އަބުއްސާއިބު ވިދާޅުވިއެވެ.
“އަހަރެން އަބޫ ސަޢީދުލް ޚުދްރީގެ އަރިހަށް، އެކަލޭގެފާނުގެ ގެކޮޅަށް ދިޔައިމެވެ. އަހަރެންނަށް ފެނުނީ އެކަލޭގެފާނު ނަމާދުކުރައްވަން ހުންނަވަނިކޮށެވެ. ދެން އަހަރެން އެކަލޭގެފާނު ނަމާދުފުޅުން އަވަދިވެވަޑައިގަންނަވަންދެން އިންތިޒާރުގައި އިނީމެވެ. އެހިނދު އަހުރެންނަށް އިވުނީ އެގޭގެ ކަނާ ދިމާލުގައި ހުރި ލަކުނޑި ތަކެއްގެ ތެރޭން އެއްޗެއް ޙަރަކާތް ކުރާ އަޑެވެ. ދެން އަހަރެން އެދިމައަށް ބަލައިލިއިރު ފެނުނީ ހަރުފައެކެވެ.
އެހިނދު އަހަރެން އޭތި މަރާލުމަށް އެޔާއި ދިމާލަށް ފުންމައިގެން ތެދުވެގެން ދާން ފެށުމުން، އަހަރެން އިށީނުމަށް އަހަންނަށް އަބޫސަޢީދު އިޝާރާތް ކުރެއްވިއެވެ. އެހެންވެ އަހަރެން އިށިނީމެވެ.
އަބޫސަޢީދު ނަމާދުން ނިމިވަޑައިގެން ގޭގައިވާ ކޮޓަރިއަކަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ. “ތިބާއަށް އެކޮޓަރި ފެނޭ ހެއްޔެވެ؟” ފަހެ އަހަރެން އާއެކޭ ބުނުމުން ވިދާޅުވިއެވެ.
“އެތަނުގައި އަލަށް ކައިވެނި ކުރި ޒުވާނަކު އުޅުނެވެ. ފަހެ އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ޚަންދަޤަށް (ޚަންދަޤު ހަނގުރާމައިގައި ބައިވެރިވުމަށް) ދިޔައިމެވެ. އަދި އެޒުވާނާ ދުވަހުގެ މެދެއްހާ ހިސާބު، އޭނާގެ އާއިލާގެ ގާތަށް ދިޔުމަށް ހުއްދައަށް އެދެއެވެ.
ދެންފަހެ އެއްދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ހުއްދަ ދެއްވައި ޙަދީޘް ކުރެއްވިއެވެ. “ކަލެއާ އެކު ހަތިޔާރު ގެންދާށެވެ. އެހެނީ ޤުރައިޡާގެ ލަޝްކަރު ކަލެއަށް ހަމަލާ ދީފާނެތީ ތިމަންކަލޭގެފާނު ބިރުވެތިވަމެވެ.”
ދެން އެޒުވާނާ އޭނާގެ ހަތިޔާރުތައް ހިފައިގެން އެނބުރި ޢާއިލާ ކައިރިއަށް ދިޔައިރު ފެނުނީ އޭނާގެ އަނބިމީހާ ގޭގެ ދެމެދުގައި” ކޮޅަށް ހުއްޓައެވެ. އެހިނދު އެކަމާ ހިތްހަމަ ނުޖެހި އޭނާގެ ލޮންސި އެކަމަނާގެ ގަޔަށް ޖެހުމަށް ނެގިއެވެ.
އެހިނދު އެކަމަނާ ބުންޏެވެ. “ތިބާގެ ލޮންސި އެއްފަރާތް ކުރާށެވެ! އަދި ތިބާގެ ގެއަށް ވަދެ، ތިމަން ކަމަނާ ބޭރަށް އައިސް ހުންނަން ޖެހުނީ ކީއްވެތޯ ބަލައިބަލާށެވެ!”
އެހިނދު އެޒުވާނާ ގެއަށްވަދެ ބެލިއިރު ފެނުނީ އޭނާގެ އެނދުތަންމަތީ ދިގު ބޮޑު ދިރޭ ހަރުފައެއް އޮޅާލާފައި ވަނިކޮށެވެ. އެހިނދު އެޒުވާނާ އޭނާގެ ލޮންސި ހަރުފަޔަށް ހަރާލިއެވެ. ދެން އެހަރުފައާއެކު ލޮންސި ގޯތިތެރެއަށް ޖަހާފައި އޭނާ ނުކުތެވެ. ނަމަވެސް އެހަރުފަ މަޑުމަޑުން ހިރެމުން ގޮސް އޭނާއަށް ހަމަލާ ދިނެވެ. އަދި އެތަނުން ކުރިން މަރުވީ ހަރުފަ ކަމެއް ނުވަތަ އެޒުވާނާ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ދެންފަހެ ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް އެވާހަކަތައް ކިޔައިދީ ދެންނެވީމެވެ. “ތިމަން ބޭކަލުންނަށްޓަކައި އެޒުވާނާއަށް ދިރުން ދެއްވާތޯ ދުޢާ ކޮށްދެއްވާށެވެ.”
އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސެވުމަށް އެދޭށެވެ!” އަދިވެސް ޙަދީޘް ކުރެއްވިއެވެ. “ހަމަ ކަށަވަރުން އިސްމާމް ވެފައިވާ ޖިންނީން މަދީނާގައި ވެއެވެ.އޮ ފަހެ ތިޔަބައިމީހުނަށް އޭގެން އެއްޗެއް ފެނިއްޖެނަމަ، ނުކުމެގެން ދިއުމަށް އެޔަށް 3 ދުވަހު އަންގާށެވެ. ދެން އެޔަށްފަހުވެސް އޭގެން އެއްޗެއް (ގޭތެރެއިން ހަރުފައެއް) ފެނިއްޖެ ނަމަ މަރާލާށެވެ. އެހެނީ އެހެން ވެއްޖެނަމަ ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ.” (ހަދީޘް: ޞަޙީޙް މުސްލިމް)
[އަޖްނާދު އަލީ، މައިތިރި އަށް ލިޔެފައިވާ ލިޔުމެއްގެ ނަކަލެއް)

