސް އެންޑް ކަލްޗަރ- ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
- ދަރުމަވެރިކަން
- ވޮކޭޝަނަލް ޓްރެއިނިންގ- ދަސްކޮށްދިނުން
- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
- މަސްވެރިކަމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
- ކުޅިވަރުގެ ދާއިރާއިން- ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
- ފަންނިއްޔާތުގެ ދާއިރާ
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
މި އެވޯޑަށް ހުށަހެޅުމަށް ޔޫތު މިނިސްޓްރީގެ ސައިޓުގައިވާ މި އެޕްލިކޭޝަން ފޯމު މެދުވެރިކޮށްވެސް އަދި މިނިސްޓްރީ (ސޯޝަލް ސެންޓަރ) އިންވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޔޫތު މިނިސްޓްރީގެ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2024 ގައެވެ.

