އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ “ސަމޯއާ އެގްރީމަންޓް” ގައި ރާއްޖެ އިން ބައިވެރިވުމަށް ކެބިނެޓުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން، މިކަމާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ ކަރުދާހުގައިވާ މަޢުލޫމާތުތަކުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ސަމޯއާ އެގްރީމަންޓަކީ ކުރިއަށް އޮތް ވިހި އަހަރަށް އީ.ޔޫ. – އޯ.އޭ.ސީ.ޕީ.އެސް. ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ޤާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމެންޓެކެވެ. މި މައިގަނޑު 6 ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.
މި އެގްރީމެންޓުގައި ބައިވެރިވެ، އޯ.އޭ.ސީ.ޕީ.އެސް. ގެ ފުރިހަމަ މެންބަރަކަށް ވުމުން ޔޫރަޕްގެ އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތައް ހުޅުވުމަށް މަގުފަހިވެގެންދާނެއެވެ.

