1445ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ސައުދީ އަރަބިއްޔާ އަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އެނބުރި ރާއްޖެ އައިސްފިއެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕްގައި 296 ހައްޖުވެރިން ރާއްޖެ އައީ މިއަދު 13:55 ހާއިރުއެވެ.
ހައްޖުވެރިންގެ ދެވަނަ ގްރޫޕު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އަދި އަންނަ މަހުގެ އެއް ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ވެސް ހައްޖުވެރިން މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވާން އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ހަނދާންކޮށްދީފައެވެ. މިގޮތުން އަރިދަފުސް ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދަތުރުމަތީގައި އާއި ހައްޖު/އުމްރާ އަދާ ކުރުމުގައި އުޅޭއިރު މާސްކް އަޅައިގެން އުޅެން ހަނދާންކޮށް ދިނެވެ.
ހައްޖުވެރިން ހައްޖުން އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.

