އަތޮޅު ސްކޫލުން ކިޔެވުން ނިންމުމަށް ފަހު، ހަޔަރ ސްޓަޑީޒް ހެދުމަށް މާލެ އައިސް އެއް އެޕާރޓްމެންޓެއްގައި ދިރިއުޅެމުން އަންނަ 3 އަންހެން ކުދީންނެވެ.
އެއީ ޝަޒޫ އާއި މަރީ އަދި ހާރިސާއެވެ.
ޝަޒޫ ކިޔެވުމަށް ކޮލެޖަށް ދާންފެށިތާ މާ ގިނަދުވަސްތަކެއްނުވެ އެކި ކަހަލަ އުނދަގޫތަށް ވާންފެށިއެވެ. ކިޔަވަން ދާން ގެއިން ނިކުތުމާއެކު ބޮލުގައި ރިހުމެއް އިހުސާސްކުރެވެން ފެށިއެވެ. ފުރަތަމަ ރިއްސަން ފެށީ ވަރަށް ކުޑަކޮށެވެ. ދެން އެ ރިހުމަށް ސަމާލުކަމެއް ނުދީ އޭނާ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. އޭގެ ދުވަސްތަކެއް ފަހުން މާ ބޮޑަށް ބޮލުގައި ރިހެން ފެށިއެވެ. ބައެއް ދުވަސް ދުވަހު ތެދުވަން ނުކެރޭވަރަށް ރިއްސައެވެ. ބޭސް ކައިގެން ވެސް ލުއިކަމެއް ލިބުނީ މަދު ދުވަސްކޮޅަކަށެވެ.
މާބޮޑުވަރު ވާން ފެށުމުން ޑޮކްޓަރަށް ވެސް ދެއްކިއެވެ. އޭނާގެ ބައްޔަކީ މައިގްރޭން ކަމުގައި ނިންމައި ޑޮކްޓަރު އޭނާއަށް އެކަމުގެ ބޭސްތައް ދިނެވެ. މަހެއްހާ ދުވަހު ލުއިކަމެއް ލިބިފައި ހުއްޓެވެ.
ދެން ވާންފެށީ މުޅީން ތަފާތު ގޮތްތަކެކެވެ. މީގެ ކުރިން ދުވަހަކުވެސް ނުރިއްސާ ވަރަށް ބޮލުގައި ރިއްސަން ފެށިއެވެ. ރިއްސަމުން ގޮސް މޫނު މައްޗަށް އަނދިރިވެ ތަންދޮރު ނޭނގޭ ހިސާބަށް ދެއެވެ. މިފަހަރު ޑޮކްޓަރަށް ދެއްކުމުން ވެސް ކުރީ ފަހަރެކޭ އެއްގޮތަށް މައިގްރޭން ކަމަށް ބުންޏެވެ. އެހެންކަމުން އަނެއްކާވެސް ބޭސް ކުރިޔަށް ގެންދިޔައެވެ.
އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. އިރު އޮއްސުނު ގަޑީގައި ކުއްލިއަކަށް ބޮލުގައި މާގަދައަށް ރިއްސައިގަތުމާއެކު، މޫނުމައްޗަށް އަނދިރިވިއެވެ. ގައިތެރެއިން ހޫނުގަނޑެއް އެރިހެން އިހުސާސް ކުރެވުނެވެ. އެގޮތަށް ހޫނު އަރަން ފެށުމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ކޮޓަރީގައި ރީތި ވާން ހުއްޓާ، ކަންފަތް ކައިރީ އޭނާގެ ނަމުން ވަރަށް މަޑުމަޑުން ގޮވާލިހެން ހީވިއެވެ. އެހިސާބުން ފެށީ ބޮލުގައި ރިއްސާށެވެ. ގައިގެ ވަރުވެސް ދޫވާން ފެށިއެވެ.
އެހެން ވާން ފެށުމުން ވަރުބަލި ފިލުވާލަން އެނދުގައި އޮށޯވެލިތަނާ ނިދިއްޖެއެވެ. މިގޮތަށް މިކަން ތަކުރާރުވާތާ ދުވަސްކޮޅެއް ވުމުން، މިހިނގަނީ އާދައިގެ ކަމެއް ނޫންކަމުގެ އިހުސާސް ކުރެވެންފެށިއެވެ. ސަބަބަކީ މިގޮތަށްވެ ނިދޭ ކޮންމެފަހަރަކު ފެންނަނީ އެކި ފާޑު ފާޑުގެ ނުބައި، ބިރުވެރި އަދި ޝަހުވަތުން ފުރިގެންވާ ހުވަފެންތަކެއް ކަމަށް ވާތީއެވެ.

ޖިންނިޝައިތާނުން އަވަލަނީ ގިނަފަހަރު އަމިއްލައަށް ނޭނގި އެމަހުލޫގުންނަށް ދެވޭ ދައުވަތަކުންނެވެ….ފޮޓޯ:ވެރައިޓީސް
މިގޮތަށް ދުވަސްތައް ވޭތުވަމުންދާތީ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އަދި މިވާހަކަތައް ދެން ތިބި ދެކުދިންނަށް ކިޔައިދީ މިކަމާމެދު މަޝްވަރާ ކުރިއެވެ. އެހިސާބުން އެކި ސައިޓުތަކުންނާއި އެކި މީހުން ކައިރިން މައުލޫމާތު ހޯދުމުން އެނގިގެން ދިޔައީ ޝަޒޫއަށް ދިމާވާ ކަންތައްތަކަކީ ރޫޙާނީ ކަމެއްގެ ޢަލާމާތްތަކެއް ކަމެވެ. މިކަމާ ބިރުން އެވާހަކަތައް ޢާއިލާ މީހުނަށް ކިޔައިދިނެވެ. ފަންޑިތައިގެ ވާނުވާ އޭރު އެމީހުނަކަށް ނޭނގެއެވެ. އެހެންކަމުން މިކަމަށް ފަރުވާ ކުރުމަށް އޭނާގެ ބައްޕަ ފުރަތަމަ ގެނައި މީހާއަކީ ހުއްދަނޫން ޒާތުގެ ފަންޑިތަ ހަދާމީހެކެވެ. އެހެންނަމަވެސް އެފަހަރު އެމީހާ ކިޔަވާފައި ދިނީ ފެންތައްޓެކެވެ. ކިޔެވީ ކޯޗެއްކަމެއް ނޭނގެއެވެ.
އޭގެ ފަހުން މަހެއްހާ ދުވަހު އަނެއްކާވެސް ލުއިކަމެއް ލިބިފައި ހުއްޓެވެ. ދެން ކުރެވެން ފެށީ އަބަދުވެސް ކައިރީގައި މީހަކު އުޅޭ ކަމުގެ ބިރުވެރި އިޙްސާސެކެވެ. ކޮޓަރީގައި ހުއްޓަސް، އަދި ފާޚާނާގައި ހުއްޓަސް މިއިޙްސާސް ކުރެވެއެވެ.
މިކަންތައް ހިނގަން ފެށުމާއެކު އެއްގޮތަކަށްވެސް ކިޔަވަން ދެވޭ ގޮތެއް ނުވެއެވެ. މިހިސާބަށް ކަންތައް ދިޔައިރު ކިޔަވާ ހިތް ނުވާން ފަށައިފިއެވެ.
ޝަޒޫގެ ހިތް އަބަދުވެސް އެދެނީ ކޮޓަރި އަނދިރިކޮށްލައިގެން އެކަނި ކޮޓަރީގައި އޮތުމަށެވެ. ނިދީގައި ސިއްސައިގެން ދިއުމާ، ނިދިން ހޭލާއިރު ގައިގެ ތަންތަން ނޫފައިގަނެފައި ހުރުމާއި، ގައިގައި ވަކިދަމާފައި ހުންނަގޮތަށް ހުރުން އިތުރުވެގެން ދިޔައެވެ.
މިވޭންތަކުގައި ބިރުވެރިކަން އިތުރުވާން ފެށިއެވެ. އެހެންކަމުން އަނެއްކާވެސް ޙައްލެއް ފެނޭތޯ މަސައްކަތް ފެށީއެވެ. މިފަހަރު ބޭބެއެއް މެދުވެރި ވެގެން ރުޤްޔާ ކުރާ މީހަކު ގެނައެވެ. ރާޤީ ބެލި ބެލުމުން އެނގުނީ އޭނާއާ ޖިންނިއެއް އަވަލާފައި ހުރިކަމެވެ.
ޝަޒޫއާ އެޖިންނި އަޅައިގަތީ ކީއްވެކަން ރުޤްޔާ ކުރުމުގެ ތެރެއިން އެނގިގެން ދިޔައެވެ. އެއީ ރަށުގައި އުޅުނުއިރެވެ. ރައްޓެހިވެގެން އުޅުނު ކުއްޖާއާއި އެކު ރަށުގެ ވަލުތެރޭގައި ހުންނަ ނިކަ ގަސް ބުޑުގަ ބައްދަލުކުރެއެވެ. އެމަންޒަރު މިޖިންނި އައީ ބަލަމުންނެވެ. އެއީ އެތަނަކީ ވަރަށް ގިނައިން ދުވާލުވެސް އަދި ރޭގަނޑުވެސް ދެމީހުން ބައްދަލުކޮށް ގޮތްގޮތަށް އުޅެން ދާ ތަނެކެވެ. އަދި ދެމީހުން ވެގެން އެގަހަށް އެއްޗިހި އުކާ ގަހަށް އަރާ ނިކަ ބިނދެގެން ކައިވެސް ހަދައެވެ.

ﷲނަހީކުރައްވާފައިިވާ ފާޙިޝްއަމަލުތައް ފަޅުތަންތަނުގައި ކުރާއިރު އެތަނުގައި ޖިންނިޝައިތާނުން އުޅޭނެއެވެ.
ރުޤްޔާ ކުރުމުގެ ތެރޭގައި ހާޒިރުވި ޖިންނި ބުނި ގޮތުގައި ދެމީހުން އެތާ ފާޙިޝް ޢަމަލު ހިންގާ ޒިނޭ ކުރާ ތަން ގިނަ ގިނައިން ފެންނާތީ އޭތި ވެސް އެކުއްޖާ ދެކެ ލޯބިވެގެން އެކަން ކުރަން ބޭނުންވީއެވެ. އަދި ބައެއް ރޭރޭ އެއްކޮށް ބަރަހަނާ ވެގެންވާ ހާލުގައި ވެސް ޒިނޭ ކުރަން ތިއްބާ ފެނިގެން ހިތާވެ ކައިރިވާން ބޭނުންވީ އެވެ.
ޖިންނި އެއްގޮތަކަށް ވެސް އޭނާ ދޫކޮށް ދިއުމަށް ބޭނުމެއް ނުވިއެވެ. ކުރިން ފަންޑިތަ ހަދަން އައި މީހާ ހެދި ފަންޑިތައިގެ ސަބަބުން އިތުރު ޖިންނި އެއްވެސް ވަނީ ޝަޒޫ ކައިރިއަށް އައިސްފައެވެ. އެމީހާ ޝިރުކުގެ ގޮތަށް އެކަންކޮށް ޖިންނީގެ ވާގި އެދި އެކަންކުރުމުން ވީކަމެއް ކަމުގައި ބެލެވެއެވެ. އެޖިންނި ބޭނުންވަނީ އަބަދު ޝަޒޫ ކައިރީ ހުންނާށެވެ. އޭނާގެ ހަށިގަނޑުން ހުއްދަ ނޫންގޮތުގައި އަރާމު ހޯދާ އޭނާއާ ޒިނޭ ކުރާށެވެ. އުމުރު ދުވަހުވެސް ޝަޒޫ ކައިރީ ހުންނަން ޖިންނި ބޭނުންވިއެވެ.
ރުޤްޔާ ކުރުމުގައި ދުވަސްތައް ވޭތުވެގެން ދިޔައިރު ވެސް އޭނާގެ އުޅުމަކަށް ބަދަލެއް ނުގެނެއެވެ. ދީނީ ކަންކަމަށް ސަމާލު ކަމެއް ނުދެއެވެ. މިކަން މިހެން ވާތީ، ރާޤީ އޭނާއަށް ނަސޭހަތްތެރި ވަމުން ގެންދިޔައެވެ. ނަމާދުތައް ކުރުމަށާއި ޒިކުރުތައް ކިޔުމަށް އަބަދުވެސް ބުނެދެމުން ގެންދިޔަ އެވެ.
އެހިސާބުން އެހެނިހެން މީހުން ކުރެންވެސް އަދި އެކި ގޮތްގޮތުން ދީނުގެ ކަންކަން އޮޅުފިލުވަމުން އޭނާ ގެންދިޔައެވެ. މީގެ ނަތީޖާއަކަށްވީ އޭނާގެ އުޅުން އިސްލާހު ކޮށް ބަރާބަރަށް ނަމާދާއި ޒިކްރުތަށް ކުރަން ފަށުމެވެ. އަދި ޤުރްއާން ކިޔެވުން ގިނަކުރިއެވެ. އޭނާގެ ޙަޔާތަށް މިކަންކަމުން ދިރުން ލިބެންފެށިއެވެ. ޝަހުވަތްތަކާއި ނުބައި ކަންކަމާ ދުރުވާން ފެށުނެވެ. މިއިސްލާހުތަކަށް ފަހު ރުޤްޔާ އިން ފަރުވާ ހޯދަން ފެށިތާ މާ ގިނަދުވަސް ތަކެއް ނުވެއެވެ. ﷲގެ ރަޙްމަތާއެކު އެކަމުން އޭނާ ސަލާމަތްވެ ޝިފާ ލިބިގެން ދިޔައެވެ.
އެއަށްފަހު ޝަޒޫއަށް މިހާރު އެކަހަލަ އެއްވެސް އުނދަގުލެއް ދިމައެއް ނުވެއެވެ. އަދި ﷲގެ އިރާދަފުޅާއެކު ކިޔެވުންވެސް ދިޔައީ ކުރިއަށެވެ.
މިކަން ކަމުން ޢިބްރަތް ލިބިގަނެ އޭނާގެ ދެރަޙްމަތްތެރިން ވެސް އެމީހުންގެ އުޅުން އިސްލާހު ކޮށްފިއެވެ.
ހުރިހާ ޙަމްދެއް ވަނީ މާތް ﷲއަށެވެ.
އެކުވެރިންނޭވެ! ފާޙިޝް ކޮންމެ ކަމަކަށް ޝައިޠާނާ ލޯބިކުރެއެވެ. އަދި އެފަދަ ކޮންމެ ކަމެއް ކުރާއިރު އޭނާ ތިބާ ކައިރީ ހުރެއެވެ. އަދި އޭނާވެސް ތިބާއާއެކު އެފާޙިޝްކަމުގައި ބައިވެރި ވެއެވެ. ތިބާއަށް ނުފެނިއެވެ. އަދި ހުވަފެން ތަކެއްގައި ތިބާ ޖައްސާފައި ބާއްވައިގެންނެވެ. ނިދީގައާއި ހޭލާ ހުންނައިރުއެވެ. އޭނާ ތިބާގެ ގައިގާ ބީހެއެވެ. ތިބާ ނުރުހުނަސް މެއެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ ހަށިގަނޑުގައި ކިތައްމެ ވޭނެއްއެޅިޔަސްމެއެވެ.
އޭނާގެ ކިބައިން ތިބާއަށް ސަލާމަތްވެވޭނީ ތިބާގެ އުޅުން ﷲ އެންގެވިގޮތަށް ބައްޓަންކޮށްގެނެވެ. އެއިލާހުގެ ކަލާމްފުޅުގެ ފުރިހަމަ ފައިދާ ކުރާނީ އެކަލާމްފުޅުގައިވާ ކަންކަމަށް އީމާންވެ ޢަމަލުކުރުމުންނެވެ. އެހެން ނޫނީ އެއީ ހަމަ ފޫނެއްފަޔަށް ފެންފުރުންފަދަ ކަމަކަށް ވެގެން ހިނގައިދާނެއެވެ. ނަމާދާއި ޒިކުރުތަކަކީ ތިބާ ރައްކާތެރި ކޮށްދޭ ކަންކަމެވެ. ނުބައި އުޅުން ދޫކޮށް އަވަހަށް އިސްލާޙްުވާށެވެ. ޝައިޠާނާގެ ވަކިތަކުން ސަލާމަތްވާށެވެ.
މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ރަޙްމާންވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ ޝައިޠާނެއް ފާކުރައްވާހުށީމެވެ. ފަހެ، ޝައިޠާނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ. އަދި ހަމަކަށަވަރުން، އެ ޝައިޠާނުން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ."
ޔާﷲ! އަޅަމެން ޝައިޠޯނާގެ ނުބައިކަމުން ރަައްކައުތެރި ކޮށްދެއްވަފާނދޭވެ! އާމީން!
(މައިތިރި، އަޖްނާދު ޢަލީ)

