ދިރިއުޅުމުގެ އާންމު އާދައެއްގެ ގޮތުގައި ކުރާ ބައެއް ކަންތައްތަކުން ސިއްހަތަށް ނޭނގި ބޮޑެތި ގެއްލުންތައް ލިބޭކަން އެނގޭހެއްޔެވެ. މިއީ ހަގީގީތެދެއްކަން އަމިއްލައަށް ވިސްނާލުމުން އަދި ހޯދާ ބެލުމުން ވެސް ހާމަވެ އެނގޭނެކަން ޔަގީނެވެ. އޭގެ ތެރޭގައި ތަނެއްގައި އިށީނދެ އިންނައިރު، ހަށިގަނޑު ސީދާ ކޮށް ހިފެހެއްޓުމުގެ ބަދަލުގައި ގައިން ވަރުދޫކޮށްގެން ކަަންނެތް ގޮތަކަށް އިނުމަކީ ވަރަށް އާންމުކޮށް ކުރެވޭ ކަމެކެވެ. ދަތްދޮޅީގައި އަތްވިއްދައިގެން އުޅަބޮށި މޭޒުގައި ޖައްސައިގެން ގިނައިރުތަކެއް ވަން ދެން އިނުމަކީވެސް މިދެންނެވި ފަދަ އެހެންސިފައެވެ. ދަތްއުނގުޅާއިރު ބާރުބާރަށް އުނގުޅުމަކީވެސް އެފަދަ ކަމެކެވެ.
އިށީނދެ އިނުމުގައި އެއްފައި މައްޗަށް އަނެއްފައި ހުރަސްކޮށްގެން އިށީނދެ އިނުމަކީވެސް އެފަދަ އާދައެކެވެ.

އާދަކާދައަކީ ބަދަލުކުރެވޭ ކަމެކެވެ.
1999 ވަނަ އަހަރުގެ މޭމަހު އެމެރިކާގައި އާއްމުކުރި ސާރވޭއެއްގެ ނަތީޖާއިން ދައްކާގޮތުގައި 45 އިންސައްތަ އަންހެނުން އަބަދުވެސް އިށީނދެ އިންނަނީ ދެފައި ކަކުލާއި ހަމައިން ހުރަސްކޮށްގެންނެވެ. އަދި މީގެ ތެރެއިން 75 އިންސައްތަ މީހުންނަށް މިހެން އިށީނދެ އިނުމުން ލޭހިނގުމަށް ދަތިވާ ކަންވެސް އެގެއެވެ. މިސާރވޭގައި ބައިވެރިވި 72 އިންސައްތަ މީހުން ބުނަނީ މިގޮތަށް އިށީނދެ އިނުމަކީ ހަރުލާފައިވާ އާދައެއްކަމުގައެވެ. 69 އިންސައްތަ އަންހެނުން ބުނީ މިގޮތަށް އިންނަނީ ފަސޭހަކަމުން ކަމަށެވެ. އަދި 44 އިންސައްތަ އަންހެނުން ބުނީ މިގޮތަށް އިށީނދެ އިންނަނީ އެއީ ރީތި ގޮތެއް ކަމަށް ހީކޮށެވެ.

ދެފައިހުރަސްކޮށްގެން އިށީނުމަކީ ރީތިއާދައަކަށްވިޔަސް އެއީ ގެއްލުންހުރި ކަމެއްކަން އެނގުމުން އެކަން ބަދަލުކުރަން މަސައްކަތް ކުރާށެވެ.
ފައިގެ ކަކުލާއި ހަމައިން ދެފައި ހުރަސް ކުރުމުން ފައިގެ ނާރުތަކުގެ ލޭހިނގުމަށް ދަތިވެއެވެ. ފައިގެ ނާރުތަކުން ހިތަށް ލޭފޮނުވުން މަދުވުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ފައިގެ ނާރުތައް ދުޅަވުން އަދި ބައެއް ކުދިނާރުތައް ހަލާކުވުން ފަދަ ކަންކަން ހިމެނެއެވެ. ހާރޓް އެޓޭކް އާއި ބެހޭ ސްޕެޝަލިސްޓަކު ހާމަކުރި ގޮތުގައި އެންމެ ގިނަ މީހުންނަށް ހާރޓް އެޓޭކް ޖެހެނީ ދެފައި ހުރަސްކޮށްގެން އިށީނދެ އިންދައެވެ. އިށީނދެ އިނުމުގައި އެންމެ ރަގަޅުގޮތަކީ ރީތިކޮށް ތިރީގައި ދެފައިތިލަ ޖައްސާލައިގެން އިނުމެވެ. އަދި ބޭނުން ނަމަ ތިރި ގޮނޑިއެއް ނުވަތަ ފޮށިގަނޑެއްގައި ވެސް ފައިތިލަ ޖައްސައިގެން އިނދެވިދާނެއެވެ.

ރީތިއާދައެއްކަމަށް ހީކޮށް ކުރާ ކަމަކުން ބޮޑު ގެއްލުމެއް ލިބުމުގެ ކުރިން ރައްކާތެރިވުން މުހިންމެެެވެ.
ދެފައި ހުރަސްކޮށްގެން އިނުމަކީ އުނަގަނޑާއި މައިބަދަ އަދި ބޮލުގެ ބެލެންސް ގެއްލުވާލާ ކަމެކެވެ. އަދި މިކަމުގެ ނަތީޖާ އަކީ މައިބަދަ އަދި ބޮލުގައި ރިއްސުމުގެ އިތުރުން ނާރުތައް ދުޅަވެ ބޭރަށް ފުއްޕުމެވެ. ވީމާ ކޮންމެހެން ދެފައި ހުރަސްކުރަން ބޭނުން ނަމަ ފައިގެ ކުޑަ ހުޅާއި ހަމައިން ހުރަސް ކުރާށެވެ. އެއްގޮތަކަށްވެސް ކަކުލާއި ހަމައިން ހުރަސްކޮށް ނުހަދާށެވެ.
މިއާދަ ހަރުލާފައި ތިބި އަންހެނުން މިއަދުން ފެށިގެން މިކަން ދޫކޮށްލުމަށް މަސައްކަތް ކުރާށެވެ. ފަރިތަ ކުރުމަށްޓަކައި ކޮމްޕިއުޓަރުން މަސައްކަތް ކުރާއިރު، ކާއިރު ނުވަތަ ޓީވީ ބަލާއިރު ފައި ހުރަސް ނުކޮށް އިންނަން ފަރިތަ ކުރާށެވެ. ފުރަތަމަ ދުވަސްކޮޅު އުނދަގޫވާނެއެވެ. ނަމަވެސް ފަރިތަ ވޭތޯ މަސައްކަތް ކުރާށެވެ. ކަކުލާއި ހަމައިން ދެފައި ހުރަސްކޮށްގެން އިށީނދެ އިނުމަކީ ލަތީފީގޮތެއް ކަމުގައި ވެސް ނުބެލެވެއެވެ.

އާދަކާދައަކީ ބަދަލުކޮށްލަން އުނދަގޫވިޔަސް ވުން އެކަށީގެން ނުވާ ކަމެއް ނޫނެވެ….ފޮޓޯ:އައިސްޓޮކް
ފަޔަކީ އިންސާނާ ހިނގާއުޅުމާއި ކޮޅަށް ހުރުމުގައި މުޅި ހަށިގަނޑު ހިފަހައްޓާދޭ ގުނަނެވެ. ވީމާ ފައި ރަގަޅު ސިއްހަތެއްގައި ބެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ފައިގެ އެއްވެސް މައްސަލައެއްގެ ސަބަބުން ހެލިފެލިވެ އުޅުމަށް އަސަރުކުރުމަކީ މުޅި މީހާގެ ދިރިއުޅުން ބަދަލުކޮށް ލާނެކަމެކެވެ. ޚާއްސަކޮށް ޖިސްމާނީ ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ޒަމާނެއްގައި މާބަނޑުވުމަށް ފަހު އަދި ވިހެއުމަށްފަހުވެސް ވަޒީފާގެ މައިދާނުގައި އަންހެނުން ހަރަކާތްތެރިވާ އިރު ފައިގެ ސިއްހަތަށް ވަރަށް ބޮޑަށް ސަމާލުވާން ވާނެއެވެ.

ހިނގުމަކީ ރަނގަޅު ކަސްރަތެކެވެ….ފޮޓޯ:އައިސްޓޮކް
ފައިގެ ސިއްހަތު ރަގަޅަށް ބެހެއްޓުމަށްޓަކައި ލުއި ކަސްރަތެއްގެ ގޮތުގައި ހިނގާށެވެ. ކޮންމެ ދުވަހަކު އާދައިގެ ސްޕީޑެއްގައި ވިހި މިނިޓް ހިނގާނަމަ ފައިގެ ނާރުތަކުގައި ލޭހިނގުމުގެ މައްސަލަ ވަރަށް ބޮޑުތަން ރަގަޅުވާނެއެވެ. ހަފްތާއަކު އެއްފަހަރު ތިމާގެ ބައިވެރިޔާ ލައްވާ ނުވަތަ އެހެން ގާތް މީހަކު ލައްވާ ފައިތިލަ މަސާޖްކޮށްލާށެވެ. މުޅިހަށިގަނޑުގެ ބަރު ހިފަހައްޓާ ފައިގެ ނާރުތަކާއި ފައިތިލައިގެ މަސްތަކަށް ކަސްރަތު ލިބޭނެއެވެ.

