މެޗު ތެރޭގައި ބޯޅަ ނެތީސް ދުވެ ހެދުމަކީ އެހާ ގަޔާވާ ކަމެއް ނޫން ކަމަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.
މެސީ މިހެން ބުނީ ކްލޭންކް މީޑިއާ އަށް ދިން ހާއްސަ އިންޓަވިއުއެއްގައެވެ. މެސީ ބުނީ ބޯޅަ ނެތީސް ދުވުމަކީ އެއްވެސް ވަރަކަށް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަަމަވެސް ބޯޅަ ނޯންނައިރު ބައިވަރު އެހެން ކަންތައް ކުރާ ކަމަށެވެ.
“ބޯޅަ ނެތީސް ދުވުމަކީ އަހަރެން ގަޔާވާ ކަމެއް ނޫން. އެންމެ ކުޑައިރުން ފެށިގެން ވެސް އެކަމާ އަހަރެން ދެކޮޅު. ކުޑައިރު ނެވެލްސް އަށް ކުޅުނު އިރު ވެސް ދުވަން ޖެހުނީމަ އަހަރެން ހުންނަން ގަހެއްގެ ފަހަތައް އަރައި ފިލައިގެން. ނުދުވަން ވެގެން. ވަރަށް ގިނައިން ފެންނާނެ މެޗު ތެރޭ އެހެން ހިނގާލަ ހިނގާލަ ހުންނަތަން. ބޯޅަ ނޯންނަައިރު އަހަރެން އޮބްޒާވް ކުރަން އިދިކޮޅުގެ ޕޮޒިޝަނިންގް، ބޯޅަ ލިބޭއިރަށް ކައުންޓާ އެޓޭކެއް ކުރެވޭނެ ގޮތާއިމެދު، މިހެންގޮސް ވަރަށް ގިނަ ކަންތަކާ ވިސްނާ ހަދަން،” މެސީ ބުންޏެވެ.
މެސީ ބުނީ އޭނާ އަކީ މެޗުގައި އޭނާ އަށް ދުވެވެނީ ކިހާ ވަރަކަށްތޯއާ އަދި އެހެނިހެން ޑޭޓާތައް ބަލައި އެކަންތަކަށް ފަރުވާ ބަހައްޓާ މީހެއްް ނޫން ކަމަށެވެ.
“އަހަރެން ނުބަލަން މެޗުގައި އަހަންނަށް ދުވެވުނީ މިވެނި ވަރަކަށްތޯ. ޖީޕީއެސް އަކަށް ފަރުވާލެއް ނުބަހައްޓަން. އެނޫނަށް އެހެނިހެން ޑޭޓާ ތަކާއި ސްޓެޓިސްޓިކްސްތަކަށްވެސް މާ ބޮޑު ފަރުވާލެއް ނުދެން،” މެސީ ބުންޏެވެ.
މެސީ މިހެން ބުނިއިރު މެޗު ތެރޭގައި އޭނާ ވަރަށް ގިނައިން ހިނގާލަ ހިނގާލަ އުޅޭތަން ފެނެއެވެ. ރެކޯޑު 8 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ގިނަ ކޯޗުންވެސް މިކަމާ އެއްބަސްވާއިރު އާންމުގޮތެއްގައި ހުރިހާ ކޯޗުންވެސް މެސީ އަށް މެޗު ތެރޭގައި ދީފައި އޮންނަނީ ވަރަށް ފްރީ ރޯލެކެވެ.
މިވަގުތު މެސީ އަންނަނީ އާޖެންޓީނާއާއެކު ކޮޕާ އެމެރިކާގައި ވާދަކުރަމުންނެވެ. އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ކެނެޑާ ބަލިކުރިއިރު ދެވަނަ މެޗުގައި އެ ޓީމު ނުކުންނާނީ ޗިލީއާ ދެކޮޅަށެވެ. މި މުބާރާތާ އާޖެންޓީނާ ކުރިމަތިލީ މެސީގެ ކެޕްޓަން ކަމުގެ ދަށުން ބައިނަލްއަގުވާމީ ތިން މުބާރާތެއް ޖެހިޖެހިގެން ކާމިޔާބުކުރުމަށްފަހު އެވެ.

